ދަރިކޮޅަށް ނަޒަރެއް

Loading

Facebook
Twitter
WhatsApp

މި ލިޔުމުގައި އަލިއަޅުވައިލަން ގަސްދުކުރަނީ ވަކި ދަރިކޮޅެއްގެ މައްޗަކަށް ނޫނެވެ. އެހެނެއްކަމަކު އަލިއަޅުވައިލާނީ “ދަރިކޮޅު“ މި ލަފުޒުގެ މައްޗަށެވެ. ހަމައެހެންމެ ދިވެހި ބަހުގައި މި ލަފުޒުގެ މާނަ ދޭހަކުރެވޭ ލަފުޒުތަކުގެ މައްޗަށެވެ. ދިވެހި ބަހުގެ މުއްސަނދިކަމުގެ މައްޗަށެވެ.

ދުނިޔޭގައި ވާހަކަ ދައްކައި އުޅޭ މައިގަނޑު ބަސްބަހުގެ ގިނަ ލަފުޒުތައް އުފެދިފައިވަނީ އެހެނިހެން ބަސްބަހުގެ ލަފުޒުތަކުން އެހީތެރިކަން ލިބިގެންނެވެ. އެންމެ މުއްސަނދި ބަސްކަމަށް މުޅި ދުނިޔެ ދެކޭ އިނގިރޭސި ބަސް ވެސް މުއްސަނދިވެފައިވަނީ މި ދެންނެވި ހަމައިންނެވެ.

ބަހުގެ އަހުލުވެރީން ބަސް މުއްސަނދި ކުރުމުގެ ނިޔަތުގައި ބޭރު ލަފުޒުތައް ތިމާމެންގެ ބަހަށް ގެނެސް, ކުދި ބަދަލުތަކާއެކު އަމިއްލަކޮށްފައި އެބަހުރިކަމަށް ދިވެހި ބަހުގެ އިލްމުވެރިއެއް ކަމަށްވާ އަލްމަރުޙޫމާ ޙަބީބާ ޙުސައިން ޙަބީބު ވިދާޅުވެފައިވެއެވެ.

އިނގިރޭސި ބަހުގައިވާ ”progeny“ , މި ލަފުޒު އިނގިރޭސި ބަހުގެ ތެރެއަށް އައިސްފައިވަނީ ފަރަންސޭސިބަހުގެ ލަފުޒެއް ކަމުގައިވާ ”projenie“ އިންނެވެ. ފަރަންސޭސި ބަހުގެ ތެރެއަށް މި ލަފުޒު އައިސްފައިވަނީ ލެޓިން ބަހުގެ ”progenies“ އިންނެވެ. މީގެ އަސްލަކީ ލެޓިން ބަހުގެ ލަފުޒެއްކަމަށްވާ ”progignere“ އެވެ.

މީގެއިތުރުން އިނގިރޭސި ބަހުގައިވާ ”tribe“ , މި ލަފުޒު އިނގިރޭސި ބަހުގެ ތެރެއަށް އައިސްފައިިވަނީ ފަރަންސޭސި ބަހުގެ ލަފުޒެއް ކަމުގައިވާ ”tribu“ ނުވަތަ ލެޓިން ބަހުގެ ”tribus“ އިންނެވެ. އިނގިރޭސި ބަހުގައިވާ ”lineage“ އަކީ ވެސް ފަރަންސޭސި ބަހުގެ ލަފުޒެއް ކަމުގައިވާ ”linage“ އިން އުފެދިފައިވާ ލަފުޒެކެވެ. ”linage“ އުފެދިފައިވަނީ ”ligne“ މި ލަފުޒުންނެވެ. ފަރަންސޭސި ބަހުގެ ތެރެއަށް މި ލަފުޒު އައިސްފައިވަނީ ލެޓިންބަހުގެ ”linea“ އިންނެވެ.

އެގޮތުން ބަލާއިރު ދިވެހި ބަހުގައިވާ “ދަރި“ މި ލަފުޒު  އުފެދިފައިވަނީ ސިންހަޅަ ބަހުގެ ”ދަރު“ (daru) އިން ކަމުގައި ލަފާކުރެވެއެވެ. ”ދަރިކޮޅު“ މި ލަފުޒު އުފެދިފައި މިވަނީ ”ދަރި“ އާއި ”ކޮޅު“ މި ދެ ލަފުޒު ލާމެހިގެން ކަމަށް ބެލެވެއެވެ.

ދިވެހި ބަހުގައި “ދަރިކޮޅު“ މި މާނަ ދޭހަ ކުރެވޭ ލަފުޒުތައް:

  1. ކުލަ
  2. ވަންގަ [ބޯދާ ބަހެއް]
  3. ވަންސަ [ބޯދާ ބަހެއް]
  4. ވަންހަ
  5. ނަސްލު
  6. މަތިފުށް
  7. ނަސަބު
  8. މަތިކޮޅު
  9. ގަބީލާ
  10. ބަންދަރީ
  11. ހޮރު
  12. އާލު
  13. ފިލިވަތް [ބޯދާ ބަހެއް]
  14. އާއިލާ
  15. ޚާންދާނު
  16. މަތަނަ [ބޯދާ ބަހެއް]
  17. އައުލާދު

އިސްވެ މި ބަޔާންކުރި ބައެއް ލަފުޒުތަކުގެ މާނައިގައި “ދަރިކޮޅު“ ގެ އިތުރުން އެހެން މާނަތައް ވެސް ހިމެނެއެވެ.

ފަޟީލަތުއްޝައިޙު އަލްމަރުހޫމް ޙުސައިން ޞަލާޙުއްދީންގެ ޅެން ބައިތެއްގައި ވިދާޅުވެފައިވާ ގޮތުން ދިވެހި ބަހުގެ ތެރެއިން ސާންސްކްރިތާއި, ޕާލިޔާއާއި, ތަމަޅައާއި, ސިންހަޅައާއި, ފާރިސީއާއި, އަރަބި ބަހުގެ ލަފުޒުތައް ފެނެއެވެ.

ސާންސްކުރިތު ބަހުގައި ”ދަރިކޮޅު“ ގެ މާނަކުރެވޭ ލަފުޒުތަކުގެ ތެރޭގައި ވަމްޝަ (vamsha) އާއި ވަމްޒަ (vamza) ހިމެނެއެވެ. ޕާލީ ބަހުގައި ވަމްސަ (vaṃsa) ހިމެނޭއިރު, ގުޖްރާތީއާއި މަރާޓީ ބަހުގައި ވަންޝަ (Vanśa) ހިމެނެއެވެ.

ހަމައެހެންމެ ޕަންޖާބީ ބަހުގައި ވާޝާ (Vaśa) , ޓެލުގޫ ބަހުގައި ވަންޝަމް (Vanśaṁ) , މަލަޔާޅަމް ބަހުގައި ވަންޝަޕަރަމްޕަރާ (vanśaparampara) , ހިންދީ ބަހުގައި ވަންޝާވަލީ (vanshaavalee) , ބަނގުލާ ބަހުގައި ބަންޝަ (Banśa) ހިމެނެއެވެ.

މި ލަފުތަކަށް ނަޒަރެއް ހިންގައިލުމުން ވެސް އަޅުގަނޑު ކުރިން ދެންނެވި ބަހަށް ބާރު ލިބެއެވެ. އެއް ބަސް އަނެއް ބަހާއި ގުޅިލާމެހިފައިވާ މިންވަރު ނުވަތަ ބަސްބަހުގައި ހުރި ތިމާގެކަން އެނގިގެންދެއެވެ.

ދިވެހި ބަހުގެ ތެރެއަށް އައިސްފައިވާ “ވަންސަ“ އިގެ އަސްލަކީ ސާންސްކުރިތު ލަފުޒެއްކަމަށްވާ ”ވަމްޝަ“ އެވެ. ޒަމާންތައް ދައުރު ވަމުން ގޮސް, މި ލަފުޒު ފުރޮޅެމުން އައިސް “ވަންސަ“ އަށް ބަދަލުވީ ކަމުގައި ލަފާކުރެވެއެވެ. އަދި ”ވަންސަ“ މި ލަފުޒު “ވަންހަ“ އަށް ބަދަލުވީ ކަމުގައި ލަފާކުރެވެއެވެ. އެހެނީ އެވޭލާ ޒަމާނުގައި ޝީނުން (ޝ) ފެށޭ ނުވަތަ ސީނުން (ސ) ފެށޭ ބައެއް ލަފުޒުތައް، މިހާރު ކިޔަމުން އަންނަނީ (ހ) ގެ އަޑުންނެވެ.

”ކުލަ“ މި ލަފުޒަށް ނަޒަރު ހިންގައިލާއިރު, މިއީ ވަރަށް ފުޅާ ދާއިރާއެއްގައި މާނަކުރެވިދާނެ ލަފުޒެކެވެ. މި ލަފުޒަކީ ވެސް ބޭރު ބަހަކުން ދިވެހި ބަހުގެ ތެރެއަށް އައިސްފައިވާ ލަފުޒެކެވެ.

ލަފާކުރެވޭ ގޮތުން ދިވެހި ބަހުގެ ތެރެއަށް މި ލަފުޒު އައިސްފައިވަނީ ސާންސްކުރިތު ބަހުންނެވެ. ސާންސްކުރިތު ބަހުގައި ދަރިކޮޅުގެ މާނަކުރެވޭ ލަފުޒުތަކުގެ ތެރޭގައި ”ކުލަ“ (kula) ހިމެނެއެވެ. މަލަޔާޅަމް ބަހުގައި ”ކުލަމް“ (kulam) , ތަމަޅަ ބަހުގައި ”ކުލައްޓާއި“ (kulattai) , ގުޖްރާތީ ބަހުގައާއި، ޕާލީ ބަހުގައި ކުލަ(kula) އޭ ކިޔައެވެ.

ދަރިކޮޅުގެ މާނައިގައި ދިވެހީން މި ލަފުޒު ބޭނުންކުރަމުން އައީ އެވޭލާ ޒަމާނުގައެވެ. އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި ”ކުލަ“ މި ލަފުޒަކީ، އެ ޒަމާނުގައި މާތް ދަރިކޮޅުތަކަށް ނިސްބަތްކުރި ލަފުޒެކެވެ.

މެކް ޑޮނަލްގެ ”A Sanskrit-English Dictionary“ މި ފޮތުގެ 70 ވަނަ ސަފުހާގައި ”ކުލަ“ (kula) މި ލަފުޒުގެ މާނަތަކުގެ ތެރޭގައި ”Noble family“ އޮތުމަކީ، މި ކަމަށް ލިބޭ އިތުރު ތާއީދެކެވެ.

ޝޯމަވަންސަ ނުވަތަ ހަނދުވަންހަ ( Moon Dynasty) ދަރިކޮޅުން ވަޑައިގެންނެވި ޝްރީމަތަ ގަޑަނާދީއްތަ މަހާރަދުންގެ ރަސްކަމުގައި ހިޖުރައިން 1196-1197 ލިޔެވުނު ލޯމާފާނު (ދަނބިދޫ ލޯމާފާނު ނުވަތަ މާލޭ އެތެރެކޯލު ލޯމާފާނު) ގައި “ކުލަ“ މި ލަފުޒު ބަޔާންވެފައިވެއެވެ.

މި ލޯމާފާނުގެ 15 ވަނަ ލޯފޮތީގެ ދެވަނަ ފުށުގައި ”…..މިމަސްދިދު ބިދެ ނާޝަނާ ކުރެމެވި އެހިންތާކުޅަ ކޮންމެ ކުލެ ރަހަކުން ދޭވަތާއި ނަށަ ދުރޮއިވަނީ ކޮށު….“ މިފަދައިން ބަޔާންވެފައިވެއެވެ.

މި އިބާރާތުގައި އެވާ ”ކުލެ“ އަކީ، ”ކުލަ“ އެވެ. އިބާރާތުގެ މާނައަކީ މި މިސްކިތް ނައްތާލައި ސުންނާފަތިކުރަން ހީކުޅަ ކޮންމެ “އާއިލާއެއް“ ގެ ރަސްކަލެއް ނަމަވެސް، ކަލާނގެއަށް ދަރަނިވެރިވާ ހުއްޓެވެ.

އިހުގެ ބައެއް ރަސްރަސްކަލުންގެ ކޮލީނަންފުޅުގައި ވެސް، ”ކުލަ“ މި ލަފުޒު ހިމެނެއެވެ. އެގޮތުން ބަލާއިރު, އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން ( 01 ވަނަ ) ސިރީ ކުލަރަންމީބަ ކައްތިރި ބޮވަނަ މަހާރަދުންނާއި، އައްސުލްޠާން އިބްރާހިމް އިސްކަންދަރު ކުލަރަންމީބަ ކައްތިރި ބޮވަނަ މަހާރަދުން ހިމެނިވަޑައިގަންނަވައެވެ.

ދިވެހި ބަސްފޮތުގައިވާ ގޮތުން ”ރަންމީބަ“ މި ލަފުޒުގެ މާނައެއްކަމަށް އޮތީ ”ރަންފަދަ“ އެވެ. އެހެންކަމުން ”ކުލަރަންމީބަ“ އިގެ މާނައެއްކަމުގައި ފެންނަނީ ”މާތް ދަރިކޮޅަކުންއައި ރަން ފަދަ“ މިފަދައިންނެވެ.

ހަމައެފަދައިން ”ކުލަސުންދުރަ“ އަކީ ވެސް ބައެއް ރަސްރަސްކަލުންގެ ކޮލީނަންފުޅުގައި ހިމެނޭ ލަފުޒެކެވެ. މި ލަފުޒަކީ ”ކުލަ“ އާއި ”ސުންދުރަ“ މި ދެ ލަފުޒު ލާމެހިގެން އުފެދިފައިވާ ލަފުޒެއްކަމަށް ފެނެއެވެ. ދިވެހި ބަސްފޮތުގައިވާ ގޮތުން ކުލަސުންދުރައިގެ މާނައެއް ކަމުގައި އޮތީ ”މާތް ދަރިކޮޅަކުން އައިސްފައިވާ ރީތި“ މިފަދައިންނެވެ.

ހަވާލާ ލިސްޓް:

ޙަބީބާ ޙުސައިން ޙަބީބު. (1979).

މެކް ޑޮނެލް. (1892) . “އަ ސާންސްކްރިތު-އިންގްލިޝް ޑިކްޝަނަރީ“

ޢަލީ ނަޖީބު, ”ދަނބިދޫ ލޯމާފާނުގެ ތަރުޖަމާ“

ދިވެހިބަހުގެ އެކަޑަމީ. (2010). ދިވެހި ބަސްފޮތް.

ނޯޓް: މި ލިޔުމުގައި “ދަރިކޮޅު“ މި މާނަ ދޭހަ ކުރެވޭ ލަފުޒުތައް ނަގާފައި މިވަނީ ދިވެހި ބަސް ފޮތުންނެވެ. އެއީ ބަސް ފޮތް އެއްކޮޅުން އަނެއްކޮޅަށް ބަލައި އަޅުގަނޑަށް ފާހަގަކުރެވުނު ލަފުޒުތަކެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވާހަކަ ދެއްކުމަށް ބޭނުންކުރަނީ ތަފާތު ބަހުރުވަތަކެކެވެ. އެގޮތުން އުތުރުގެ އަތޮޅުތަކާ އަޅައި ބަލާއިރު, ދެކުނުގެ ބައެއް އަތޮޅުތަކުގެ ބަހުރުވަތައް ވަރަށް ބޮޑަށް ތަފާތެވެ. އެހެންކަމުން “ދަރިކޮޅު“ މި މާނަ ދޭހަކުރެވޭ އިތުރު ލަފުޒުތައް ވެސް ހުރުމަކީ އެކަށީގެންވާ ކަމެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް