ލެބޯޓްރީގެ ޚިދުމަތް ލިބެންނެތް 76 ރަށުގައި ލެބޯޓްރީގެ ޚިދުމަތް ފެށުމުގެ މަޝްރޫޢު އިފުތިތާހު ކޮށްދެއްވައިފި

Loading

Facebook
Twitter
WhatsApp

ލެބޯޓްރީގެ ޚިދުމަތް ލިބެންނެތް 76 ރަށުގައި ލެބޯޓްރީގެ ޚިދުމަތް ފެށުމުގެ މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އިފުތިތާހު ކޮށްދެއްވައިފިއެވެ.

އެ މަނިކުފާނު މި މަޝްރޫޢު އިފުތިތާހު ކޮށްދެއްވާފައި ވަނީ، މިއަދު މެންދުރުފަހު ދަރުމަވަންތަ ހޮސްޕިޓަލުގެ އުޑުވިލާ މާލަމުގައި ކުރިއަށްދިޔަ ރަސްމިއްޔާތުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، އާންމު ޞިއްޙީ ޚިދުމަތްތައް ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މިހާރަށްވުރެ ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދިނުމަކީ މި ސަރުކާރުން ވަރަށް ބޮޑު އަހުމިއްޔަތުކަމެއް ދެއްވައިގެން ކުރަމުން އަންނަ މަސައްކަތެއްކަން ފާހަގަ ކުރެއްވިއެވެ.

އެގޮތުން ދިވެހިރާއްޖޭގައި މީހުން އާބާދުވެފައިވާ ކޮންމެ ރަށެއްގައި، ޞިއްޙީ ފަރުވާއަށް ބޭނުންވާ ލެބޯޓްރީގެ ޚިދުމަތް ފުޅާކުރުމުގެ މަޝްރޫޢެއްގެ ތާވަލު އެކުލަވާލައި ތަންފީޒުކުރަން ފެށުމަކީ، ރައީސުލްޖުމްހޫރިއްޔާގެ ހަފުތާ 14 އެޖެންޑާގައި ހިމެނޭ މުހިންމު ވަޢުދެއްކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް ލެބޯޓްރީގެ ޚިދުމަތް ދިވެހިރާއްޖޭގައި ފުޅާކުރުމުގެ ގޮތުން މިހާތަނަށް ލެބޯޓްރީއެއްނެތް 4 ރަށެއްގައި މިއަދު މި ޚިދުމަތް ދޭން ފަށާނެ ކަމަށާއި މި އަހަރުގެ މޭ މަހުގެ ކުރިން، ލެބޯޓްރީ ނެތް ބާކީ 72 ރަށުގައިވެސް މި ޚިދުމަތް ދޭން ފަށާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ދިވެހިރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ނިޒާމަކީ ރައްޔިތުންނަށް ފަސޭހައިން ވާސިލުވެވޭ، ފެންވަރު ރަނގަޅު، އިތުބާރުކުރެވޭ ނިޒާމަކަށް ހެދުމަށް މި ސަރުކާރުން މަސައްކަތް ކުރައްވާ ކަމުގައި ވިދާޅުވެފައެވެ.

މީގެ އިތުރުން ޞިއްޙީ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ބޭނުންވާ އެންމެ މުހިންމު ޚިދުމަތްތަކަކީ ކޮބައިކަން ދެނެގަނެ، އެ ޚިދުމަތްތައް ވީ އެންމެ އަވަހަކަށް ފޯރުކޮށްދިނުމަށް އިސްކަންދޭންޖެހޭ ކަމުގައިވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް