ރާއްޖޭގެ އާބާދީގެ 2/3 ރައްޔިތުން މިހާރުވެސް ޢާންމުކޮށް ކައިބޮއި އުޅެނީ ގަރުދިޔައާއި ބަތެވެ. އާބާދީގެ 1/4އެއްބައި މީހުނަށް ދެއިރު ހަމައަށް ކާންބޯންވެސް ނުލިބޭ ކަން އާރިފަށް ނޭނގުނީތީ ހިތާމަކުރަމެވެ. ދެވަނަ ބޮޑުހަނގުރާމަ ނިމުނު ހިސާބުން ފެށިގެން މުޅި ދުނިޔެ ތަޙައްމަލް ކުރަމުން އައި ހައިހޫނުކަން މަޑުމަޑުން ރާއްޖޭގެ ބައެއް ރައްޔިތުން މިހާރުވެސް އެދަނީ ތަޙައްމަލް ކުރަންފަށާފައެވެ.
މިކަން އެނގެނީ ސަރުކާރުގެ އިސްބޭފުޅުންގެ ތެރެއިން ކޮން ބޭފުޅުންނަށް ބާވައެވެ. އެހެނަސް ބަރާބަރަށް ދައުލަތަށް ޓެކްސް ނުދައްކާ ރައްޔިތަކު މިގައުމަކު ނެތެވެ. ދައުލަތުން ރައްޔިތުންނަށް ފޯރުކޮށް ދޭން ޖެހޭ ބައެއް އަސާސީ ޙައްގުތަކުން ރައްޔިތުން އެވަނީ މަޙުރޫމް ވެފައެވެ.
ދައުލަތުން ރައްޔިތުންނަށް ފޯރުކޮށް ދޭން ގާނޫނުތަކުން ލާޒިމްކުރާ އަސާސީ ގިނަ ޚިދުމަތްތަކުގެ އަގު ދުވަހެއް ދުވަހެއް ބޮޑުވަމުންދާއިރު ރައްޔިތުންގެ މާލީ ޙާލަތަށް އެއްވެސް ހެޔޮބަދަލެއް އަންނަ ތަނެއް ނުފެނެވެ.
ގަރުދިޔައާއި ބަތަކީ ރާއްޖޭގެ ރައްޔިތުންގެ ރަސްމީ ކެއުމެވެ. އެހެނަސް މި ކެއުން ލިބުމުގެ ދަތިކަންވެސް މިހާރު އެވަނީ ވަރަށް ބޮޑުވެފައެވެ. ސަބަކަށް ވެފައި ވަނީ އެއްގަމުމަހަށްވުރެ ކަނޑުމަހުގެ އަގުބޮޑުވުމެވެ. މާލޭ ސަރަޙައްދުގައި ހިމެނޭ މަސްފެކްޓަރީތަކުން އުކާލާ ކަށިފަތިތައް ކިޔޫގައި ތިބެގެން ހޯދަމުންއަންނަ ފަގީރުންވެސް ރާއްޖެއިން މަދުވާ ތަނެއް ނުފެނެއެވެ.
ޚަލީފާއިންގެ ޒަމާނުގައި ރައްޔިތުން ކައިބޮއި އުޅޭތޯ ބަލާ ދަތިޙާލުގައިވާ ފަގީރުންނަށް ބައިތުލްމާލުން އެހީ ފޯރުކޮށްދިން ކަމީ އިސްލާމީ ތާރީޚުން ސާބިތުވާ ޙަގީގަތެކެވެ. އެބޭކަލުން އެގޮތަށް ކަންތައް ކުރެއްވީ މިނޫން ދުވަހެއް އެބައޮތްކަމާއި އެދުވަހަށް ބިރުވެތިވާތީއެވެ. މިގައުމަކީ ވެސް ހަމަ އެފަދަ އިސްލާމީ ގައުމެކެވެ. ވެރިކަން ކުރައްވަނީވެސް މުސްލިމު ރައީސުންނެވެ. ރައްޔިތުންގެ ޙާލު ބަލާ ޙާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީފޯރުކޮށް ދިނުމަކީ ރައީސުލް ޖުމްހޫރިއްޔާއަށް ލާޒިމްވާނެ ކަމެކެވެ.
ކަން މިހެން ހުރިނަމަވެސް ދައުލަތުން ކުރާ ބޭކާރު ޚަރަދުތައް ކުޑަކުރުމަކާ ނުލާ ރައްޔިތުން ބަނޑަށްތިބެން އެންގުމަކީ ކުޑަބފާފައަކަށް ނުވާނެއެވެ. ވިސްނަވާށެވެ. ރައްޔިތުންގެ އެންހައި ޙައްގުތައް އިސްތަށިފުޅުގައި އަމިއްލަފުޅަށް އަޅުއްވާ ރައްޔިތުންގެ ހާލު ނުބައްލަވާނަމަ އެންމެ ބޮޑުދުވަހު އެޒިންމާއަކުން ރެވޭނެގޮތެއް ނުއޮންނާނެވެ.
ދައުލަތުގެ އިސްވެރިންގެ ވާހަކަ ފުޅުތައް ބިނާކުރަންވަނީ ގައުމުގެ ޣާލަތުގެ މައްޗަށް ބައްލަވާފައެވެ. މިގައުމުގެ އާބާދީގެ %60 އިންސައްތަ ރައްޔިތުން އުޅެނީ ވަރަށް ދަތިޙާލުގައެވެ. ކުރާ ބުރަމަސައްކަތުން އަސާސީ ޚިދުމަތްތަކަށް ޚަރަދު ކުރުމަށްފަހު ކާނޭ ފައިސާއެއް ނުހުރެއެވެ. އަސާސީ ޚިދުމަތޭ މިދެންނެވީ ބޯހިޔާވަހިކަމަށް ހޭދަކުރަން ޖެހިފައިވާ އަތްނުފޯރާ މިންވަރުގެ ކުލިވެސް ހިމަނައިގެންނެވެ.
ފުދުންތެރި އާބާދީއެއް ބިނާކުރެވިގެން މެނުވީ ގައުމީ ނައު ދާންވީ މަންޒިލަށް ވާޞިލްނުކުރެވޭނެއެވެ. ފުލުހުންގެ ހިސާބުތަކުން ދައްކަނީ ވައްކަންކުރުމުގެ މައްސަލަތައް އިންތިހާއަށް ބޮޑުވަމުންދާ ކަމަށެވެ. އަދި ވިޔާނުދާ ސައިޓްތަށް އިތުރުވެ އެސައިޓްތަކުން ހިންގާ އިސްލާމްދީނާ ޚިލާފު ޖަރީމާތައް އިތުރުވަމުންދާ ކަމަށެވެ.
މިފަދަ ހަޑިމުޑުދާރު ޖަރީމާތައް ހިންގަން މެދުވެރިވަނީ ކީއްވެގެންތޯ ދިރާސާކުރީ ދައުލަތުގެ ކޮން މުވައްސަސާއަކުން ތޯއެވެ. ހަމަ ޔަގީނުންވެސް މިފަދަ ޖަރީމާތައް ރައްޔިތުންގެ މެދުގައި އިތުރުވަމުން ދިއުމުގެ ސަބަބު ތަކެއް ނެތިއެއް ނުދާނެއެވެ. ގޭންގްތަކުން އެދަނީ މުޅިގައުމު މަސްތުވާތަކެތީގެ ދަލުގައި ޖައްސަމުންނެވެ. ޒުވާނުންގެ ކޮންމެ ދިހަމީހަކުން އެކަކު ވަޒީފާ އަދާކުރާއިރު އަނެއް ނުވަ ޒުވާނުން ދިރިއުޅެނީ ކިހިނެއްކަން ހޯދީ ދައުލަތުގެ ކޮން މުވައްސަސާއަކުން ހެއްޔެވެ.
ގައުމުގައި ރިޝްވަތާ ފަސާދައިގެ ނުބައި ޢަމަލުތައް އިތުރުވަމުންދާ ވާހަކަ ސޯޝަލް މީޑިޔާގެ ފަލަސުރުޚީތަކުން ފެންނަމުން ދާއިރު މިކަންކަން ނުހުއްޓުވި އެދަނީ ކީއްވެގެންތޯ އެނގެނީ ކޮންބަޔަކަށްތޯއެވެ. ގައުމެއްގެ ޙާލަތު ގޯސްވަމުންދާކަން މިދެންނެވި ކަންކަމުން އެނގިގެން ނުދޭހެއްޔެވެ. ކަން މިހެން ހުއްޓާ ރައްޔިތުންނަށް މަލާމާތް ކޮށް ލަދު ހުތުރުވާހަކަ ރައްޔިތުންގެ ކުރިމަތީގައި ވެރިންދެއްކުމަކީ ރައްޔިތުން ރުހޭނެ ކަމެއްކަމަށް ހީފުޅު ކުރެއްވުމަކީ މޮޔަކަމެކެވެ.
މިހާރު ނަނު އެއްލައިގެން ފަރުމަހެއް ބާނާލާނެ ގޮނޑުދޮށެއްވެސް މާލޭގެ އެއްވެސް ސަރަޙައްދެއްގައި ނެތް އިރު އެވޭލާޒަމާނުގައި ރައްޔިތުން ކައިބޮއި އުޅުމަށް ބޭނުންކުރި ދިވެހި ހަކުރާ ކާށިވެސް ލިބޭނެ ވަސީލަތެއް ވެސް މިހާރަކު ނެތެވެ. ކާއްޓާ މަހާ ހަކުރަކީ ރައްޖޭގެ ރައްޔިތުންގެ އޭރުގެ ކެއުމެވެ. މިހާރު އެވަސީލަތްތައް ކޮބައި ހެއްޔެވެ.
ގައުމު ހައިހޫނުކަމާ ކުރިމަތިލާން ޖެހިދާނެ ކަން ދެކެ ދެނެތިބެ ރައްޔިތުން ކައިބޮއި އުޅުނު އެ ޒަމާނުގެ ވަސީލަތްތައް ނެތިގެން ގޮސްފައި އެވަނީ ގައުމު ބިނާކުރުމުގައި ރައްޔިތުންނާމެދު ވިސްނުމެއް ނެތުމުންނެވެ. ގައުމެއްގެ އެންމެ މުހިންމު ބަހާއަކީ ރައްޔިތުމީހާއެވެ. އެހެން ކަމުން ރައްޔިތު މީހާ ފުދުންތެރި ނުވާނަމަ ގައުމުގައި ހަމަޖެހުމެއް ނުއޮންނާނެއެވެ. މިހާރު ފެންނަމުން އެދަނީ އެކަމެވެ.
އަޅުގަނޑުމެން ކުޑައިރު މާލޭގެ ރުއްރުކުން ރާބާލާ ރާބެެއިން ނުހަނު ގިނައެވެ. އަދި ގޭދޮށުގައި ރުކެއް ނެތް ގެއެއް އޭރު މަދުވާނެއެވެ. ހަމައެހެންމެ ބަނބުކެޔޮ ގަހާއި އަނބުގަސްތައްވެސް މާލޭގައި ނުހަނު ގިނައިން އޭރު ހުއްޓެވެ. އެހެނަސް ސަރުކާރުން ރައްޔިތުންގެ ދިރިއުޅުމަށް ގެނައި ބަދަލުތަކެއްގެ ސަބަބުން އެވަސީލަތްތައް އެވަނީ މާލެއިން ނެތި ގޮސަފައެވެ. ބޯނެ ފެންފޮދުވެސް ނުލިބިގެން އުޅޭއިރު ކާން ގަރުދިޔަ ބަތްހޯދާނީ ކިހިނެއްތޯއެވެ.
4 Responses
ރާއްޖޭގެ މަސްކަނޑުވިއްކާލައިފި ދެންބޭނޭމަސް މަދުވާނެ. އެފަޅިން ބޮޑުދާ އަޅާ ކަހާލީމާ ދޭންވާނީ ކިހިނެއް.
ރާއްޖޭގެ ހޮސްޕިޓާތަކާ. ސްކޫލްތަށްވެސް ވަނީ ވިއްކާލެވިފަ. މިނިވަން ކުރާމަމަ އެތަކެއް ބިލިއަން ރުފިޔާ ގެ ލޯނު ދައްކަން ޖެހިފަ ވަނީ ކުރާނެކަމެއް ނެތް މިވަރުން ދާނަމަ ގަރުދިޔަ އެއްވެސް ނުދެވި މަގޫފަތްވެސް ކާން ޖެހިދާނެ.
އެމީހަކު ބޭނުންވާހަކައެއް އެމީހަކަށް ދެއްކިދާނެ. އެކަމަކު ތިޔައީ ޙަޤީގަތެއްނޫން. ރާއްޖޭގެ ރައްޔިތުން ﷲގެ ވާގިފުޅުން މިހާރު ދިރިއުޅެނީ ތިޔާގިކަމާއެކު. އަޅުގަނޑުވެސް ދިރިއުޅެނީ 5000 އާބާދީއެއް ދިރިއުޅޭރަށެއްގައި, ރަށެއެންމެންވެސް އުޅެނީ ހަމަ ތިޔާގިކޮށް.
Khaassakoh boduthiladhinmathin kandikiburian handhaanethunumeehakee hamaekani Ali Arifeve
ބަރާބަރު ރަނގަޅު ވާހަކައެއް!