ތިލަމާލެ ބުރިޖު އެޅުމަށް ކުރިއަށްގެންދިޔަ ސާވޭގައި އިންޑިއާގެ އެފްކޮންސް ކުންފުނިން ބޭނުންކުރި ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރައި ތިމާވެށްޓަށް ލިބުނު ގެއްލުންތަކާ ގުޅިގެން އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ކުރި ޖޫރިމަނާ ދައްކާފައިނުވާތީ އެ ކުންފުންޏާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހެޅުމަށް އީޕީއޭއިން ނިންމައިފިއެވެ.
ބުރިޖު ސާވޭގައި ބޭނުންކުރި ޕްލެޓްފޯމެއް ވިލިމާލޭ ފަރަށް އެރީ 16 އޮގަސްޓް 2022 ގައެވެ. މި ޕްލެޓް ފޯމު ފުންކޮށް ފަރަށް ލިބުނު ގެއްލުންތައް ދެނެގަތުމަށް އީޕީއޭއިން ސާވޭ ފެށީ އެ އަހަރުގެ ސެޕްޓެމްބަރު ހަވަނަ ދުވަހުއެވެ.
މި ސާވޭގައި ބައިވެރިވާން އީޕީއޭއިން އެފްކޮންސް އަށް ދައުވަތު ދިނެވެ. ނަމަވެސް ސާވޭގައި ބައިވެރިވުމަށް އެފްކޮންސްއިން އުޒުރުވެރިވިއެވެ. އަދި ސާވޭ ނިންމުމަށްފަހު ޖަވާބުދާރީވާން ފުރުސަތު ދިނުމުން އެކަމާ ދެކޮޅު ހަދައި އަމިއްލައަށް ސާވޭކުރަން ވެސް އެ ކުންފުނިން އެދުނެވެ.
ސާވޭއަށްފަހު އީޕީއޭއިން އާންމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި ފަރުގައި ބޮޑެތި ވަޅުގަނޑުުތައް ހެދިފައިވޭ.
އެއިން އެއް ވަޅުގަނޑު އެހެން ވަޅުގަނޑުތަކަށްވުރެ ފުން.
ޑައިވަރަކު އެ ވަޅުގަނޑަށް ފައިބައި ހުރިއިރު އޭނާގެ އިސްކޮޅަށްވުރެ އެ ވަޅުގަނޑު ފުން.
ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 69.4 މިލިއަން ރުފިޔާ ދެއްކުމަށް އެފްކޮންސްއަށް އެންގީ އެ އަހަރުގެ ނޮވެމްބަރު 13 ގައި.
ޖޫރިމަނާ ދައްކަން އެއް މަސްދުވަހުގެ މުއްދަތެއް ދިން ނަމަވެސް އެފްކޮންސްއިން ފައިސާ ދައްކާފައިނުވޭ.
އީޕީއޭގެ ނިންމުން މުރާޖައާ ކުރުމަށް އެ އަހަރުގެ ޑިސެމްބަރުގައި އެންވަޔަރަމަންޓް މިނިސްޓްރީއަށް ހުށަހެޅި
ނަމަވެސް އެންވަޔަރަމަންޓް މިނިސްޓްރީއިން ނިންމީ ލުޔެއް ނުދިނުމަށެވެ. އެގޮތުން ޖޫރިމަނާގެ އަމުރަށް އަމަލުކުރުން ފަސްކޮށްދިނުމަށް އެދި އެފްކޮންސްއިން ސިވިލް ކޯޓުގައި ވަގުތީ އަމުރަކަށް އެދުމުން އެ ކޯޓުން ނިންމީ ވަގުތީ އަމުރެއް ނެރެދެވޭނެ ތަނެއް ނެތް ކަމަށެވެ.
އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނަޢީމް މިއަދު ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެފްކޮންސްއިން އަދިވެސް ޖޫރިމަނާ ދައްކާފައިނުވާ ކަމަށެވެ. އެހެންވެ އެ މައްސަލަ ޝަރީއަތަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ފޮޓޯ: އަޙްމަދު އައިމަން