އަޅުގަނޑުމެންގެ މިނިވަން ދިވެހިރާއްޖޭގެ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ނިމިގެން މިދިޔައީ ދާދި މިދާކަށް ދުވަހުގައެވެ. ރައްޔިތުންގެ ނަމުގައި 19 މަޖްލިސް ނިމިގެންދާއިރު ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންނާ ހުރި ގުޅުމުގެ މައްޗަށް ބަލާލުން ބޭނުމެވެ.
އަޅުގަނޑަށް ދުނިޔޭގައި ޖެހޭ ވަޔާ އޮއިވަރު ރަނގަޅަށް އެނގެންފެށީ ހަތްދިހައިގެ އަހަރު ތަކުގެ ފަހުކޮޅުން ފެށިގެނެވެ. އެ ދުވަސްވަރު ރައްޔިތުންގެ މަޖިލީހަށް ކުރިމަތި ލުމަށް ކޮންމެ ކޮންމެ މީހަކު ޝަރުތު ފުރިހަމަވެއެކޭ ނުބުނެވޭނެއެވެ.
މަޖިލީހަށް ކުރިމަތި ލުމުގެ ޝަރުތުގައި ސަރުކާރުގެ ތާއީދު ލިބިފައިވުން ވަރަށް ބޭނުމެވެ. އެނޫން މީހަކަށް އެފުރުސަތު ލިބުމަކީ ވަރަށް ނާދިރު ކަމެކެވެ. އަމިއްލަ ގޮތުން ތާއީދު ހޯދުމަށްޓަކައި ކެންޑިޑޭޓުން ކުރި މަސައްކަތުގެ ސަބަބުން ސަރުކާރުގެ ނުރުހުމުގެ ލޮލަށް އަމާޒުވެފައިވާ ފަހަރުތައްވެސް ފެނިފައި ވެއެވެ. އަދި ބައެއް ފަހަރު އެފަދަ ކެންޑިޑޭޓުންނަށް ރުހުން ލިބޭތޯ މަސައްތަކް ކުރެއްވި ބައެއް ބޭފުޅުންގެ ވަޒީފާ ގެއްލުމާއި ކުރިމަތި ލާންޖެހުނުތަންވެސް ވަނީ ފެނިފައެވެ. ސަރުކާރުން ބޭނުންވާ ނަތީޖާ ނުލިބޭ ރަށްރަށުގެ ކަތީބުންނާއި އަތޮޅުވެރިން މަގާމަށް ކުފޫ ހަމަނުވާތީ މާލެ ގެނެވި އެއްފަރާތްވެސް ކުރެވުނެވެ.
އެއީވެސް ނަމޫނާ ޑިމޮކްރެސީއެއް ކަމަށް އޭރުގެ ސަރުކާރުން ރައްޔިތުންނަށް ވިސްނާ ދެމުން ގެންދިޔައެވެ. ހަގީގަތުގައި ޑިމޮކްރެސީއަކީ ބާރު އޮންނަ ބަޔަކު ބޭނުންވާ ގޮތަކަށް ތަރުޖަމާކުރާ އެއްޗެއްކަން މި އެނގެނީ މިހާރުއެވެ. މިއަދުގެ ދުނިޔޭގައި އޮތް އެންމެ ފުރިހަމަ ޑިމޮކްރެސީ އަކީ އިސްރާއީލު ކަމުގައި މުޅިދުނިޔެއިން ގަބޫލުކުރަން އޮތީ ޖެހިފައެވެ. ސަބަބުތަކަށް ދާކަށް ނެތީމެވެ.
އެދުވަސްވަރު މުޅި ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ ރައްޔިތުން އިންތިޚާބު ކުރެއްވި މެމްބަރުންވެސް މަސައްކަތް ކުރައްވަންޖެހެނީ ވެރިމީހާ އެ މަޖިލީހަށް ކަނޑައަޅުއްވާ އަށް މެމްބަރުންނާއި އެކުގައެވެ. ސަރުކާރާއި އިދިކޮޅު މެމްބަރުންނެއް ނުތިބޭނެއެވެ.
އޭރުވެސް އަދި މިހާރުވެސް ސަރުކާރުން ބުނަމުން ގެންދަނީ ހަމަ އެއް ވާހަކައެކެވެ. އަމާން އޮމާން ކަމާއިއެކު ރައްޔިތުންނަށް ފައިދާ ކުރަނިވި ގޮތުގައި ސަރުކާރުން ކަންތައް ކުރެވޭނީ މަޖިލީހުގެ ފުރިހަމަ ތާއީދު ލިބިގެންނެވެ. ފާޑު ކިޔަން ވާނީވެސް ސަރުކާރުން ބޭނުންވާ ގޮތަކަށެވެ. ފުރިހަމަ ތާއީދުލިބި އެމްޑީޕީގެ 5 އަހަރުދުވަހުގެ ސަރުކާރެއް ނިންމާލައިފިއެވެ. އަދި އެފަދަ އެނެއްސަރުކާރު މިވަނީ އުފެދިފައެވެ. ކުރީގެ 5 އަހަރުދުވަސް ނިންމާލިގޮތް އެއޮތީ ފެންނާސެވެ. ދެން މިފެށުން ނިމޭގޮތް ރަނގަޅުވެއްޖެނަމަ ކޮޅެއްނެތްހާ ރައްޔަތުންނަށް ރަނގަޅުވީއެވެ. އަބަދުވެސް އުންމީދު ކުރަން ޖެހޭނީ މުސްތަގުބަލް ރަނގަޅުވާނެ ކަމަށެވެ.
ކުރިން ބުނެވުނު ދުވަސްވަރު ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިންތިޚާބު ކުރުމަށްފަހު އެހިސާބުން ރައްޔިތުންގެ މަސްޢޫލިއްޔަތު އަދާކޮށް ނިމުނީއެވެ. އެ މެމްބަރުން ކުރާ ކަންތައްތަކަކާއި ދައްކާ ވާހަކައަކާއި އުފަންކުރުވާ ގާނޫނަކަށް ރައްޔިތުންގެ ވިސްނުން ހުރި ގޮތް އެނގޭކަށް ބޭނުމެއް ނުވެއެވެ. ރައްޔިތުން ބޭނުންވާގޮތަށް ހުރިހާކަމެއް ކުރަންވީގޮތް ރައްޔަތުން އިސްކުރި ސަރުކާރަށް އެނގޭނެއެވެ. ނޭންގެއޭ ނުވަތަ ތިޔަށް ވުރެން މިވެނި ގޮތެއް މާ ރަނގަޅުވާނެއޭ ބުނާކަށް ޖާގައެއްވެސް ނޯވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ އެއްބާރުލުމާއި އެކު ގާނޫނުތައް ފާސްކުރެވި އޭގެ މައްޗަށް ގަވައިދުތައް ހެދި ރައްޔިތުންނަށް އޮތީ ހަމައެކަނި އެ ގާނޫނުތަކާއި ގަވައިދުތައް ބަލައިގަނެ ބޯލެނބުމެވެ. އެއްވެސް ޙާލެއްގައި އެއިން ގާނުނަކަށް ނުވަތަ ގަވައިދަކަށް ފާޑުކިޔުމަކީ ބޮޑުވެގެންވާ ކުށެކެވެ. ވާނީވެސް އެހެންތާއެވެ.
ރައްޔިތުން އިންތިޚާބު ކޮށްފައިވާ މަންދޫބުން އެކުލަވާ ލައްވާފައިވާ ގާނޫނުތަކާއި އޭގެ މައްޗަށް ހެދިފާހުރި ގަވައިދުތަކަށް އެއްބަސް ނުވުމަށްވުރެން ބޮޑު ކުށެއް އޮވެގެންވެސް ނުވާނެއެވެ.
ދުވަސްތައް ފާއިތުވަމުން ދަނިކޮށް ދިވެހި ފަސްގަނޑުގައި ހިނގަމުން ދަނީ ޢާއިލީ ރަސްކަމެއް ކަމަށް ގައުމުގައި ތިބި ބައެއް ފައިސާވެރިންވެސް ހިމެނޭ ގޮތުގައި ބަޔަކު މީހުންނިކުމެ އަޑުގަނދަކޮށް ހުޅަނގުގައި ވެރިކަން ހިންގަމުން ގެންދާ ނިޒާމަށް ވެރިކަން ބަދަލުކޮށްގެން މެނުވީ ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުކުރާނެކަމަށް ގޮވަން ފަށައިފިއެވެ. ދިވެހިންވެސް ތިބީ ދިގު ތިރީހަކަށް އަހަރު އެއްބޭފުޅަކު ވެރިކަން ކުރުމުގެ ސަބަބުންވެސް ފޫހިވެފައެވެ.
އަލަށް ފެނިގެން ދިޔަ ޙަރަކާތް ތަކުގައި ވަރަށް އަވަހަށް ލޮލަށް ފިނިކަން ލިބިދޭފަދަ ރަން ރީދޫ ކުލައިން ދިވެހި ޖައްވު ކުލަޖެހިގެން ހިނގައްޖެއޭ ބުނެވިދާނެއެވެ. ބަދަލުވާން މިއުޅޭ ވެރިކަމުގެ ނިޒާމުގެ ޙަގީގަތް އޮޅުން ނުފިލާ އޮތުމާއި އެކުގައި ރައްޔިތުންގެ މޫނުމަތިން ހިތްހަމަ ޖެހުން ކިތަންމެ ރަނަގަޅަކަށްވެސް ފެންނާން ފެށިއެވެ.
އަލަށް އުފެދިގެން މިއައި ބަދަލެއްގެ ޙަރަކާތް ހުއްޓުމަށް ސަރުކާރުން އެޅި އެއްވެސް ފިޔަވަޅެއް ކާމިޔާބު ނުވިއެވެ. ބާރު ދުވެލީގައި ހިނގަމުން ދިޔަ ޙަރަކާތް ތަކުން ބޭނުންވިގޮތަށް ހުޅަނގުގެ ގައުމުތަކުން ވެރިކަންކުރާ އެކިޔާ ޑިމޮކްރެސީގެ ވެރިކަމަށް މަގު ފަހިވާ ގޮތަށް ކުޑަދުވަސްކޮޅެއްގެ ތެރޭގައި އާ ގާނޫނު އަސާސީއެއް ދިވެހިންގެ ވުޖޫދަށް ގެނެސްފިއެވެ.
އަލަށް އުފަންކުރެވުނު ގާނޫނު އަސާސީގައި އެންމެ ބޮޑަށް ފާހަގަކުރެވޭ ކަމަކީ ރައްޔިތުންގެ ނަމުގައި ވަކާލާތުކުރަން ހަމައެކަނި ސާޅީހަކަށް މެމްބަރުން ނުފުދޭ ކަމަށާއި މެމްބަރުން އިތުރު ކުރަން ޖެހޭ ކަމެވެ.
ސަރުކާރު ދަރަނިވެރިވުމަކީ ދިވެހިން ދަންނަ ބަހެއް ނޫނެވެ. އެހެންވީމާ ކިތަންމެ ބިޔަ މަޖިލީހެއް އޮތީ ވިއްޔާ ކީއްހެއްޔެވެ!
ސަރުކާރުގެ މިލްކުގައި އޮތް ފަންސާހަކަށް އާގުބޯޓާއި މަސްކުންފުނި ބަނގުރޫޓް ވީ ވާހަކަ ރައްޔިތުންނަށް އޮތީ އަޑު އިއްވާފައެވެ. އެއީ ރައްޔިތުން ވިސްނަން ޖެހޭ ކަމަކަށް ނުވާ ކަހަލައެވެ. ބުނެވޭ ބަހަކުން ކުރިމަތިލާން ޖެހިދާނެ ބިރުވެރިކަން އޮތީ ރައްޔިތުންގެ ހިތްތަކުގައި ފިސާރި ރަނގަޅަށް މޫ ލާފައެވެ.
ހުޅަނގުގެ ޑިމޮކްރެސީގެ އެއްބާރު ކަމުގައި ބެލެވޭ ގޭންގުތަކުގެ ބިރުވެރިކަމާއި ނުރައްކަލުގެ ކުރިތައް އިސާހިތަކު ގައުމުގެ ބިމުތެރޭން ދައްކާލައިފިއެވެ. ޑިމޮކްރެސީގެ ނަމުގައި އެންމެ އިސް ސަފުގައި ތިބި ޙަރަކާތްތެރިންނާއި އެކު ގަމުގެ މީޑިއާތަކުން އެ ގޭންގުތައް ފަޚުރުވެރި މަގާމެއްވެސް ހޯދައިފި ކަހަލައެވެ. ގޭންގުތަކުގެ ސަބަބުން ގައުމުގެ އަމާންކަމަށް އެއްވެސް ބުރުލެއް ނާރާނެ ކަމުގެ ޔަގީން ރައްޔިތުންނަށް ދިނުމުގެ ބޭނުމުގައި ބަސްދީގަތުން ތައްވެސް އިންތިޒާމް ކުރެވިގެން ދިޔަތަން ފެނުނެވެ.
އެއަށްފަހު ފެނިގެންދިޔައީ އޭގެކުރިން ގައުމު ދެކިފައި ނުވާ ގޭންގް ތަކުގެ ނަމުގައި ލޭ އޮހޮރުވުންތައް އިތުރުވެގެން ދިޔަ ތަނެވެ.
ގައުމުގައި އަލަށް އުފެދުނު ޑިމޮކްރެސީގެ ބިޔަ މަޖިލީހުން އަވަސް އަވަހަށް އެ ނިޒާމުގައި ސަރުކާރު ހިންގުމަށްޓަކައި ބޭނުންވާ ގާނޫނުތައް އެކުލަވާލުމުގެ މަސައްކަތް ފެށިގެން ދިޔައެވެ. އަދި ވަރަށް އަވަހަށް ގާނޫނުތަކެއް ހެދިގެންވެސް ދިޔައެވެ.
މި މައުޟޫއަކީ ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންނާއި ދޭތެރޭ ހުރި ގުޅުން ކަމުގައިވީ ހިނދު އެހެން މުއައްސަސާ ތަކާދޭތެރޭ ގިނަވާހަކަ ލިޔާކަށް ބޭނުމެއް ނޫނެވެ.
ޑިމޮކްރެސީގެ ބިޔަ ރައްޔިތުންގެ މަޖިލީހުން އެންމެ ފުރަތަމަ އެ މެމްބަރުންގެ ޙައްގުތައް މުޅިއުމުރަށް ކަށަވަރު ކުރެއްވިތަން ފެނުނެވެ. ބޮޑު މުސާރާއާއި އިނާޔަތްތައް އަމިއްލައަށް ކަނޑައޅުއްވައި ނިންމެވިއެވެ. އެ ނިންމުން ތަކުގައި ދައުލަތުގެ އާމްދަނީއާ ދޭތެރޭ މާ ބޮޑު ވިސްނުމެއް ގެންގުޅުއްވިހެން އެބޭފުޅުންގެެ ޢަމަލަށް ބެލުމުން، ނުފެނުނެވެ. ދެންފެނުނީ ރައްޔިތުންގެ ޙާލަތާއި ދޭތެރޭ ވިސްނެވުމުގެ މުހިންމުކަން ނެތިގޮސް ހަމައެކަނި ސިޔާސީ ޕާރޓީގެ މަގްސަދު ފުރިހަމަކުރުމަށް ވަގުތު ހުސްކުރަން ޖެހުނު ތަނެވެ. އެހާތަނުން ރައްޔިތުން އިންތިޚާބު ކުރެއްވި މެމްބަރުންނަކީ ރައްޔިތުންގެ މަޖިލީހުގައި ސިޔާސީ ޕާރޓީ ތަމްސީލުކުރައްވާ ބަޔަކަށް ވެއްޖެއެވެ.
ސަރުކާރަކީވެސް ސިޔާސީ ޕާރޓީތަކުގެ އަޣްލިބިއްޔަތު ނުލިބި ނުހިންގޭނެ އެއްޗަކަށް ހަދާލީއެވެ. ރައްޔިތުންގެ ތެރެއިން ފަންސާސް އިންސައްތައަށް ވުރެން ގިނައީ ސިޔާސީ ޕާރޓީ ބޭނުން ނުވާބަޔަކަށް ވެފައިވާއިރުވެސް އެ ރައްޔިތުންގެ އަގެއް ނެތެވެ.
ފަނަރަވަރަކަށް ހާސް ރައްޔިތުން ދިރިއުޅޭ ސަރަޙައްދަކަށް އިންތިޚާބުގައި ދިހަ މީހުން ކުރިމަތި ލުމުން ހަމައެކަނި ދިހަވަރަކަށް ހާސްމީހުން ވޯޓު ދިނުމުން އޭގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބޭ މީހާއަކީ ރައްޔިތުން އިންތިޚާބުކުރި އެކަމަކު ޕާރޓީ ތަމްސީލުކުރާ މެމްބަރު ކަމުގައި ވެ ނިމެނީއެވެ. ފަނަރަ ހާސް ރައްޔިތުންގެ ތެރެއިން ދެހާހެއްހާ މީހުންގެ ވޯޓު ލިބިގެން އިންތިޚާބު ކުރެވޭ މެމްބަރު މި ނިކުންނަވަނީ ބާކީ ތިއްބެވި ތޭރަހާސް ރައްޔިތުން ނޫނެކޭ ގޮވަގޮވާ ތިއްބާ ރައްޔިތުން ތަމްސީލު ކުރައްވާށެވެ.
ޑިމޮކްރެސީގެ ފުރިހަމަ ކަމަކީ މިއީއެވެ. ރައްޔިތުން ނުރުހޭ މިންވަރު ބަލަން ވޯޓު ނަގާކަށް ބޭނުމެއް ނޫނެވެ. ރުހުނަސް ނުރުހުނަސް މަޑުމަޑުން ތިބުން ނޫންގޮތެއް ރައްޔިތުންނަކަށް އެ ގެނެވުނު ޑިމޮކްރެސީން ނެތެވެ.
މަޖިލީހުގެ އިންތިޚާބު ނިމޭ ހިސާބުން މެމްބަރުންނާއި ރައްޔިތުންގެ ގުޅުން ކެނޑުނީއޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. މެމްބަރު މިހާ މަޖިލީހަށް ގޮސް މަސައްކަތް ކުރުމާއި ނުކުރުން އެއީ އޭނާގެ އިޚްތިޔާރެވެ. ރައްޔިތުންގެ ތިޖޫރީން މުސާރައާއި އިނާޔަތްތައް އުމުރު ދުވަހަށް ލިބިލިބި ހުންނާނެ ގޮތަށެވެ. ޢިއްޒަތްތެރިކަމާއި އެކު ރާއްޖޭގެ ހަރު މުދަލުން ބޭނުންކުރުމުގެ ހުއްދަ ލިބޭނެ މަގު ފަހިވެގެންދާނެއެވެ.
ގާނޫނުން ރައްޔިތުންނަށް ލިބުން ކަށަވަރު ކޮށްދީފައިވާ ގިނަ އިނާޔަތެއްވެސް ލިބެނީ މެމްބަރުގެ ހެޔޮފުޅުކަމުން އެހީތެރިވެ ދިން މިންވަރަކުންނެވެ. ޢާންމު ރައްޔިތަކަށް މެމްބަރުގެ ފައިންޕުޅު ފެނުމަކީވެސް ވިއްސާރަ ރެއެއްގައި އުޑުމަތިން ތަރި ފެނުން ކަހަލަ ނަސީބެކެވެ.
މަޖިލީހުން ގާނޫނުތަކެއް ހަދާކަމަށް އެއްބަސް ވަމެވެ. އެ ގާނޫނުތަކަށް ދިވެހިގައުމުގައި ދިރިއުޅޭ ހުރިހާ މީހުން އެއްވެސް އިސްތިސްނާއެއް ނެތި ތަބާވާން ގާނޫނު ލާޒިމް ކުރެއެވެ. މަގާމުގެ ޙައިސިއްޔަތުން ރައްޔިތުން ދީފައިވާ އިމްތިޔާޒުތަކެއް އެ މުއްދަތުގެ ތެރޭގައި ދެމި އޮންނާނެއެވެ. އެކަމަށް ބުރުލެއް އެރިޔަ ނުދިނުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް އޮންނަނީ ކަށަވަރު ކޮށްފައެވެ.
އެކަމަކު އާންމު ރައްޔިތުންނާއި ގުޅޭ ކަންތައްތައް ގާނޫނާއި ގަވައިދުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން ތަފާތު ކުރުމެއްނެތި ތަންފީޒު ކުރެވޭކަމަށް ގަބޫލުކުރަން އުނދަގުލެވެ.
ނުނިމޭ…..
2 Responses
މިލިއުން ކިއުއްވާފައިވާ ީހުންގެ އަދަދަށް ބަލާއިރު ދިވެހި ގައުމުގައި އޮތް ދިވެހިންގެ އިއްޒަތާއި ބާރު ކަށަވަރުކޮށްދޭ މުއައްސަސާ ކުރިއަށްދަނީ ރަނގަޅަށް ކަމަށް ގަބޫލު ކުރެވެއެވެ. ކުރިއަށް ދިވެހިރާއްޖެ… ކުރިއަށް ރައްޔިތުންގެ މަޖިލިސް…!!
އެންމެންވެސް ކިޔާނީ މަގޭ ގައުމޭ ރައްޔިތުންނޭ ދީނޭ މިނިވަންކަމޭ. ހަމަ އަގުޖެހުނީ ވިއްކާލީ. ދިވެހީންގެ ރާއްޖޭގެ މިހާރުގެ ޙާލަތަކީ މިއެވެ. ފައިސާ ހޯދާށެވެ. ރިޝްވަތު އަޅާލީމާ ބިސްމި ކިޔާފަވެސް ހިފާނެއެވެ. އަދި އެ ރިޝްވަތު ހިފުނީތީ ވޯޓު ވެސް ވިއްކާލާނެއެވެ. ހަމަ ދުނިޔޭގެ އަވައިގައި ޖެހި ދިވެހީން މިތިބީ ހަލާކުވެފައެވެ.