ޤަތުލުއާންމަށް ގޮވުމަކީ ދާޚިލީ ހަނގުރާމައަކަށް މަގުފަހިވެދާނެ ކަމެއް: ނަސީރުއްދީން ޝާހް

Loading

January 22, 2024
profile
Facebook
Twitter
WhatsApp

އިންޑިއާގައި މުސްލިމުންނާއި ދެމެދު ކަންތައް ވަމުން އަންނަ ގޮތާއި މެދު ފިކުރުކޮށްލުމުން ހަނދާނަށް އަންނަނީ އިންޑިއާގެ އޮންލައިން މަޖައްލާ، ”ދަ ވަޔަރ“ އަށް އިންޑިއާގެ މަޝްހޫރު މުސްލިމް ފިލްމީތަރިއެއް ކަމަށްވާ ނަސީރުއްދީން ޝާހް ދިން އިންޓަވިއުއެއްގައި އޭނާ ދެއްކި ވާހަކައެކެވެ. 

މުސްލިމުން ނައްތާލުމަށްޓަކައި، ގަތުލުއާންމަށް ގޮވާލިޔަސް އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ވަރިހަމަކަމަށާއި، އެގައުމުގެ ބަޔަކު އެގައުމުގެ އެހެން ބަޔަކު ފާޅުގައި ޤަތުލުކުރުމަށް ގޮވާލުމަކީ ސީދާ ދާޚިލީ ހަނގުރާމައަކަށް ގޮވާލުން ކަމަށް ނަސީރުއްދީން ޝާހް 2021 ވަނަ އަހަރު ދިން މި އިންޓަވިއުގައި ބުނެއެވެ. 

”އެމީހުންނަށް އެގޮވެނީ ކީކޭކަން އެމީހުނަށް އެނގޭތޯ އަހަރެންގެ ހިތުގައި ސުވާލު އުފެދޭ. އެގޮވެނީ ސީދާ ދާޚިލީ ހަނގުރާމައަކަށް. އެހެން ގޮވިއެއް ކަމަކު، އަހަރެމެންގެ 200 މިލިއަން މީހުން އެއްފަހަރާ ނައްތައެއް ނުލެވޭނެ.“ އޭނާ ބުންޏެވެ. 

ޝާހް އިތުރަށް ބުނީ، ހަމަލާ ދީފިއްޔާ މުސްލިމް އާބާދީވެސް އަނިޔާގެ ރައްދު ނުދީ ހަމަހިމޭނަކުން ނުތިބޭނެކަމަށާއި، އިންޑިއާއަކީ އިންޑިއާގެ މުސްލިމް އާބާދީގެވެސް ވަތަން ކަމަށެވެ. އިންޑިއާ އެމީހުންގެ ގައުމަކަށް ނުވެ ވަކި އެހެން ބައެއްގެ ގައުމަކަށް ވާނެތޯއެވެ. އިންޑިއާ މުސްލިމުންގެ ކާބަފައިންނަކީވެސް އެގައުމުގެ ފަސްގަނޑަށް އުފަން އެބިމުގެ ދަރީންކަން ފާހަގަކޮށް ޝާހް ބުނީ އެބުނާހެން ވަކި ދީނަކަށް އަޅުކަންކުރާތީ ގައުމުވަންތަކަށް ދުއްވާލަން މަސައްކަތްކޮށްފިނަމަ ބޮޑު ކޯޅުމަކަށް ދާނެކަމަށާއި، އުފެދޭނީ ދާޚިލީ ހަނގުރާމައެއް ކަމަށެވެ. 

އިންޑިއާ ބައިބައިވަމުންދާއިރު މޯދީ ހަނުހުރުމަކީ ބޮޑު މައްސަލައެއްކަމަށް ޝާހް ބުންޏެވެ. އެއީ އިންޑިއާގެ ވެރިއަކަށް ހުރި މީހާކަމަށްވާއިރު، ގައުމުގެ މުސްލިމް އާބާދީ ޤަތުލުކުރުމަށް ގޮވާ މީހުންނަށް އޭނާގެ ހިމޭންކަމާއެކު އެދެވެނީ އޭނާގެ އިޒުނައާއި އެއްބާރުލުން ކަމަށްވެސް ޝާހް ބުންޏެވެ. ޤަތުލުއާންމު މަނާކޮށް މޯދީ އެއްވެސް ބަހެއް ނުބުނާއިރު، އެކަމާއި ހައިރާން ނުވާކަން ހާމަކޮށް ޝާހް ބުނީ، ގައުމު ހިންގުމާއި ހަވާލުވެ ހުރި ފަރާތަކީ އޭނާގެ އަމިއްލަ މަސްލަހަތާއި ދީނީ ފިކުރު ކުރިއަރުވަން ނުކުމެ ހުރި ފަރާތެއްކަން ވަރަށް ސާފުކަމަށެވެ. 

މުސްލިމުން އަޅުކަންކުރާ ތަންތަނަށާއި، މުސްލިމުންގެ ގެދޮރަށާއި، މަގުމަތިންދާ މުސްލިމުންނަށް ފުރައްސާރަކޮށް އަމާންކަން ގެއްލުވާލާފައިވާއިރު އެކަންކަންދާނީ އިތުރުވަމުންކަން ޝާހް އެއިރު ފާހަގަކުރިއެވެ. 

ދެންއޮތީ މިއަދުގެ ވާހަކައެވެ. ޝާހް ދެއްކި ވާހަކަތަކުގައި އަންނަނީ ކުލަޖެހެމުންވެ. ގަތުލުއާންމުގެ ރަތްކުލަ ޖެހެން އަދި ފަށާފައި ނުވިނަމަވެސް، މިސްރާބު ހުރީ އެދިމާލަށްކަން އިންޑިއާގެ ހާލަތު ދިރާސާ ކޮށްލުމުން ވިސްނޭނެއެވެ. އެއިރު އަނގަބަހުން ފުރައްސާރަކޮށް، ކުދި އަނިޔާކުރިނަމަވެސް، މިހާރު އެކަންކަން ބޮޑެތިވެއްޖެއެވެ. މުސްލިމް އަންހެނުންގެ އައުރަ ކަޝްފުކުރަނީ އެވެ. އިތްފަތްތެރިކަން ފޭރެނީއެވެ. ގެދޮރުގައި އަލިފާން ރޯކުރަނީއެވެ. ޤުރުއާން މުސްޙަފުގެ ހުރުމަތް ކަނޑަނީއެވެ. މުސްލިމުން ޝަހީދުވެސް ކުރަނީއެވެ. 

އެއިރު މޯދީ ހުރީ ހަނުނަމަވެސް، މިއަދު އޭނާގެ ދަށުން މަސައްކަތްކުރާ އޭނާގެ ޕާޓީގެ މެންބަރުންނާއި، ސަޕޯޓަރުން ގެންދަނީ ފާޅުގައި މުސްލިމުން މެރުމަށް ގޮވާލައި، ގުންޑާއިންގެ އެހީގައި ކުރެވެން އޮތް ކަމެއް ކުރަމުންނެވެ. ދެން އިންޑިއާ މުސްލިމުން ތިބެންވީ އަނިޔާއަށް ކެތްކޮށްގެން ވާގޮތް ބަލަން ހެއްޔެވެ؟ ފުރާނައާއި، މުދަލާއި، ވަތަނުގެ ދިފާއުގައި ޖިހާދުކުރުމަކީ ކޮންމެ މުސްލިމަކަށް ވާޖިބުކަމެކެވެ. 

ގައުމީވަންތަކަމުގެ ޖޯޝާއި ފޯރީގައި އަނިޔާދެމުންގެންދަނީ ހަމައެގައުމުގެ އަޚުންނަށްކަން ނޭނގޭހާލު، އިސްލާމްކަމަކީ ބައްޔެއްކަމަށް ބަލައި، ބުޑުން އުފުރާލުމަށް މަސައްކަތްކުރި ނަމަވެސް އިސްލާމްދީން ނައްތާލެވޭނެކަމަށް އެއްގޮތަކަށްވެސް ދެކެގެން ނުވާނެއެވެ. އެކަމުގައި އެފަރާތްތަކަށް ނަސްރެއް ނުލިބޭނެއެވެ. ކުޑަކުޑަ ޣައްޒާގެ މައްޗަށް އިޒްރޭލަށްވެސް ނަސްރެއް ނުލިބުނުތާއެވެ. 

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް