ނިމިދިޔަ ސަރުކާރުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ކުޑަރަށެއް ބޮޑުރަށެއް ފަޅުރަށެއް ނުބަލައި މަޝްރޫޢުތައް ފެށުމުގެ ނަތީޖާއަކީ އެ މަޝްރޫޢުތައް ނިންމާނެ ފައިސާ ދައުލަތުގެ މާލިއްޔަތުގައި ނެތުމުގެ ސަބަބުން މަޝްރޫޢުތައް ހުއްޓިގެން ދިއުމެވެ. އެއީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުއަށް ލަނޑެއް ދިނުމުގެ ގޮތުން ރާވާފައިވާ ރޭވުމެކެވެ.
އެހެން ކަމާއެކު ރައީސް މުޢިއްޒު މިހާރު ވަނީ އެ މަޝްރޫޢުތަކާއި އަދި އޭގެ އިތުރުން އެމަނިކުފާނު ވެވަޑައިގެންފައިވާ ރިޔާސީ ވަޢުދުތައް ފުއްދާނޭ ފައިސާ ހޯއްދެވުމުގެ ކެމްޕޭނެއް ފަށްޓަވާފައެވެ. ރައީސް މުޢިއްޒު ސަރުކާރާ ޙަވާލުވެވަޑައިގެން ބެއްލެވިއިރު ދައުލަތުގެ ބައިތުލްމާލުގެ ފޫ އޮތީ ފެންނާށެވެ. މިއީ ނިމިދިޔަ ސަރުކާރުން ހިންގާފައިވާ ޖަރީމާއަކަށް މެނުވީ ނުވާނެއެވެ.
ގައުމު ތަރައްގީ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްސޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެހެނަސް ގައުމު ދަރުވާލައިގެން ގައުމު ތަރައްގީ ކުރުމަކީ ރައްޔިތުންނަށް ޖެއްސުން ކުރުން ނޫން ދެން އެހެން ކޮންކަމެއްތޯއެވެ.
ފުޓްބޯޅަކުޅޭނެ ޓީމެއް ހަމަނުވާ ރަށްރަށުގައި ޓާފް ދަނޑު އަޅައި ދިނުމާއި މަސްދޯންޏެއް ނެތް ރަށްރަށުގެ ބަނދަރު އެޅުމަކީ ހަމަހޭގައި ހުންނެވި ވެރިޔަކު ކުރައްވަން ހެޔޮވާވަރުގެ ކަންކަމެއް ނޫނެވެ. ދެން ދެއިރު ދެދަޅަޔަށް ރައީސް މުޢިއްޒުގެ ނުކުޅެދުންތެރިކަން ދެއްކުމަށްޓަކާ އެމަނިކުފާނުގެ ސަރުކާރަށް ބަވާ އެ ނަގަނީ ލަދުޙަޔާތް ކުޑަކަމުންނެވެ.
ގައުމު ތަރައްގީ ކުރުމަށްޓަކައި ފައިސާ ބޭނުންވާނެއެވެ. އެހެނަސް ދައުލަތުގެ ތިޖޫރީގެ ފޫދުއްވާލާފައި ވެރިކަމުން ފޭބީމާ ދެން އަންނަ ވެރިއަކަށް ގައުމު ތަރައްގީ ކުރެވޭނެ ގޮތެއް އޮންނާނެހެއްޔެވެ. އެހެންކަމާއެކު ރައީސް މުޢިއްޒު މިވަގުތު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަކީ ބޭރުގެ އެކި ޖަމިއްޔާ ޖަމާޢަތްތަކާއި ބައިނަލްއަގްވާމީ މާލީ އިދާރަތަކާއި އެކުވެރި ގައުމުތަކާ ގުޅިގެން ގައުމު ތަރައްގީކުރާނެ މާލީތަނަވަސް ކަން ހޯއްދެވުމެ މަސައްކަތްޕުޅެވެ.
މިސަރުކާރު ވެރިކަމާއި ޙަވާލުވިތާ އަދި މިވީ ތިންމަހެއްހައި ދުވަހެވެ. އެހެންކަމުން އަޑިއަޅާލާފައިވާ މިގައުމު ކޮޅަށް ޖެހުމަށް މާލީ ގޮތުން އެހީތެރިކަން ހޯދުމަށްޓަކާ މިސަރުކާރުން އެދަނީ ކެނޑި ނޭޅި މަސައްކަތް ކުރައްވަމުންނެވެ. ނިމިދިޔަ ވެރިކަމުގެ ބާރާއި ނުފޫޒުގެ ދަށުން ބައެއް ޓީވީތަކާ ރޭޑިޔާ ޗެނަލްތައް މެދުވެރިކޮށް ރައީސް ޑރ.މުޢިއްޒުގެ އަގުވައްޓާލުމުގެ މަސައްކަތް އެދަނީ ލަދެއް ޙަޔާތެއް ނެތި ކުރަމުންނެވެ. ރިޔާސީ ވަޢުދަކަށްވިޔަސް އަދި އެނޫން ވަޢުދަކަށް ވިޔަސް އެ ވަޢުދު ފުއްދަން ހަމަޖެހިފައިވަނީ އެ ވަޢުދުވެ ވަޑައިގަންނަވާ ބޭފުޅެއްގެ ޖީބަކުން ނޫނެވެ.
ގައުމު ތަރައްގީ ކުރުމުގެ ވަޢުދު ފުއްދޭނީ ގައުމުގެ ރައުސުލްމާލުގައި ހުރި މާލީ ތަނަވަސް ކަމުގެ ތެރެއިންނެވެ.
އެހެންކަމާއެކު ރައީސް މުޢިއްޒު ރަށްރަށަށް ވަޑައިގެން ގައުމު ވެއްޓިފައިވާ މާލީ އަނދަވަޅުން ނަންގަވައި ދެއްވުމަށް ކުރައްވާ މަސައްކަތް ޕުޅުގެ ތަފްސީލު ކައުންސިލްތަކަށް އެދަނީ ދެއްވަމުންނެވެ. މިކަމަކާ ކައުންސިލްތަކުން ވެސް އަދި ރަށްރަށުގެ ރައްޔިތުން ވެސް ހިތްހުއްޓިގެން އުޅޭތަނެއް ނުފެނެއެވެ.
ކަން މިހެން ހުރިއިރު އިދިކޮޅު ޕާޓީތަކުގެ ވެރިން މި ސަރުކާރު ބަދުނާމް ކުރަން ރޯމަރު ބުހުތާނު ދޮގުވާހަކަތައް ފަތުރަމުން އެދަނީ ކޮންބަޔަކު ގުނބޯހައްދަން ހެއްޔެވެ. ދަންނަވަން އޮތީ ރައީސް މުޢިޒުގެ 5 އަހަރުގެ ތެރޭގައި އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުތައް ރަނުންރަނަށް ފުއްދަވާނެ ވާހަކައެވެ.
ދެން އިރުކޮޅާ ދައްކާ އަނެއް ވާހަކައަކީ ރައީސް ޔާމީނު މިނިވަން ކޮށްދެއްވާނެކަމަށް ރައީސް މުޢިއްޒު ވިދާޅުވި ވާހަކަފުޅެވެ. އެމަނިކުފާނު ވިދާޅުވީ ގާނޫނީ ހަމަތަކުގެ ތެރެއިން ޔާމީނު މިނިވަން ކޮށްދެއްވާނެ ވާހަކަފުޅެވެ. ކަންމިހެން ހުރިއިރު ދައުލަތުން އެތަކެއް ދަޢުވާ ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވަނިކޮށް ރައީސް ޔާމީނު މިނިވަން ކޮށްދެވޭނޭ ގާނޫނީ ހަމައެއް ނެތުމާއި މިހާރުވެސް ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުން ދަނިކޮށް ގާނޫނަށް ގޮންޖައްސަވައި ރައީސް ޔާމީން މިނިވަން ކޮށްދެވޭނޭ ގާނޫނީ ހަމައެއް ނެތަސް އެމަނިކުފާނު މިކަން ކޮށްދޭން ޖެހިވަޑައި ގަންނަވާނެތޯ ސުވާލު އުފެދެއެވެ.
ރައީސް މުޢިއްޒު ވިދާޅުވެފައި ވަނީ އެމަނިކުފާ ޝަރީއަތްތަކަށް އަތްޕުޅު ނުބާނުއްވާނެކަމަށާއި ގާނޫނާ ޚިލާފު އެއްވެސް ކަމެއް ޔާމީނު މިވަންކުރުމަށް ވިޔަސް ނުކުރައްވާނޭކަމުގައެވެ.