ނިމިދިޔަ ސަރުކާރުގެ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސަޢީދު ހާޓް އެޓޭކެއް ޖެހިގެން ފަރުވާ ދޭން ފަށައިފާވާ ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.
ސަޢީދުގެ ގާތް ޢާއިލާ މެމްބަރަކު ބުނި ގޮތުގައި، ސަޢީދުގެ ހިތައް ލޮޅުން އެރީ މިދިޔަ އަޟްޙާ އީދު ބަންދުގެ ތެރޭގައެވެ. އަދި އޭނާ އަށް އިތުރު ފަރުވާ ދިނުމަށް އަވަށްޓެރި ސްރީލަންކާ އަށް ވަނީ ފުރުވާލާފައެވެ. ލަންކާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ސަޢީދުގެ ޙާލު މިހާރު އިތުރަށް ނުރައްކާވެފައިވާ ކަމަށް ޚަބަރު ލިބިފައިވެއެވެ.
މިކަމާ ބެހޭގޮތުން ސަޢީދުގެ ޢާއިލާގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ. އަދި ސަޢީދުގެ ޙާލަތާއި ގުޅިގެން ޢާއިލާއިން ބުނީ އިތުރަށް އުނދަގޫ ނުކުރުމަށެވެ.
ސަޢީދު ފެނަކައިގެ މެނޭޖިން ޑިރެކްޓަރުކަމަށް އިސްކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުގައި ޑިސެންބަރު 2018 ގައެވެ. ފެނަކާގެ ސަޢީދު އަކީ ރައީސް އިބޫގެ އެންމެ ބާރުގަދަ އެއް އެމް.ޑީ އެވެ. އޭ.ސީ.ސީ އަށް ވެސް ސަޢީދުގެ އެތަކެއް މައްސަލަތައް ހުށަހެޅި މޭޒުމަތީގައި ބޮޑުބަރު އަރުވާފައި ބެހެއްޓިފައި ހުރީ އެހެންވެގެން ކަމަށް ބެލެވެއެވެ.
އެމްޑީޕީގެ ވެރިކަން ދެމެހެއްޓުމަށްޓަކައި ފެނަކައާއި އެތަނުގެ މުވައްޒަފުން ރެޔާއި ދުވާލު ރަށްރަށުގައި ދިދަ ޖެހުމާއި ޕްރޮގްރާމްތައް ރޭވުމާއި ކުޅި ސަމާސާ ޙަފްލާތަކާއި ކަޅު ދަބަސްފަދަ އިލެކްޝަނަށް ބޭނުންވާ ހުރިހާ ޖާދުވީތައް ޖެއްސުމުގެ އެއް ތަނަކީ ފެނަކައެވެ. އަދި ޚާއްސަކޮށް އެމް.ޑީ ސަޢީދެވެ.
މިދިޔަ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ސަޢީދު ވަނީ އެމްޑީޕީގެ ޓިކެޓުގައި ގައްދޫ ދާއިރާއަށް ވެސް ވާދަ ކުރައްވައިފައެވެ. އެކަމަކު، އެ އިންތިޚާބުގައި އޭނާއަށް ވަނީ ނާކާމިޔާބު ވެފައެވެ.
ރައީސް އިބޫގެ އެމްޑީޕީ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަނުން ހިންގާފައިވާ ކޮރަޕްޝަނާއި ޚިޔާނާތުގެ ޖަރީމާތަކަކީ ފިތްކަނޑައިގެން ދާވަރުގެ ބޮޑެތި ޚިޔާނާތުގެ ޢަމަލުތަކެވެ.
ލިޔެކިޔުންތަކުން އެނގެންހުރި ލީކްވެފައިވާ ބައެއް ލިޔުންތަކުން ދައްކާ ގޮތުގައި އެއް ހަފްތާއެއްގެ ކެއުމަށް ނަގުދު ކޭޝް ކޮށްލާފައި 400،000 ހަތަރު ލައްކަ ރުފިޔާ ޚަރަދު ޖަހައި ފައިސާ ނަގާފައި ވެއެވެ. އަދި އެކަހަލަ ކިތަންމެ ހަފްތާ ޕާޓީއެކެވެ.
ރައީސް އިބޫ ސަރުކާރު ފެނަކާގެ ބޮޑު ޚިޔާނާތުގެ ވާހަކަ ތަފްސީލުކޮށް އަޑުއަހާލަން ލިބެއްޖެނަމަ ވައްކަމާއި އޮޅުނޫން ފަރާތްތަށް ފިތްކަޑައިގެން ދާވަރު ވާނެއެވެ. ރައްތަކުގައި ފެނަކާގެ އޮފީސްތައް އެޅުމަށް ބިޑްކޮށް ކޮންޓްރެކްޓް ޙަވާލުކުރުމަށް ފަހު އެފަދަ އެ ކޮންޓްރެކްޓްތައް ކެންސަލުކޮށް ތަނުގެ މުވައްޒަފުންނާއި ރަށްރަށުގައިއުޅޭ ގުރޫޕްތައް ބޭނުންކޮށްގެން އަދި ވަގަށްއުޅޭ ބިދޭސީންނާއި ޙަވާލުކޮށް، ކޮންޓްރެކްޓާރ އާއި ޙަވާލުކުރެވުނު ޢަދަދަށްވުރެ 100 ގުނަ މަތީ ޢަދަދުތަކަށް އެފަދަ މަސައްކަތް ކުރުވާ ފައިސާ ނަގާފައި ވެއެވެ.
އެފަދަ ޕްރޮޖެކްޓްތަށް އެތެރޭގެ މުޢައްޒިފުންނަށް ޕްރޮޖެކްޓްގެ 70% ޚަރަދުކޮށްފައި އެބަހުށްޓެވެ. ނަންނުޖެހުމަށް އެއްބަސްވެވި މަޢުލޫމާތު ދީފައިވާ ފެނަކާގެ މުވައްޒަފަކު ކިޔައިދިން ގޮތުގައި ސަޢީދަކީ “ ޗާލާކީ ވަގެކެވެ.“ އެގޮތަށް އޭނާގެ ޢަމަލުތައް ބެހެއްޓެނީ އޭނާގެ ކޮމިޔުނިކޭޝަން ލައިން އިންނަނީ ސީދާ ރައީސް އިބޫ އާއި އެމްޑީޕީގެ ޗެއަރ ޕާސަން ފައްޔާޒް އާއި ކަމަށްވާތީއެވެ. އެހެންކަމުން ކޮންމަފަދަ ޖަރީމާއެއް ސަޢީދު ހިންގިޔަސް ސުވާލެއް ނާންނާނެ ކަމުގެ ޔަގީންކަން އޮންނަނީ ލިބިދީފައެވެ.
މިސާލަކަށް 6 ނުވަތަ 7 މިލިޔަންގެ ކޮންޓްރެކްޓް ހަދައިފާވާ ޕްރޮޖެކްޓްތައް، ކޮންޓްރެކްޓް ކެންސަލު ކުރުމަށްފަހު 66 މިލިޔަން ރުފިޔާއަށް އިންހައުސް އިން މަސައްކަތް ކުރާގޮތަށް ނިންމައި އެފަދަ ޕްރޮޖެކްތަކަށް ފައިސާ ނަގައިފާ ވެއެވެ. އެފަދަ 60 ވަރަކަށް ޕްރޮޖެކްޓް ހިންގައި ފައިސާ ނަގައިފާވާއިރު ޕްރޮޖެކްޓްތަކުގެ 25% ނިމިފައެއްނެތެވެ. 66 މިލިޔަށް × 60 ޕްރޮޖެކެޓް؟! އެއީ ކިހާވަރެއްތޯއެވެ؟
މީގެ އިތުރުން އިންޑިޔާގެ ތިން ކުންފުންޏަކާއި އެކުވެސް އަނދިއަނދިރީންގެ އެގްރީމެންޓްތައް ހަދައި އެޑްވާންސްކޮށް ފައިސާ ދޫކޮށްފާ އެބަހުށްޓެވެ. ދައުލަތުގެ ކުންފުނިތަކަކީ އެއިރެއްގެ އޮންނަ ސަރުކާރެއް ދެމެހެށްޓުމައްޓަކައި ފެލާލަން އޮންނަ ތަނެއްގެ ގޮތުގައި ހިންގާ މި ނިޒާމް ވަގުތުން ވަގުތައް ހުއްޓުވެން ޖެހެއެވެ.
ހިތާމަޔަކީ މި ބުނެވުނުފަދަ ބޮޑެތި “ ދައުލަތް ރޭޕްކޮށް ލޭކޮށައިލާފައިވާ މައްސަލަތަށް“ ބަލައި އެފަރާތްތަކަށް ޙައްގުއަދަބުދެވޭ ތަނެއް ގޮތެއް ނުފެނެއެވެ. އަދި އަމުދުން އެ ރޭޕްގައި ބައިވެރިވާ އެފަދަ ކުންފުނިތަކުގެ ބޯޑްތައްވެސް ދުވަހަކުވެސް ޒިންމާދާރު ކުރުވާފައެއް ނެތެވެ.
ހަމަ ބޭނުންވަރަކަށް ކާލައިގެން އެދިޔައީއެވެ. ބަދަލުވާ ސަރުކާރަކަށް މިފަދަ ޚިޔާނާތާއި ފަސާދައިގެ މައްސަލަ ޙައްލު ކުރުމަށް އެންމެފަސޭހަވަނީ އާންމު ރައްޔަތުމީހާ އަށް ހިތި ބޭސް ބޯންދިނުމަށް ރޭވުމާއި ރައްޔަތުމީހާ ދައުލަތަށް ދައްކާ ޓެކްސް ބޮޑުކޮށްލުން ކަމުގައިވެ ދެއެވެ.
މިގޮތުން ކަންތައްތައް ހިނގާތީވެ މި އުފެދުނު ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުގައިވެސް މިފަދަ ކަރަޕްޝަންގެ ޢަމަލުތައް މިހާރުވެސް މި ވަނީ ފެންމަތިވާން ފަށައިފައެވެ. އޭސީސީ އިން ބުނާގޮތުގައި އެފަދަ ޝަކުވާތައް އެ އޮފީހުގައި މިހާރުވެސް ދަނީ ފުނިޖެހެމުންނެވެ. އަދި ސަރުކާރުގެ ބައެއް ބޮޑުން އެފަދަ މައްސަލަތަކުގެ ތެރަށް އަތްބާނަމުންވެސް ދާކަމަށެވެ.
One Response
ކޮންމެ މީހަކު ނަމަވެސް ރައްޔިތުންގެ މުދަލާއި ފައިސާއިން ވައްކަންކުރަނީ މަގާމަށް ތަސައްރުފު ނުފުދޭތީއެވެ. މަގާމު ލިބޭ ހިސާބުން އޭނއަށް ހީކުރެވެނީ އޭނާއާ ހަވާލުކުރެވޭ ތައްޔިތުންގެ އަމާނާތަކީ އޭނާ ބޭނުންގޮތަކަށް އިސްރާފު ކުރުމުގެ އިޚްތިޔާރާއެކެު ހަވާލު ކުރެވޭ އެއްޗެއް ކަމަށެވެ.