ބުރިޖުތަކާ ބިންހިއްކުން ވެސް ކޮންމެހެން ބޭނުންތެރި ވަގުތުގައި ނުހިންގާށެކޭ ނޫނެވެ. ނަމަވެސް ހިއްކޭ ހުރިހާ ބިމަކީ އެޅޭ ހުރިހާ ބުރިޖަކީ ރަޢިއްޔަތު މީހާގެޖީބަށް ލުއިވާނެ ދިރިއުޅުން ހަމަޖައްސައި ދިނުމަށް އެހީތެރިވެދޭ ކަމަކަށްވާންޖެހެއެވެ. ތަރައްޤީ ގެންނަށްވާނީ ބޮނޑިކޮށް އެއްފަހަރާ ގެނެސް ތަނަކަށް އޮއްސާލާ އެއްޗެއް ގޮތުގައެއް ނޫންކަމުގައި ދެކެމެވެ.
ކޮންމެހެން ރަޢިއްޔަތުންނަށް ބޭނުންވާކަންކަމާ ލިބެންހުރި އެއްޗަކަށާ ހުރި އެއްޗަކަށް ވުރެ އިތުރަށް ޚަރަދު ނުވާނެ ގޮތުގެ މަތިންނެވެ. ރައްޔަތުން އިތުރަށް ނުދަރާގޮތަށެވެ.
އެހެނީ ދައުލަތުން ކުރާ ކޮންމެ ޚަރަދަކީ ދައުލަތުގެ ބައިތުލްމާލުން ކުރާޚަރަދެކެވެ. ދައުލަތަށް ލިބޭ ކޮންމެ ފައިސާ ފޮތްޗަކީ އޭގައި ކޮންމެރަޢިއްޔިތެއް ޙައްގު ހިމެނެއެވެ. އެއަކީ އެއްވެސް ޕާޓީގެ މިލްކެއްނޫންކަން ދަންނަން ޖެހޭނެއެވެ.
ސަރުކާރުން ލޯނެއް ނެގިޔަސް ލޯނު ނެގުމަށް ރަހުނެއް ކުރިޔަސް މިއިން ކޮންމެކަމަކަށް ފައިސާ ދައްކަންޖެހެނީ ދައުލަތަށް ލިބޭ ނުވަތަ ލިބެންހުރި އެއްޗަކުންނެވެ.
ދައުލަތުގެ ޚަރަދު ނުވަތަ ސަރުކާރުގެ ޚަރަދު ބޮޑުވި ވަރަކަށް ނުވަތަ އިޝްރާފްކުރެވޭގޮތް ވެއްޖެނަމަ ނުވަތަ ދަރަންޏަށް ނަގާ ލޯނަށް ބަރޯސާވެއްޖެ ނަމަ ރަޢިއްޔަތުންގެ ދިރިއުޅުމަށް އެއިން ނޭނދެވޭ އަސަރު ކިތަމެ ގޮތަކުންކުރެވެ.މިހާރުވެސް މިއޮތީ އެހެންވެފައެވެ.
ދާދިފަހުން ދިމާވި މާލޭގެ ގެދޮރުވެރިއެއް ހުޅުމާލެއަށް އިޝާރާތްކޮށްބުނެފައިވެއެވެ. މިއީ ދަރަނި ވެރިންގެ ސިޓީއެކެވެ. ރަޢިއްޔަތުން އުޅެނީއުފަލުގައިކަމަށް ބަޔަކަށް ފެނުނަސް ކޮންމެ މީހެއްގެ ކޮނޑުގައި ބޮޑު ލޯނެއްއެޅިފާވެއެވެ. ލިބޭއެއްޗަކުން ދެކޮޅުނުޖެހޭތީ މީހުންގެ ކިބައިން ސަލާމްޖަހައިގެން ފޫބައްދާ މީހުން މަދުނޫންކަމަށެވެ.
އެހެންކަމުން މިވާހަކައިން އެނގޭ އެއްޗަކީ، އެތަށް މިލިޔަން އެތަށް ބިލިޔަން ފައިސާއެއް ޚަރަދުކޮށްގެން ހިންގާ މަޝްރޫޢްތައް ހިންގާއިރު އާބާދީ އަށާ ރަޢިއްޔަތުންގެ ދިރިއުޅުމުގެ ޙާލަތަށް ރިޢާޔަތް ނުކުރެވިއްޖެ ނަމަ ނަފްސާނީ އަދި އިޖްތިމާޢީ މައްސަލަތަކެއް މެދުވރިވާނެއެވެ. އިންތިޚާބު ތަކަށް ވާ ވަޢުދުތަކުގައި ވާޒީފާ ހޯދައި ދިނުމާ މަސައްކަތްތެރިކަމާ ހުނަރުވެރިކަން ދަސްކޮށް ދޭނެ އެޖެންޑާއެއްގެ ވާހަކަ އެއް އަޑުއިވިފާ ނުވުމަކީ ވަރަށް ދެރެކަމެކެވެ.
މިއީ ވަކި ސަރުކާރަކަށް ނުވަތަ ވަކި މީހަކަށް ކުރާ އިޝާރާތެއް ނޫނެވެ.ތަރައްޤީގެ މިންގަނޑުން ބަލާއިރު ބޮލަކަށް ޖެހޭ މިންވަރު މަތިކަމަށް ތަފާތު ހިސާބުތަކުން ދެއްކި ނަމަވެސް މުޅި އާބާދީގެ %60 ޕަސެންޓް ޢާއިލާއަށް ބޮލަކަށް ދުވާލަކު -/60 ރުފިޔާ ވެސް ލިބޭނެކަމަކަށް ނުފެނެއެވެ.
މިކަމަށް އިންކާރުކުރެވޭނަމަ ސަރ ވޭއެއް ހެދުން ރަނގަޅެވެ. ގިނަ މީހުންނަށް ސަރުކާރާ ދައުލަތަކީ ދޭއްޗެއްކަން އެނގިފާނެތުމަކީ އެންމެ ބޮޑު ހިތާމައެވެ. ދައުލަތް ހިންގަން ޙަވާލުވާ ސަރުކާރުގެ ވެރީންނަށްވެސް މެއެވެ. ސަރުކާރަކީ ދައުލަތް ހިންގުމަށް ރަޢިއްޔަތުންގެ ތެރެއިން ވަކި މުއްދަތަކަށް އެކުލަވާލެވިފައިވާބޮޑީއެއްކަން ދެނެގަތުން ލާޒިމެވެ.
ސަރުކާރު ވެއްޓުނަސް ދައުލަތް އޮންނާނެއެވެ. ސަރުކާރު ވެއްޓުމުން ސަރުކާރުން ޢަށްޔަނުކުރި ސިޔާސީ މަޤާމުތައް ހުސްވެއެވެ. ނަމަވެސް ސިވިލްސަރވެންޓުން މަޤާމުތަކުގައި ދެމިތިބޭނެއެވެ. އެއީ ދައުލަތުގެ މުވައްޒަފުންނެވެ. އާސަރުކާރު އެކުލަވާލުމުގެ ކަންކަން އަމާނާތްތެރި ކަމާއެކު އިންތިޒާމުކޮށް ބެލެހެއްޓުމަކީ ދައުލަތުގެ މަޤާމުތަކުގައި ތިއްބެވި ވެރިންނާ މުވައްޒަފުންގެ މަސްއޫލިއްޔަތެކެވެ .
މިހުރިހާ ވާހަކައެއް ލިޔުމުގެ ބޭނުމަކީ ސަރުކާރު ހިންގަންވާނީ ގާނޫނުއަސީ އާއި އެއްގޮތަށް ކަމުގައިވާތީއެވެ. ޕާޓީ ގެ ސިޔާސަތާއި ސަރުކާރުގެ ސިޔާސަތު ވެސް ޤާނޫނު އަސާސީ ގެ މައްޗަށް އެއާ ފުށުއަރާ ގޮތަށް ހިންގައިގެން ނުވާނެކަމަށް ބުނުމެވެ. ޤާއުމުގެ ދުސްތޫރަކީ ގާނޫނުއަސާސީ ކަމުގައިބުނެ ގަބޫލު ކުރުމެވެ.
އެހެންކަމުން މިހާރު އިންތިޚާބު ކުރެވިފައިވާ ރައީސް ޑރ. މުޢިއްޒުގެ ޒަޢާމަތުގައި ސަރުކާރު ހިންގެވުމުގައި ޤާއުމާއި ރަޢިއްޔަތުން އިސްކުރައްވާނެ ކަމަށް ވިދާޅުވަމުން ގެންދެވުމާއިއެކު ޤައުމީ ރޫޙު އާލާވެ އިސްވެ ދެންނެވުނު ކަންކަމަށްވެސް ޙައްލެއް އަތުވެދާނެކަމަށް އުންމީދުކުރަމެވެ.
މިއީ ސިޔާސީ ވިސްނުމެއް ނެތި ޤައުމާ ރަޢިއްޔަތުންގެ ކަންކަމާ މެދު ފުންކޮށް ފިކުރު ހިންގުމުން ބުރަވެވުނު ޚިޔާލުތަކެކެވެ. އަދި ބައެއް ޢިލްމީ ދިރާސާ ވެރިންގެ ވެސް ޚިޔާލުހުރިގޮތެވެ. އުންމީދަކީ ވިދާޅުވި ވަޢުދާއި އެއްގޮތަށް ހުވާކުރެވުނު 5 އަހަރުގެ ދައުރު ފުރިހަމަ ކޮށްދެއްވުމެވެ.