އިޒްރޭލުން ޣައްޒާގައި ހިންގަމުންގެންދާ ގަތުލުއާންމާއެކު ދުނިޔޭގެ ގިނަ ގައުމުތަކުގެ ސަރުކާރުތަކުން އިޒްރޭލާ ދެކޮޅަށް ގިނަ ވާހަކަތަކެއް ދެއްކުމަށްފަހު އެއްވެސް ފިޔަވަޅެއް އަޅާފައިނުވާއިރު، އަޔަރލެންޑުން އިޒްރޭލާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފިއެވެ.
އިޒްރޭލާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އަޔަރލެންޑުގެ އިންތިހާބީ މަޖިލީހުން ނިންމާފައިވާއިރު، އެގައުމުގެ ވައިގެ ސަރަހައްދު ބޭނުންކޮށްގެން އެމެރިކާއިން އިޒްރޭލަށް ހަތިޔާރު އެތެރެކުރުން ހުއްޓުވުމަށާއި އިޒްރޭލާއި ދެކޮޅަށް ބައިނަލްއަޤްވާމީ އާމްސް އެމްބާގޯއެއް އިއުލާނުކުރުމަށް ވަކާލާތުކުރުމަށް އަޔަރލެންޑުގެ ސެނެޓުން ވަނީ ފާސްކޮށްފައެވެ.
ޣައިރު މުސްލިމު ގައުމުތަކުން ފަލަސްތީނާށްޓަކައި ކޮށްފައިވާ މަސައްކަތް މުސްލިމު ގައުމުތަކުން ކޮށްފައިވާ ހުރިހާ މަސައްކަތަށްވުރެ ގިނައިރު، 40 އަށްވުރެ ގިނަ ގައުމުގެ ވެރިކަމުގައި ތިބި މުސްލިމް ލީޑަރުން އިޒްރޭލާއި ދެކޮޅަށް ބަސްބުނި ނަމަވެސް އަޔަރލެންޑް ފަދަ ގައުމުތަކުން އަޅާފައިވާ ފަދަ އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.
މީގެއިތުރުން، ގިނަ މުސްލިމް ގައުމުތަކުން ތިބީ އެއް ގައުމު އަނެއް ގައުމަށް އިނގިލި ދިއްކޮށް ތުހުމަތުކުރުމުގައެވެ. އަޔަރލެންޑާއި ދެކުނު އެފްރިކާ ފަދައިން ފަލަސްތީނަށް އެއްބާރުލުނަ ދިނުމުގެ ގޮތުން މަސައްކަތެއް ނުކުރެއެވެ.
އެހެންނަމަވެސް، ދިމިގުރާތީ ނިޒާމުގެ ދަށުން ހިންގާ މުސްލިމް ގައުމުތަކުގެ ކަންކަމުގައި ފަހުބަސް ބުނާނީ ވެރީން އިންތިހާބުކުރާ ރައްޔިތުންނެވެ. ފަލަސްތީނާއި އެއްކޮޅަށް ފާއިތުވި މަސްތަކުގައި އެއްވެސް މަސައްކަތެއް ނުކޮށްތިބެ ގޮތްދައްކާ ސިޔާސީވެރީންނެއް ނޫނެވެ.
މުސްލިމު ގައުމުތަކަށްވުރެ ޣައިރު މުސްލިމު ގައުމުތަކުން ފަލަސްތީނަށްޓަކައި ކުރާ މަސައްކަތް އިތުރުވުމަކީ މުސްލިމު އުންމަތަށް ހުރި ބޮޑު ލަދެކެވެ. އެމެރިކާއާއު އިޒްރޭލުގެ މަސްލަހަތު އެއްކިބާކޮށް ފަލަސްތީނު ރައްޔިތުންގެ މަސްލަހަތު ކުރިއަށްނެރޭ ފަރާތްތަކަށް ވޯޓުދިނުމަށް މުސްލިމުންވެސް ފަސްޖެހޭނަމަ އެއީވެސް ބޮޑު ލަދަކަށް ނޫނީ ނުވާނެއެވެ.
ހަމައެއާއެކު، ފޮނި މީރު ވާހަކަތައް ދައްކައި، ފަލަސްތީނަށް އެއްބާރުލުން ދޭނެ ކަމަށް ބުނުނަށްފަހު، ބާރު ލިބުމުން އެއްވެސް ކަމެއް ނުކޮށް ހަނު ތިބޭ ސިޔާސީވެރީން އަނެއްކާވެސް ހޮވަންވެއްޖެނަމަ ރައްޔިތުން ލަދުވެތިވާންޖެހޭނެއެވެ.
ވީމާ، ކުރިއަށް އޮތް އިންތިޚާބުތަކުގައި ވޯޓުލާ ފަރާތްތަކުން އެ ފަރާތްތަކަށް ލިބިފައިވާ ގާނޫނީ ހައްގުގެ ބޭނުން އޭގެ އެންމެ ރަނގަޅުގޮތުގައި ހިފުމަށް ސަމާލުކަން ދޭން ޖެހެއެވެ. އެގޮތުން، ފަލަސްތީނަށް އެއްބާރުލުން ދިނުމުގެ އިތުރުން އިޒްރޭލާއި، އިޒްރޭލަށް މާލީ ގޮތުންނާއި ސިޔާސީ ގޮތުން ވާގިވެރިވާ ގައުމުތަކާއި ދެކޮޅަށް ތެދުވާ ފަރާތްތަކަށް ވޯޓުލުމުގައި ސަމާލުވާން ޖެހޭނެއެވެ.