މިއީވެސް ދުނިޔެ ދެކިފައިވާ އަދި ދެކެމުންދާ ދުވަހެކެވެ.

Loading

Facebook
Twitter
WhatsApp

ވެރިކަމާއި އިއްޒަތަކީ އަމާނާތެއް ކަމުގައި ގަބޫލުކުރި އެތައް ވެރިންނަކާއި ޚަލީފާއިން ދުނިޔޭގެ ތާރީޚުގެ ފަތްފުށްތަކުން ފެނިފައި ވެއެވެ. އަދި މިހާރުވެސް މަދުންނަމަވެސް ދަނީ ފެންނަމުންނެވެ. އެ މަގުގައި އެއްބޭފުޅަކަށް ވުރެން ކުރިއަރަން މަސައްކަތް ކުރެއްވި ބޭފުޅުންވެސް މާޒީގެ ތާރީޚުން ފާހަގަ ކުރެވެއެވެ.

 ބައެއް ބޭފުޅުން އެހެން ބޭފުޅުންނަކީ ނަމޫނާއަކަށް ބައްލަވައި އެބޭފުޅުންގެ ފިޔަވަޅުމަތިން ހިންގެވޭތޯ ބައްލަވާފައި ވެއެވެ. އަޅުގަނޑުމެންގެ އުސްތާޒުންގެ ފިލާވަޅުތަކަށް ބަލާއިރު މި މަގުގައި އަޅުގަނޑުމެންގެ މާތް ނަބިއްޔާއާއި އެކަލޭގެފާނަށްފަހު އިސްލާމްދީނުގެ ހުންގާނުގައި ތިއްބެވި 4 ޚަލީފާއިންނަކީ ވެރިކަމާއި ޢިއްޒަތަކީ އަމާނާތެއް ކަމުގައި ގަބޫލުކުރައްވައި އެ އަމާނާތަށް ރައްކާތެރިވުމުގެ އެންމެ ފުރިހަމަ ނަމޫނާއެވެ.                                          

މަގްސަދަކީ މާޒީގެ ތާރީޚުން ފެންނަންހުރި އެފަދަ ބޭފުޅުން ވެރިކަމާއި ޢިއްޒަތް ޢަދުލުވެރިކަމާއި އެކު ތަންފީޒު ކުރެއްވިގޮތް ބަޔާންކުރުމެއް ނޫނެވެ. އެކަމުގެ ނުވަތަ އެވަރުގެ ޢިލްމު އަލުގަނޑުގެ ކިބައިގާ ނުމެ ނެތްމެއެވެ.

އެހެންނަމަވެސް އަޅުގަނޑުމެންނަކީ ހަމަގައިމުވެސް މުސްލިމުން ކަމަށްވެފައި އިސްލާމްދީނު ގައި އެކަމަށް ބާރުއަޅާފައިވާ މިންވަރު އެނގިވަޑައިގަންނަވާއިރު އަދި ދުނިޔޭގެ ބައެއް ޣައިރު މުސްލިމުން ވެރިކަމާއި ޢިއްޒަތް ލިބުމުން އެ އަމާނާތަށް ރައްކާތެރި ވުމަށްޓަކައި ހިންގަވަން އިޚްތިޔާރު ކުރައްވަމުން ގެންދަވާ މަގު މިއަދުގެ މީޑިއާއިން ހާމަކުރަމުން ގެންދާއިރު އަޅުގަނޑުމެންގެ ވެރިން ބޮޑާ ކަމާއި ކިބުރު ވެރިކަމުގެ ސިފަ މިވަރަށް ލިބި ގަންނަންވީ ކީއްވެގެން ބާވައޭ ހިތަށް އަރައެވެ.  އަޅުގަނޑުގެ އަމާޒަކީ މިއަދުގެ މުޅި އިސްލާމީ އުންމަތެވެ.          

ފަލަސްތީނުގެ ކުދިބޮޑު އެންމެން ކާންބޯން ނުލިބި ބަނޑަށް މަރުވަމުން ދާއިރު އެކަށީގެންވާ ގޮތެއްގައި އިސްލާމީ އުންމަތުން އެމީހުންނަށް އެހީ ފޯރުކޮށް ދިނުމަށް މަސައްކަތް ކުރާތަނެއް ނުފެނެއެވެ. އެކަމަށް ހުރަސް އަޅަމުން ގެންދާ މަދު މީސްކޮޅެއް ހިމެނޭ އެންމެ ގައުމަކާ ދެކޮޅަށް ތެދުވަން ނުކެރި މުޅި އިސްލާމީ އުންމަތް މިއޮތީ ބިރުން ވާ ވެފައެވެ.  

އެފްރިކާ ބައްރު ގައްޔާއި އަދި އޭޝިއާގައި ކާންބޯން ނުލިބި އަދި އެކަމަށް މަގެއްވެސް ފެންނާން ނެތް އެތައް މިލިއަން މުސްލިމް ރައްޔިތުންނެއް މަރުވަމުން ދާއިރު އަދި އެމީހުންނަށް އެހީ ފޯރުކޮށްދިނުމަށް ހުރަސްއަޅާނެ އެއްވެސް ގައުމެއް ނެތް އިރު މުއްސަނދިކަމާއި ފޯރުންތެރި ކަމުގެ ހައްދެއްނެތް އިސްލާމީ ގައުމުތަކުން އެހީތެރިކަމުގެ އަތެއް ދިއްކޮށްލާތަނެއް ނުފެނެއެވެ.

 ބައެއް ވެރިންނަށް ހީފުޅުކުރެއްވެނީ ވެރިކަން ލިބުމުން އަމިއްލަ ގައުމުގެ ރައްޔިތުންނަކީވެސް އެބޭފުޅާގެ ނޯކަރުން ކަމަށެވެ. އެނހީތެރިކަމެއް ފޯރުކޮށްދޭނަމަ ދެނީ ސިޔާސީގޮތުން އެގައުމެއް ނުވަތަ އެގައުމެއްގެ ވެރީން އޭނާޔަށް އަޅުވެތި ކުރުވާފަދަ ގޮތަކަށް އެއްބަސް ކުރެވިގެނެވެ.                                        

އަޅުގަނޑުމެންގެ ޙަޔާތުގައި އިސްލާމީ ގައުމުތަކުންވެސް ރައްޔިތުންނަށް އިޚްލާސްތެރި ބައެއް ވެރިން ވަނީފެނިފައެވެ. ކާނަލް މުއަންމަރު ގައްޒާފީގެ ވެރިކަމުގައި ލީބިޔާއިން ކުރި ތަޖްރިބާއެއް ހާމަ ކޮށްލާނަމެވެ.                                                            

އަޅުގަނޑާއެކު ބޯޓުދަތުރު ކުރަން އުޅުނު ދިވެއްސަކު ލީބިޔާގެ ބަނދަރެއްގައި ބަލިވެގެން ޕޯރޓްހެލްތުގެ އެހީގައި ހޮސްޕިޓަލަށް ގެންދެވުނެވެ. ރޭގަނޑުގެ ވަގުތެއްކަމުން އަޅުގަނޑުމެންގެ  ތެރެއިން މީހަކަށް އެ ބަލިމީހާއާއި އެކުގައި ދިއުމުގެ ފުރުސަތެއް ނުލިބުނެވެ. އެކަމަކު އޭނާއަށް ފަރުވާދިނުމުގައި ފަރުވާކުޑަ ނުކުރެވޭނެ ކަމުގެ ޔަގީން ކަން ދިނެވެ. ވިޒިޓިންގ ގަޑީގައި ނޫނީ ބައްދަލު ނުކުރެވޭނެކަން އެންގިއެވެ.                           

ޖެހިގެން އައިދުވަހު ހަވީރު ވިޒިޓިން ގަޑިގައި ދިޔައިރު އެއޮއްބޮޑު މަލްޓި ޕާޕޯސް ހޮސްޕިޓަލްގެ ބަލިމީހުން ކައިރީގައި ކިއު ހަދާފާއިތިބި އެރަށުގެ ޢާންމު ރައްޔިތުން ފެނިފައި ޙައިރާންވިއެވެ. ކޮންމެ މީހަކު އައިސްހުރީ މޭވާއާއި ފޮނި ކާތަކެތި ހިފައިގެންނެވެ. ވަކިމީހަކު އިސްތިސްނާ ކުރުމެއްނެތި ހަދިޔާ ކުރުމަށެވެ. ރައްޔިތުންގެ އިޚްލާސްތެރި ހިތްނިޔަތާއި ފުދުންތެރި ކަމުގެ މިސާލެކެވެ. މިއަދުގެ މޮޅު ޑިމޮކްރެސީގައި ލީބިޔާ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާއެވެ.                                                           

އަޅުގަނޑުމެންގެ ބަލިމީހާއަކީ ދިވެއްސެކެވެ. އެކަމަކު ބޭސްކުރާކަށް ހޮސްޕިޓަލްގައި އޮތުމަކަށް އެއްވެސް ޚަރަދެއް ކުރާކަށް ނުޖެހުނެވެ. ކުރިން މަޢުލޫމާތު ލިބިފައި ނެތުމުން ބިލަށް ފައިސާ ދައްކަން ދިއުމުން ލިބުނު ޖަވާބަކީ ކޮންމެ މީހަކަށްވެސް ބޭސްފަރުވާ ހިލޭ ކަމަށެވެ.

ދިވެހީންގެ އާސަންދައާއި ޙަވާލުވެގެން ތިއްބެވި ބޭފުޅުން ވިސްނަވާލެއްވުން ހުއްޓެވެ. ސިޔާސީ ބޭފުޅުންގެ ޝިފާރިޝް އަކާއި ނުލައި ލިބިދޭން ޖެހޭ އެޚިދުމަތަކީ ތިމާ އަދާކުރައްވަން ޖެހޭ އަމާނާތެކެވެ. ސުވާލުކުރައްވާނެ އާޚިރަތް ދުވަހުން ޖަވާބު ދެއްވަން ފަސޭހަވާނެ ގޮތަކަށް އިޚްލާސްތެރި ކަމާއިއެކު ގާނޫނުން މަތިކޮށްފައިވާ އަމާނާތަށް ކަމޭ ހިއްތަވަން ރަނގަޅުނޫންތޯއެވެ.                        

މިއީ ގިނަ ކަންތައްތަކެއް މީޑިއާގެ ވަސީލަތުން އާންމު ވަމުންދާ ޒަމާނެކެވެ. ކުރިން އާންމުކޮށް ނޭނގޭ މަޢުލޫމާތުތައް މިހާރު ހާމަވަމުންދާތަން ފެނެއެވެ. ވެރިކަމަށް އިސްވުމަށް ވޯޓަށް ސަލާމް ޖަހަން އަންނަނީ އަޅުގަނޑު މެންނަކީ ރައްޔަތުންގެ ޚާދިމުންނޭ ވިދާޅުވަމުންނެވެ. ހަމަ ހޮވުމާއި އެކު ޚާދީމްކަން ގެއެްލި ޚާދިމާ ވެރިމީހާއަށް ބަދަލުވެގަންނަނީ ތިމާގެ ނިކަމެތިކަމުންކަން ކަށަވަރެވެ.                                        

ދުނިޔޭގެ މަދުންނަމަވެސް އުޅުއްވާ ހެޔޮލަފާ ރައްޔަތުންގެ ޚާދިމު (ރައީސްމީހާ) ގެ ތެރެއިން އެންމެ ފަގީރު ރައީސް ކަމުގެ ޢިއްޒަތް ލިބި ވަޑައިގެންފައިވާ އުރުގުއޭގެ ކުރީގެ ރައީސް ޖޯސޭ އަލްބަރޓޯގެ ނަންފުޅު ފާހަގަކޮށްލަން ޖެހެއެވެ. އެހެނީ ފާޓްފުޅާ ކުރައްވާފައި ރައްޔަތުން ދަރުވާލައިގެން ރަތްދޫލަ ބޭނުން ނުކުރައްވާ ރައީސް އަކަށް ވާތީއެވެ. އަދި ދުނިޔެއަށް މާ އެނގުމެއްނުވާ ރައީސް އަކަށް ވާތީއެވެ.

އެމަނިކުފާނަށް ލިބިވަޑައި ގެންނެވި މަހު މުސާރައިގެ  90% ދެއްވީ ފަގީރުންނަށެވެ. ރައީސް ކަމުގެ ގަނޑުވަރު ދޫކުރައްވައި ދިރިއުޅުއްވަމުން ގެންދެވީ ދަނޑު ބިމުގައި ހުންނަ ޢާއިލާގެ އާދައިގެ ގެއެއްގައެވެ. ރައީސްގެ މަގާމުގެ ޙައިސިއްޔަތުން ދުރުހެލި ނުވެވޭނެ ސެކިއުރިޓީއަށް ބޭނުންކުރެއްވީ 2 ގާރޑުންނާއި ކުއްތާއެކެވެ. ބޭނުންފުޅު ކުރެއްވީ ދާރުލް އާސާރުގައި ބާއްވަން ޖެހޭ އުމުރުގެ ކާރުކޮޅެކެވެ.                                                              

ހަމަ އެހެންމެ މި ލިސްޓުގައި އީރާނުގެ ކުރީގެ ރައީސް މަހްމޫދު އަހްމަދީ ނެޖާދުގެ ނަންފުޅުވެސް ފާހަގަކުރަން ޖެހެއެވެ. އެ މަނިކުފާނު މުސާރަ ނުނެންގެވީ ކީއްވެތޯ ސުވާލު ދެންނެވުމުން ޖަވާބު ދެއްވިކަމަށްވަނީ އެއްވެސް ރައްޔިތަކުގެ ޙައްގުތަކަށް އިޙްމާލު ވެވިފައި އޮވެދާނެތީ ސަރުކާރުގެ ޚަޒާނާއިން މުސާރަ ނަންގަވަން ބިރުފުޅު ގަންނަނީ ކަމަށެވެ. ދުނިޔޭގައި އުޅެވެނީ ދުނިޔޭގެ ޢުމުރުން ވަރަށް ކުޑަ ދުވަސްކޮޅެއްގައި ކަމަށެެވެ.

މިނޫނަސް މިފަދަ ޚިދުމަތްތެރި އެހެން ބޭފުޅުން ދުނިޔޭގެ ކަންކޮޅުތަކުގައި ވަރަށް މަދުން ތިބުން އެކަށީގެން ވެއެވެ. ހަމައެއާއި އެކު މުޅި ގައުމުގެ ޚަޒާނާއަކީ އަމިއްލަ އެއްޗެއްކަމަށް ގަބޫލު ކުރައްވާ ބޭފުޅުންނާއި ރައްޔިތުން އަނގަޔަށް އަތް ދިމާނުވެގެން އުޅޭއިރުވެސް ގައުމާ ނުބައްދަލު މިންވަރަކަށް އަމިއްލައަށް މުސާރައާއި އިނާޔަތްތައް ބޮޑުކޮށްގެން އުޅޭ ބޭފުޅުންވެސް މަދެއް ނޫނެވެ. ޚާއްސަ ގޮތެއްގައި އިސްލާމީ އުންމަތުގެ މިހާރުގެ (ރައްޔަތުންގެ ޚާދިމް) ވެރީންނެވެ. ދެރަކަމުގެ ކޮޅެއްނެތެވެ.                                                    

Loading

3 Responses

  1. ލިޔުންތެރިޔާއަށް ސާބަސް ތިޔަ ވިދާޅުވި ތެދު ބަސްފުޅުތަކެއް. އޮފީސްތަކުގައި ހިދުމަތް ކުރަން ތިބެނީ ރައްޔިތުންގެ ހާދިމުންނޭ އަޑަށް ބާރުލާފަ ބުނާ ވެރިންފެނޭ. ރައްޔިތުމީހާ އޮފީހަކަށް ހިދުމަތެއްހޯދަންދިޔުމުން ގަޑި ދެގަޑި އިރު އެއްވެސްޖަވާބެއްނުލިބި އެތައްއިރަކު ކޮޅަށްހުންނަންޖެހި މާޔޫސްކަމާއި އެކު އައިކޮޅަށް އަނބުރާލާފާ ދާންޖެހޭ ހިސާބުން، ސާހިބާ، ހާދިމާ އޮޅި ވަންދޮރު ނޭގޭ ހިސާބަށް ދާކަމީ ދެވޭހިދުމަތުގެ އެންމެ މަތީ ފެންވަރު، ބައެއްފަރު އަޅުގަނޑުގެ ހިތަށްއަރާ މިފަދަ މުވައްޒަފުން ބޭނުންވަނީ ހަމަ ލިބޭ މުސާރަކޮޅު ތާއެވެ. މިފަދަ މުވައްޒަފުން ކިޔަވާ ވިދާޅުވީ ހަމަ ރަނގަޅު ސްކޫލަކުން ބާވައެވެ.

  2. އުމަރަށް ދަންނަވާލަން އޮތީ އަޅުގަނޑުމެންގެ ކާބަފައިންގެ ހަރުބަހެކެވެ. “ ކުދި ސޯބު އެނބުރޭނީ ބޮޑު ސޯބު އެނބުރޭ ގޮތަކަށެވެ ”. އަޅުގަނޑުމެންގެ އޮފީސްތކުގެ އިއްޒަތްތެރިވެރިންގެ ކިބުރުވެރިކަން ފެނުން އާދައަކަށްވީމާ އޭނާގެ ދަށުން ތިބޭ މުއައްޒިފުންވެސް އަނހިވަކާޖެހި އަނހިވަށް ފާވެގެންދާގޮތަށް ބޮޑާވަނީއެވެ.
    ބޯޑެތި ސޯބު އެނބުރެން ޖެހޭ ގޮތަށް ސެޓް ކުރުމަކީ ރައްޔިތުންގެ ޒިންމާ އެކެވެ. އަޅުގަނޑުމެން ގައުމުގައި މިހާރު އެއީ ޖިހާދެކެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް