ދިވެހިރާއްޖެއާއި ކޮޓްޑިވުއާއާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ފޮރިން މިނިސްޓަރު މޫސާ ޒަމީރު ދެއްވައިފިއެވެ.
މިނިސްޓަރު ޒަމީރު މި ޔަގީންކަން ދެއްވީ ކޮޓްޑިވުއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ޚާރިޖީ ވަޒީރު ކަކޫ ހުއަޖާ ލިއޯން އެޑޮމްއަށް، ފޮނުއްވި ތަހުނިޔާގެ މެސެޖެއްގައެވެ.
މިނިސްޓަރުގެ މެސެޖުގައި ވަނީ ކޮޓްޑިވުއާގެ މިނިވަން ދުވަހުގެ އުފާވެރި މުނާސަބަތުގައި އެ ގައުމުގެ ޚާރިޖީ ވަޒީރާއި ކޮޓްޑިވުއާގެ ސަރުކާރަށް އަދި ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއްކަން ފާހަގަކުރައްވައިފައެވެ.
“ދިވެހިރާއްޖެއާއި ކޮޓްޑިވުއާއާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި މަނިކުފާނާއެކު މަސައްކަތްކުރުމަށް އަޅުގަނޑު ތައްޔާރަށް ހުރިކަމުގެ ޔަގީންކަން އަރުވަން.“ މިނިސްޓަރުގެ މެސެޖުގައިވެއެވެ.
މިނިސްޓަރު ޒަމީރު ވަނީ ކޮޓްޑިވުއާގެ ޚާރިޖީ ވަޒީރަށް ދުޅަހެޔޮ ސިއްހަތާއި ކޮޓްޑިވުއާގެ ރައްޔިތުންނަށް އިތުރު ކުރިއެރުމާއި އުފާ ފާގަތިކަން ލިބުމަށް އެދިވަޑައިގެންފައެވެ.
“އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ގަދަރު އާކޮށް، އެކަން ޔަގީންކޮށް އެރުވުމަށް މި ފުރުސަތުގެ ބޭނުންކުރީމެވެ.“ މެސެޖު ނިންމަވައިލައްވަމުން ވިދާޅުވެފައިވެއެވެ.