ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ޢިބުރަތެއް

Loading

Facebook
Twitter
WhatsApp

ކޮންމެ މަގާމެއްގައި ހުއްޓަސް އަދި މަގާމެއްގައި ނެތަސް ޒުވާނަކަށް ވިޔަސް މުސްކުޅިއަކަށް ވިއަސް ކޮންމެ އިންސާނަކުމެ މަރާ ބައްދަލު ކުރަންޖެހޭނެއެވެ. އެ ވަގުތަކީ އެއްވެސް އިންސާނަކަށް އެނގިގެންވާ ވަގުތެއް ނޫނެވެ.

ބައެއް ސިޔާސީ ބޭފުޅުން ސިޔާސީ އިސް މަގާމު ތަކުގައި ތިއްބަވައިގެން ރިޝްވަތު ނަންގަވައި ވައްކަންކޮށް މަގާމުގެ ނުފޫޒު ބޭނުން ކުރަމުން ގެންދަވާއިރު ތިމާގެ ގާތަށް ވެސް މަރު އަންނާނެ ކަން ކަށަވަރުކޮށް އިޚުލާޞްތެރިކަމާއި އަމާނާތްތެރިކަމާއެކު ވަޒީފާ އަދާކުރުން މަތީގައި ދެމިހުރުމަކީ ފަހުން އުފާ ލިބޭނެ ކަންކަމެވެ.

ބައެއް ސިޔާސީ ބޭފުޅުން ކުރައްވާނެ މާ ގިނަ މަސައްކަތްތަކެއް ނުހުރެއެވެ. އެހެން ކަމާއެކު އެފަދަ ގިނަ ބޭފުޅުން ކުރައްވާހާ ވެސް މަސައްކަތްޕުޅަކީ ޓުވީޓު ކުރެއްވުން ކަމަށް ގިނަބަޔަކު ބުނެއެވެ.

މީގެއިތުރުން މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި ރިޝްވަތާއި ފަސާދަ ހިންގަމުންދާ ކަމަށާއި ތިމާ ވެރިރަސްކަލާނގެ ކުރިފުޅުމަތީގައި ހުއްޓިގެން ހުންނަންޖެހޭ ދުވަސް އަންނާނެކަމާމެދު ޣާފިލުވެވަޑައިގެން ތިއްބަވާ ކަމަށާއި އެދުވަހަކީ ޙައްގު ފާޅުވާ ދުވަސްކަން ހަނދުމަ ނައްތާލައިގެން ތިބޭކަމުގެ ހުތުރު އަޑުތައް އުންމަތުގެ ތެރޭގައި އެދަނީ ފެތުރެމުންނެވެ.

ކިތަންމެ ގިނައިން ތިމާގެ އަތުގައި މުދަލާއި ފައިސާ ހުއްޓަސް އަދި ތިބާކިތަންމެ މަތީ މަގާމެއްގައި ހުއްޓަސް މާތްރަސްކަލާނގެ ވަޢުދުފުޅާ އެއްގޮތަށް މަރު އައިސް ތިމާއާއި ބައްދަލު ކުރާނެކަން ހަނދާނުން ފޮހެނުލައްވާށެވެ.

ދައުލަތުގެ މުދަލާއި ފައިސާއަކީ މުޅި ގައުމުގެ އެންމެންގެ ޙައްގު އޭގައި ޝާމިލްވެގެންވާ ތަކެއްޗެވެ. ދައުލަތުގެ މުދަލާއި ފައިސާއިން ވަައްކަން ކޮށްފިނަމަ އެ އަރައި ގަނެވެނީ އެންމެންގެ ޙައްގުތަކަށެވެ.

އިއްޔެ މި ފަނާވަނިވި ދުނިޔެ ދޫކުރެއްވި ޓްރާންސްޕޯޓް މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރަކީ ޒުވާން ސިޔާސީ ބޭފުޅެކެވެ. ސިޔާސީ ބޭފުޅަކަށް ވީތީ އަދި ޒުވާން ބޭފުޅަކަށް ވީތީ މަރު ގެންދެވުން ލަސްނުކުރެއްވިއެވެ. ވަގުތު ޖެހުމުން އަޅުގަނޑުގެ ގާތަށާއި އަދި ތިބޭފުޅުންގެ ގާތަށްވެސް މަރު އައުން ލަސްނުކުރައްވާ ހުއްޓެވެ. މާތް ﷲ އެބޭފުޅާއަށް ސުވަރުގޭގެ ދާއިމީ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި!

މި ޢިބާރާތުން މިކަން ތިޔަ ސިޔާސީ ބޭފުޅުންގެ ސަމާލުކަމަށް ގެނެސް މަރު އަންނާނެ ކަން ހަނދުމަކޮށްދޭން އަޅުގަނޑަށް މި ޖެހުނީ ސިޔާސީ މަގާމުތައް ފުރުއްވަމުން ގެންދަވާ ބައެއް ބޭފުޅުންގެ މައްޗަށް ރައްޔިތުން އެ ދިއްކުރަމުން ގެންދާ ތުހުމަތުގެ އިނލިތަކާއި ގުޅިގެންނެވެ. އަދި އަޅުގަނޑުމެން އެންމެންނަކީ މުސްލިމުންކަމަށް ވީތީވެސް މެއެވެ.

އެއްވެސް މުސްލިމަކު ނަރަކަޔަށް ދިއުމަށް އަނެއް މުސްލިމް ނޭދޭނެއެވެ. އެހެންކަމާއެކު ސިޔާސީ ބޭފުޅުން ވެސް މަރު ހަނދުމަކުރައްވައި މާތްރަސްކަލާނގެ ކޯފާއާއި ޢަޒާބަށް ބިރުވެތިވެ އަމާނާތްތެރިކަމާއި އިޚުލާޞްތެރިކަމާއެކު މަގާމު ފުރުއްވަމުން ގެންދިއުމަށް ނަޞޭޙަތްތެރިވަމެވެ.

Loading

One Response

  1. ފަހަލަ ބުންޏަސް ތެދެއްވާނީ ތެދަކަށެވެ. އެހެނަސް ބުނަންހެއްޔެވެ. މިދޮގުވެރީން ތިކަމެއް ހަނދާނެއް ނުކުރާނެއެވެ. އެމީހުންގެ ތެރެއިން ޝައިތާނަކު މަރުވިޔަސް އަވަހަށް ހެޔޮއެދުމާއި ފުއްސެވުމަށް ދުޢާކުރަމޭ ކިޔާފަ މެސެއްޖްތައް ފޭސް ބުކާއި އެކްސް އަށް އަޅާނީއެވެ. ދެރަކަމުގެ ކޮޅެއްނެތެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް