ޑރ. އިޔާޟާއި ޝައިޚު އިލްޔާސްގެ ''ހެޔޮ ބަސްފުޅުތަކެއް'' ވަޒީރު ޑރ.ޝަހީމަށް

Loading

Facebook
Twitter
WhatsApp

ރާއްޖޭގެ އެންމެ މަޝްހޫރު ދީނީ އިލްމުވެެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފާއި, އައްޝައިޚު އިލްޔާސް ޙުސައިން, އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދަށް ތައުރީފު ކުރައްވައި, “ހެޔޮ ބަސްފުޅުތަކެއް“ ރައްދު ކުރައްވައިފިއެވެ.

ޢަދާލަތު ޕާޓީގެ އިސް ދެ އިލްމުވެރިން ކަމަށްވާ ޑރ. އިޔާޟާއި, ޝައިޚު އިލްޔާސް, ޑރ. ޝަހީމާމެދު ހެޔޮ ބަސްފުޅުތަކެއް ވިދާޅުވެފައިވަނީ މީސްމީޑިއާގެ މަންސައެއް ކަމުގައިވާ “އެކްސް“ ގެ ޒަރީއާއިން ކުރެއްްވި ޕޯސްޓެއްގައެވެ.

މިގޮތުން ޑރ. އިޔާޟް ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ ޑރ. ޝަހީމްގެ ޢިލްމީ ފެންވަރާއި ހުނަރުވެރިކަމަކީ އެކަމާމެދު ސުވާލު އުފެއްދުމުގެ ޖާގައެއްް އޮތް ކަމެއް ނޫން ކަމަށެވެ.

“ޕީއެޗްޑީގައި ޑރ. ޝަހީމް ފާސްވެފައިވަނީ (ކުދި އިސްލާހުތަކާއެކު), މިއީ މަދު ކެނޑިޑޭޓެއް ފިޔަވާ ހުރިހާ ބޭފުޅުންނަށް ވެސް ލިބޭނެ އެންމެ މަތީ މާކުސް. ވީމާ ޑރ. ޝަހީމް ޕީއެޗްޑީ ވައިވާ އިން ފާސްނުވާ ކަމަށާއި ގެންގުޅުއްވަނީ ފޭކް ސެޓްފިކެޓެއް ކަމަށް ދެކެވޭ ވާހަކައަކީ ހަގީގަތާ ޚިލާފު ދޮގު ވާހަކައެއް.“

“2013 ވަނަ އަހަރު އަޅުގަނޑާއި ޑރ. ޝަހީމްގެ އަދި ޑރ. މުނީޒާ ދަސްވެނިމުނީ އެކީގައި.“ ތިން ބޭފުޅުން އެކުގައި ނަންގަވާފައިވާ ފޮޓޯއެއް ހިއްސާކުރައްވައި ކުރެއްވި ޕޯސްޓުގައި ޑރ. އިޔާޟް ވިދާޅުވެފައިވެއެވެ.

ޑރ. އިޔާޟްގެ ޕޯސްޓު ނިންމަވައިލައްވައިފައިވަނީ ސޫރަތުލް މާއިދާގެ 8 ވަނަ އާޔަތުގެ މާނައިންނެވެ.

އެ އާޔަތުގައި ވަނީ ތިޔަބައިމީހުންގެ މެދުގައި އުފެދިފައިވާ ރުޅިވެރިކަމެއް އެއީ ތިޔަބައިމީހުން ޢަދުލުވެރިނުވުމަށް ބާރުއަޅާކަމެއް ކަމުގައި ނުހެދުމަށް އަންގަވައިފައެވެ. އަދި ތިޔަބައިމީހުން ޢަދުލުވެރިވުމަށާއި އެގޮތް ތަޤުވާވެރިކަމާ ގާތް ކަމަށް އާޔަތުގެ މާނައިގައިވެއެވެ.

ޑރ. އިޔާޟްގެ ޕޯސްޓުގައި ޑރ. ޝަހީމުގެ އިލްމީ ފެންވަރުގެ މައްޗަށް އަލިއަޅުވައިލައްވައިފައިވާއިރު, ޑރ. ޝަހީމު ތައުލީމު ހާސިލު ކުރެއްވީ ދިވެހިރާއްޖޭގެ އިތުރުން ޕާކިސްތާނާއި, މިޞްރާއި, ސަޢޫދީ ޢަރަބިއްޔާއާއި, މެލޭޝިޔާއިންނެވެ. އެމަނިކުފާނު ޕީއެޗްޑީ ހާސިލު ކުރެއްވީ މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގައި އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައެންސަސް (ފިޤުހު އެންޑް އުޞޫލުލްފިޤުހު) ގެ ދާއިރާއިންނެވެ.

ބައިނަލްއަގުވާމީ ބޮޑެތި އިސްލާމީ ޖަމާއަތްތަކުގައި ޚިދުމަތްކުރައްވައި މަތީ މަގާމުތައް ފުރުއްވާފައިވާ އަދި ދުނިޔޭގެ އެންމެ ނުފޫޒު ގަދަ 500 މުސްލިމް ޝަޚްޞިއްޔަތުގެ ލިސްޓުގައި މިހާރު ވެސް ހިމެނިވަޑައިގަންނަވާ ވަޒީރު ޑރ. ޝަހީމުގެ ދިފާއުގައި ޝައިޚު އިލްޔާާސް ކުރެއްވި ޕޯސްޓުގައި ވަނީ ޑރ. ޝަހީމުގެ ޝަޚުސިއްޔަތު ކިލަނބު ކުރަން “ބަޔަކު މީހުން“ ފަތުރަމުން ދަނީ ހަގީގަތާ ޚިލާފު ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ.

ޝައިޚު އިލްޔާސްގެ ކުރު ޕޯސްޓު ނިންމަވައިލައްވަމުން ވަނީ ޑރ. ޝަހީމަށް ކެތްތެރިކަން ދެއްވައި ސާބިތުކަން ދެއްވުމަށާއި, ހަސަދަވެރިންނާއި, މަކަރުވެރިންގެ ނުބައި ރޭވުންތަކުން ސަލާމަތްކުރެއްވުމަށް އެދި ދުޢާ ދަންނަވައިފައެވެ.

މި ދެ އިލްމުވެރިން ވިދާޅުވި ހެޔޮ ބަސްފުޅުތަކަށް ވަޒީރު ޑރ. ޝަހީމް ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

އިސްލާމީ ގައުމުތަކުގެ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާތައް ބައިވެރިވާ ގޮތަށް ބާއްވާ ޚާއްސަ ކޮންފަރެންސްގެ 9 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށްޓަކައި މައްކާގައި މިވަގުތު ހުންނެވި ޑރ. ޝަހީމް “އެކްސް“ ގައި ކުރެއްވި ޕޯސްޓުގައި ވަނީ ސަފުތައް އަލުން އިއާދަކޮށް މަރުހަލާގައި ސާބިތުވެ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ‎ހުރިހައި ބޭފުޅުން އެއްބާރުލުން ދެއްވުމަށް ވެސް އެދިވަޑައިގެންފައެވެ.

“އަޅުގަނޑާ މެދު ވިދާޅުވި ހެޔޮ ބަސްފުޅުތަކަށްޓަކައި ޝައިޚު ޑރ. އިޔާޟާއި, ޝައިޚު އިލްޔާސަށް ‎ޝުކުރު ދަންނަވަން. ސަފުތައް އަލުން އިއާދަކޮށް މަރުހަލާގައި ސާބިތުވެ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ‎ހުރިހައި ބޭފުޅުން އެއްބާރުލުން ދެއްވާ.“ އެކުވެރިކަމަކީ ގަދަފަދަ ބާރެއްކަން ފާހަގަ ކުރައްވައި ވަޒީރު ވިދާޅުވެފައިވެއެވެ.

ޑރ. އިޔާޟާއި ޝައިޚު އިލްޔާސް, “ހެޔޮ ބަސްފުޅުތަކެއް“ ވަޒީރު ޑރ.ޝަހީމަށް ރައްދު ކުރައްވައިފައިވާއިރު, ދާދިފަހުން ޑރ. އިޔާޟާއި ވަޒީރާއި ބައެއް ދީނީ އިލްމުވެރިންގެ މެދުގައި ވެސް ވަނީ ހޫނު ބަހުސްތަކެއް ހިނގައިފައެވެ. އެ ބަހުސްތައް ހިނގީ ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާ ޝަހީދުކޮށްލުމުން އޭނާގެ މައްޗަށް ރާއްޖޭގައި ޣައިބަށް ކަށުނަމާދު ކުރުމާ ގުޅޭ މައްސަލައާ ގޮތުންނެވެ.

މި މައްސަލާގައި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއަށާއި ވަޒީރަށް ފާޑުކިޔުންތައް ވެސް އަމާޒުވިއެވެ. މައިގަނޑު ގޮތެއްގައި ފާޑުކިޔުން އަމާޒުވީ ހަނިއްޔާގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރަން ވުޒާރާއިން ރަސްމީކޮށް ނާންގާ ކަމަށް ބުނެއެވެ. ނަމަވެސް ވުޒާރާއިން އެންގި އެންގުމާ އެއްގޮތަށް މިދިޔަ ހުކުރު ދުވަހު މިސްކިތްތަކުގައި ވަނީ ހަނިއްޔާގެ މައްޗަށް ޣައިބަށް ކަށުނަމާދުކޮށްފައެވެ.

ޑރ. ޝަހީމުގެ ޝަޚުސިއްޔަތު ކިލަނބު ކުރަން “ބަޔަކު މީހުން“ ފަތުރަމުން ދަނީ ހަގީގަތާ ޚިލާފު ދޮގު ވާހަކަތަކެއް ކަމަށް ޝައިޚު ވިދާޅުވެފައިވާއިރު, މި ވެރިކަން ފެށުނީއްސުރެން ތަފާތު އެކި މައްސަލަތަކުގައި ވަޒީރަށް ފާޑުކިޔުން އަމާޒުވެފައިވެއެވެ. އަދި މިހާރު ވެސް އެކި ފަރާތްތަކުން ގެންދަނީ ވަޒީރަށް އެކި ކަހަލަ ތުހުމަތުތައް ކުރައްވައި އެކިއެކި ވާހަކަތައް ފަތުރަމުންނެވެ.

Loading

One Response

  1. ރާއްޖޭގައި ދީނީ ޢިލްމްވެރީންނޭ ކިޔައިގެން މިއުޅޭ މީހުންނަކީ ދުނިޔޭގެ އެދުމާއިހެދި ހޭބަލިވެފާ ތިބި ގަދަރެއް ޢިއްޒަތެއް ނެތެ މީހުނެވެ. މިހާރުގެ ޒުވާނުން މި މީހުނަށް ގަދަރު ނުކުރަނީ މި މީހުން ވަހުތާނެއްހެން ވައިޖެހޭ އަތަކަށް ސިޔާސީ ޖައްބާރު ވެރީންގެ ފަހަތައް އަރައިގެން ޚުތުބާ ހެދުމާއި ކިޔުމާއި އެކިޔާ އެއްޗަކާއި މިވެރީންގެ ޢަމަލު ދިމާނުވާތީއެވެ. ތިއީ މިހާރު ރާއްޖޭގައި އެއްވެސް ވަރަކަށް ގަބޫލުކުރާ ބައެއް ނޫނެވެ. ވަރަށް ދެރައެވެ. މި މީހުންގެ ދުނިޔޭކާ ޢަމަލާއި ކިޔާ އެއްޗަކާއި އުޅޭގޮތް ހަމަ ދިމާނުވާތީއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް