ބައިނަލްއަޤްވާމީ އެންމެ ބޮޑު ޖަމިއްޔާ ކަމުގައިވާ އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާ (ޔޫއެން)ގައި ފަލަސްތީނުގެ ބައިވެރިވުން އިތުރުކުރަން ފެނޭތޯ ބެލުމަށް ނެގި ފެންނަ ނުފެންނަ ވޯޓު، ވޯޓު ދިން ގިނަ މެންބަރުންގެ ބޮޑު އަޣުލަބިއްޔަތަކުން ފާސްކޮށްފިއެވެ.
މިގޮތުން، ސިންގަޕޫރު ހިމެނޭގޮތަށް، ޔޫއެންގެ މި ރިޒޮލިއުޝަން ފާސްކުރުމަށް 143 މެންބަރު ގައުމުން ވޯޓު ދިންއިރު، ޔޫއެންގައި ފަލަސްތީނުގެ ފުރިހަމަ ބައިވެރިވުމަށް 9 ގައުމަކުން ވަނީ ނޫނެކޭ ބުނެފައެވެ. އަދި 29 ގައުމަކުން ވަކިގޮތަކަށް ވޯޓު ދިނުމަށް ދެކޮޅު ހަދާފައިވެއެވެ.
ފަލަސްތީނުގެ ބައިވެރިވުމަށް ނޫނެކޭ ބުނި ގަައުމުތަކުގެ ތެރޭގައި އެމެރިކާއާއި އިޒްރޭލު ހިމެނޭއިރު، މިވޯޓަކީ ފަލަސްތީނުގެ ބައިވެރިވުމާއި މެދު ގޮތް ނިންމުމަށް ނެގި ވޯޓެއްކަމަށް ދެއްކުނުނަމަވެސް، މެންބަރު ގައުމަކަށް ވުމާއި މެދު ގޮތް ނިންމާނީ ޔޫއެންގެ ސެކިއުރިޓީ ކައުންސިލުންނެވެ. އަދި ބެލެވޭ ގޮތުގައި، ފަލަސްތީނުގެ މެންބަރު ކަމާއި މެދު ގޮތް ނިންމަން ޖެހޭ ހާލަތުގައި އެމެރިކާއިން އެގައުމަށް ލިބިގެންވާ ވީޓޯ ކުރުމުގެ ބާރުގެ ބޭނުން ހިފާނެއެވެ.