ޣައްޒާގައި ހަނގުރާމަ ހިންގާ އިޒްރޭލަށް ޖާސޫސްކޮށްދިން ކަމުގެ ތުހުމަތުގައި ދެމީހުން ހައްޔަރުކޮށްފައިވާކަން ތުރުކީއިން ހާމަކޮށްފިއެވެ.
ތުރުކީގެ އިންޓީރިއަރ މިނިސްޓަރ އަލީ ޔާލިކަޔާ ހުކުރު ދުވަހު ބުނީ އިޒްރޭލަށް ޖާސޫސްކޮށްދޭ ކަމަށް ތުހުމަތުކުރެވޭ 8 ފަރާތެއް ހިފަހެއްޓުމަށްފަހު، އޭގެތެރެއިން 6 މީހަކު ޕެރޯލުގެ ދަށުން ދޫކޮށްލައި، ދެން ތިބި ދެމީހުން ހައްޔަރުކޮށް ދައުވާ އުފުލާފައިވާކަމަށެވެ.
މިއަހަރު ފެށުނު ފަހުން އިޒްރޭލުގެ މޮސްއަދް އިންޓެލިޖެންސާއި ގުޅުން އޮންނަ ކަމަށް ގަބޫލުކުރެވޭ ގިނަ އަދަދެއްގެ ބަޔަކު ތުރުކީއިން ހައްޔަރުކޮށްފައިވާއިރު، މިދިޔަ މަހު އެކަނިވެސް 6 މީހެއްގެ މައްޗަށް ވަނީ ޖާސޫސްކުރުމުގެ ދައުވާ އުފުލާފައެވެ.
ފަލަސްތީނުގެ މުޖާހިދުންގެ ޖަމިއްޔާއެއް ކަމަށްވާ ހަމާސްއާއި ދެކޮޅަށް އިޒްރޭލުން މީހާރު ކުރިއަށްގެންދާ ހަނގުރާމަ ފަށާފައިވަނީ އޮކްޓޫބަރު މަހުގެ ތެރޭގައެވެ.
ތުރުކީ ފުލުހުންގެ މަސްދަރަކާ ހަވާލާދީ ރޮއިޓަރސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ތުރުކީއިން ހައްޔަރުކޮށްފައިވަނީ ތުރުކީގެ ޕްރައިވެޓް ޑިޓެކްޓިވްއަކާއި އޭނާގެ އަންހެނުންނެވެ. އަދި ޖާސޫސްކޮށްދީގެން މޮސްއަދްގެ ފަރާތުން އެ ދެމަފިރިން ގެންދިޔައީ ބޮޑު އާމްދަނީއެއް ހޯދަމުން ކަމަށްވެސް ރޮއިޓަރސްގައި ލިޔެފައިވެއެވެ.