ވެރިކަމަށް އަންނަ ކޮންމެ ސަރުކާރަކުންވެސް، އެބައެއްގެ ސަރުކާރުގެ ފުރަތަމަ 100 ދުވަސް ނިމުމުގެ ކުރިން އިންތިޚާބުގެ ދުވަސްވަރު ވެފައިވާ ބޮޑެތި ވަޢުދުތައް ފުއްދޭކަން ދެއްކުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެއެވެ. ކުރަންވެސް ޖެހޭނެއެވެ.
ބޭރުފުށުން އެކަން ދެއްކުމަށްޓަކައި ކަމުގައިވީނަމަވެސް މެއެވެ. ކޮންމެ ރައީސަކަށްވެސް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ގާތުގައި ގެންގުޅޭ އައުވާނުންގެ މައްސަލައެވެ. ކައިރީގައި ގެންގުޅޭ މުސްތަޝާރުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ކަންފަތްފުޅަށް ރައްޔިތުންގެ ވާހަކަތައް އިއްވަވާއިރުހުންނަނީ ފޮނިތޮށި ކާފުރުތޮޅި އަޅައި މީރުކޮށްލާފައެވެ. ޙަގީގަތާއި މުޅިން ޚިލާފްވިނަމަވެސް އެކަމަކަށް ފިކުރެއް ނެތެވެ. އަމިއްލަ އެދުމަށްޓަކައެވެ.
2008 ވަނަ އަހަރުގެ ފަހުން އައި އެއްވެސް ވެރިއަކަށް އެއް ދައުރަށްވުރެ ގިނަ ދުވަހު ވެރިކަމުގެ ތަޚުތު ހިފެހެއްޓިފައި ނުވާއިރު، ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙް އަންނަނީ ބަދަލުވަމުންކަން އަދުގެ ސިޔާސީވެރީންނަށް ދަސްނުވާނަމަ ނުވަތަ އެނގެން ބޭނުން ނުވާނަމަ މިޙަގީގަތް ބަދަލުވާތަން ފެންނާނެކަމަކަށް ގަބޫލެއް ނުކުރެވެއެވެ.
ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނުގެ ގާތުގައި ތިއްބެވި ސިޔާސީ ނުފޫޒުގަދަ ބައެއް ފަރާތްތަކުން އެމަނިކުފާނުގެ މަގާމުގެ ފައިދާ ނަގައި އަމިއްލަ މަސްލަޙަތު ކުރިއެރުވިތަން ފެނިގެންދިޔައެވެ. އަދި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ޚަބަރުފެތުރުމުގައި ދެފުއްފެންނަ އުސޫލެއް ގެންގުޅުމަށް އިސްނަގައި ބާރު އަޅަމުން ގެންދިޔަ ރައީސް ނަޝީދުގެ ވެރިކަން ދައުރު ނިމުމުގެ ކުރިން ނިމުމަކަށް އައިސްފައިވަނީ ހަމަ އެމަނިކުފާނުގެ އަރިހުގައި ގެންގުޅުއްވި މުސްތަޝާރުންގެ ދޯހަޅި ނަޞޭހަތުގެ ސަބަބުންނެވެ. ބައެއް ބޭފުޅުން ވިދާޅުވިގޮތުގައި ނަޝީދުވެސް ބޯ ހަރީއެވެ!
ދިވެހިރާއްޖޭގެ ބިނާކުރަނިވި ތަރައްގީގެ ބާނީގެ ގޮތުގައި މަޝްހޫރުވެ ވަޑައިގަތް ރައީސް އަބްދުއްލާ ޔާމީން އަބްދުލް ޣައްޔޫމް އަށްވެސް ވެރިކަން ގެއްލި ވަޑައިގަތީ ވެސް އެމަނިކުފާނުގެ ގާތުގައި އުޅުއްވި ބޭފުޅުން ވެރިކަމަށް ދަހިވެތިވެ އަމިއްލަ މަސްލަޙަތު ކުރިއަށް ނެރުމުންނެވެ.
މީގެއިތުރުން، ރައީސް ޔާމީނުގެ ޓީމުން ބައިނަލްއަޤްވާމީ ޕީއާރްގައި އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައި ނުވުމާއެކު، އިދިކޮޅަށް މަސައްކަތް ކުރަމުން ގެންދިޔަ ފަރާތްތަކަށް ކާމިޔާބީ ހޯދުމަށް ފަސޭހަވިއެވެ. އަދި ޚާއްސަކޮށް އިންޑިއާއާއި އެއްކޮޅަށް މަސައްކަތްކުރި ސިޔާސީ ފަރާތްތަކަށް އެކަން ފަސޭހަވެގެން ދިޔައެވެ.
ރައީސް ޔާމީންގެ އަމާޒަކަށް ވެގެންދިޔައީ ސިންގަޕޫރު ފަދައިން ދިވެހިރާއްޖެ ތަރައްގީކޮށް، ދީނާއި ގައުމަށް އޮންނަ ލޯބި ދިވެހީންގެ ހިތުގައި އިތުރަށް ބިންވަޅު ކަމުގައި ވިދާޅުވެފައިވެއެވެ.
ހަމައެބީދައިން، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް، ރައީސް މުޙައްމަދު ނަޝީދުގެ ބެނަރގެ ދަށުން އިންތިޚާބު ކާމިޔާބުކުރައްވައި، ވެރިކަމާއި ޙަވާލުވެ ވަޑައިގަތީ ހެޔޮ ނިޔަތުގައިކަން ދޭހަވިނަމަވެސް، އެމަނިކުފާނުގެ ދަށުގައި ތިއްބެވި ކޮރަޕްޓު ވަޒީރުން ކޮންޓްރޯލްކުރުމަށް ރައީސް ޞާލިހް ނާކާމިޔާބުވެ ވަޑައިގަތެވެ.
ނަތީޖާއެއްގެ ގޮތުން، ރައީސް ޞާލިޙަށް ކުރިން ވެޑައިގެންނެވި ރައީސް ޔާމީން ރައްޔިތުންނަށް ދެއްކެވި ތަރައްގީއާއި ކުރިއެރުމާއި އެއްހަމައެއް ޢަމަލީ މައިދާނުގައި ކަންކަން ނުކުރެވުނެވެ. އަދި ރައްޔިތުންގެ އުންމީދުތަކާއި އެއްގޮތައްވެސް ވެރިކަން ނުކުރެވުނެވެ. ސޯލިޚް ދެއްވީ ކޮވިޑްގެ ބަހަނާއެވެ. ނަމަވެސް ޒީރޯ ޓޮލެރެންސްގެ ދަށުން ކަރަޕްޝަނާއި ދެކޮޅަށް ހިންގަވަން ވަޢުދުވި ސަރުކާރުގެ ކަރަޕްޝަން އިންޑެކްސް ދެގުނަޔަށް ބަދަލުވެގެން ދިޔަތަން ފެނުނެވެ.
ރައީސް ޞާލިޙްގެ ވެރިކަމުގެ ބަލިފަޔަކަށް ވެގެންދިޔައީ، ދިވެހީން ޒަމާނުއްސުރެ ގެންގުޅުނު ދުނިޔޭގެ ހުރިހާ ގައުމަކަށްވެސް ހަމަހަމަ މެހެމާންދާރީ އެއްކިބާކޮށް، އެމަނިކުފާނު ގެންގުޅުއްވި ”އިންޑިއާ-ފަސްޓް“ ސިޔާސަތެވެ.
އެގޮތުން، އިންޑިއާ ކުރިއަށްލުމުގެ އެ ސިޔާސަތުގެ ސަބަބުން ރައްޔިތުންގެ ނުރުހުން ރައީސް ޞާލިޙްގެ ވެރިކަމަށް އަމާޒުވެފައިވަނީ، ދިވެހީންނަކީ އެއްވެސްއިރަކު ވަކި ގައުމެއްގެ މަސްލަޙަތު ދިވެހީންގެ މަސްލަޙަތައްވުރެ އިސްކުރާ ރައްޔިތަކު އުޅޭ ގައުމަކަށް ވެފައިނުވާތީއެވެ.
ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ރައީސް ޔާމީނު އެންޑޯސް ކުރަށްވައި ނެރުނު ރިޔާސީ ކެނޑިޑޭޓް އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކެމްޕެއިނުގެ މައިގަނޑު ނުކުތާއަކަށްވީ އިޖްތިމާޢީ ހަމަޖެހުން ގެނައުމަށްޓަކައި އިންޑިއާގެ ސިފައިން ދިވެހި ގައުމުން ބޭރުކުރުމެވެ.
އެހެންނަމަވެސް، އިންތިޙާބުވެ ވަޑައިގަތުމަށްފަހު، ތަޢާރަފްކުރެއްވި ސިޔާސަތުތަކުގެ ސަބަބުން ކުރީގެ ރައީސް ޔާމީނާއި، މިހާރުގެ ރައީސް މުޢިއްޒުގެ ދެމެދުގައި މައްސަލަތަކެއްވަނީ އުފެދިފައެވެ. ބެލެވޭގޮތުގައި މިއީ ރައީސް މުޢިއްޒުގެ މުސްތަޝާރުން ރައީސް ޔާމީން ދުރަށް ޖައްސައި އެކަހެރި ކުރުމަށް ދެމުންގެންދާ ލަފާގެ ނަތީޖާއެވެ.
ރައީސް ޞާލިހް ރައީސް ނަޝީދު ދުރަށް ޖައްސަވައި އެކަހެރި ކުރެއްވީ މަޑުމަޑުންނެވެ. މިގޮތަށް އެއްފަހަރަކާ ނޫނެވެ. ރައީސް މުޢިއްޒުގެ މި ނިންމެވުމަށް ރައީސް ޔާމީން ރައްދު ދެއްވީ ކޯލިޝަން ސަރުކާރުގައި ހިމެނޭ ޕީޕީއެމްއިން ވަކިވެ، ރައީސް މުޢިއްޒަށް ވޯޓުދިން ރައީސް ޔާމީންގެ ސަޕޯޓަރުން ދެވިސްނުމެއްގައި ބައިތިއްބާފައެވެ.
ޔާމީނު ވިދާޅުވަނީ ބަސްނުވިކޭ އޮޑިއެއްގެ ދުރުނބައިކޮޅުގައި ނުހުންނަވާނެ ކަމަށެވެ. އެހެނީ ޒިންމާނަގަން ޖެހޭނެކަމުގައެވެ. ރައީސް ޔާމީނުގެ ސަޕޯޓަރުންގެ ނަޒަރުގައި އެމަނިކުފާނަކީ ދިވެހިރާއްޖޭގެ އިގްތިޞާދީ ކުރިއެރުމުގެ ތަޅުދަނޑިއެވެ.
ރައީސް މުޢިއްޒު ވަޑައިގަންނަވަނީ ދިވެހިރާއްޖޭގެ މުސްތަގުބަލަށްޓަކައި އެަނިކުފާނުގެ ވިސްނުންފުޅު ރައްޔިތުންނަށް ކުރަހައިދިނުމަށް މަސައްކަތްކުރައްވަމުންނެވެ.
އެހެންނަމަވެސް، ރައީސް މުޢިއްޒުގެ ޕީއާރް ޓީމުން ބައިނަލްއަޤްވާމީ ސިޔާސީ މައިދާނުގައި ކަންކުރުމަށް ގެންގުޅޭ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން ސަރުކާރުތެރެ އަންނަނީ ހަލަބޮލި ވަމުންކަން ފެންނަމުން ދެއެވެ.
ވެރިކަމުގެ ކުރީކޮޅުގައި ވަރަށް ސާބިތުކަން ދެއްކަން ބޭނުންފުޅުނަމަވެސް، މިހާރު ސަރުކާރުގެ އެކި މަގާމުތައް ފުރަމުންގެންދާ ފަރާތްތަކުން ސަރުކާރަށް ދިމާވަމުންދާ އުނދަގޫތަކުގެ ވާހަކަތައް އަމިއްލަ އަމިއްލަޔަށް ޙިއްސާކުރަން އެވަނީ ފަށާފައެވެ.
ކޮންމެ ވެރިކަމަކީވެސް އެކި ވަރުވަރުގެ ގޮންޖެހުންތަކާއި ކުރިމަތިލާނޭ ވެރިކަމެކެވެ. އަދި ގާތުގައި ގެންގުޅޭ ފަރާތްތަކުގެ ތެރޭގައި ތިބި ބަލިފައިތަކާއި، ބޭވަފާތެރި ފަރާތްތައް ދެނެގަތުން ވެރީންނަށް މަޖުބޫރެވެއެވެ. ސިޔާސީ ގުޅުންތަކަކީ ދުޅަހެޔޮ ޕާޓްނަޝިޕްތައް ފަދަ އެއްޗެކެވެ.
އެގޮތުން، ފެންނަން އޮތްގޮތަށްވުރެ ރަނގަޅު ގޮތެއް ހުށައަޅައިފިނަމަ، ކުރިން ލިބުނުކަންތައް ދޫކޮށްލައި ބޭވަފާތެރިވުމުގެ ފުރުސަތު އޮތުމާއިއެކު، އެފަދަ ސިފަތަކުގެ ވެރީން ގާތުން ގެންގުޅޭނަމަ، ވެރިކަން ބަލިކަށިވުމުގެ ފުރުސަތު ހުޅުވެއެވެ.
އޭރުން އިސްލާމްދީނާއި ގައުމަށްޓަކައި އޮންނަ ލޯތްބަކުން އުފެދޭ އެއްބައިވުމެއްގެ ބަދަލުގައި އޮންނާނީ އަމިއްލަ ޒާތީ މަންފާއާއި ދަހިވެތިކަމުގެ ގުޅުމެކެވެ.
ސިޔާސީގޮތުން ބަލާއިރު، ވެރިއެއްގެ ޙަގީގީ ސަޕޯޓަރުންނަކީ ވެރިމީހާއާއި އޮންނަ ގާތްކަމުގެ ސަބަބުން އަމިއްލަ މީހާއަށް ލިބޭނޭ މާލީ މަންފާއަކަށް ވިސްނުމެއްނެތި ސަޕޯޓުކުރާ މީހުންނެވެ.
އެގޮތުން، ސަޕޯޓަރުންގެ ދެބާވަތަކީ މާތްﷲ އަށްޓަކައި އެކަލާނގެ މަގުގައި ހެވައްޓަކައި، ލިބިދާނެ ބޮޑު މަގާމަކައިނުލައި މަސައްކަތްކުރާ ފަރާތްތަކާއި، ބޮޑު މާލީ މަންފާއަކަށް އެދުމަކާއި ނުލައި، ކުރިންވެސް އެކުގައި މަސައްކަތްކޮށް، އެނާ ކޮށްފައިވާކަންކަން ފާހަގަކުރުމަށް އެދުމަކާއި ނުލައި ހެޔޮބަދަލު ގެނައުމަށް ސަޕޯޓުކުރި ފަރާތްތަކެވެ.
2008 ވަނަ އަހަރުންފެށިގެން މިހާތަނަށް ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙަށް ރިއާޔަތްކުރާނަމަ ހާމަވާ އެއްކަމަކީ ދިވެހީން ދިމަގްރާތީ ނިޒާމަށްދޭ އަހައްމިއްޔަތުކަމެވެ.
ކޮންމެ ދައުރަކު އައު ރައީސަކު ރައްޔަތުން އިންތިޚާބުކުރާ ކުރުމުން މިކަން ހާމަވެއެވެ. ސާފު ސީދާ، ތާހިރު ވެރިކަމެއް ކުރުމަށް ސަރުކާރުން ނުކުޅެދޭ ކޮންމެ ޙާލަތެއްގައިމެ ރައްޔިތުންވަނީ އެވެރީންނަށް ދެވަނަ ދައުރެއް ދިނުމަށް ނޫނެކޭ ބުނެފައެވެ.
މިގޮތުން، އެންމެ ފަހުން ވެރިކަމުގައި ހުންނެވި ރައީސް ޞާލިޙްގެ ޕާޓީއިން ރައްޔިތުންގެ ވޯޓު ގަތުމަށްޓަކައި މިލިއަނުން ފައިސާ ބެހިކަމުގެ ޚަބަރުތައް ލިބިފައިވީނަމަވެސް، ޥޯޓުލީ ރައްޔިތުންގެ ހަރުދަނާކަން ދައްކުވައިދިނީ އެ ފައިސާއަކީ ރައްޔިތުންގެ ޓެކްސް ލާރިން ނެރެފައިވާ ރައްޔިތުންގެ ފައިސާކަން އެނގިތިބެ، ލިބިދޭ މާލީ ނަފާއެއްގެ މައްޗަށް އިންތިޚާބުގެ ނިންމުން ނިންމުމަށް ނޫނެކޭ ބުނެގެންނެވެ. އެހެނީ ކާބަފައިން ބުނެފައިވާހެން ކައްޗައްއެޅި ބިންގާ ކެއްޗާހަމަޔަށް އެރިޔަސް ހުންނާނީ ކައްޗަށެވެ.
ވޯޓުލާ ފަރާތްތަކުގެ ބަދަލުވަމުން އަންނަ ފިކުރަކީ، ބޯދާ ސިޔާސީ އާދަކާދަ ގެންގުޅޭ ސިޔާސީ ލީޑަރުންނަށް ނޫނެކޭ ބުނާ ފިކުރެކެވެ. އަދި އެތައް އަހަރަކު ސިޔާސީ ޚިދުމަތުގައި އުޅެފައިވާ ވެރީންނަށްވެސް މި ފިކުރުގެ ސަބަބުން ލިބެނީ މަދު ވޯޓުކޮޅެކެވެ. މިއީ ގައުމީ މަސްލަޙަތު އިސްކުރުމުގެ ބަދަލުގައި ޒާތީ މަސްލަޙަތާއި މާލީ މަންފާ އިސްކުރާ ސިޔާސަތުތަކަށް ނޫނެކޭ ބުނާ ފިކުރެއްކަމަށް ވާއިރު، މިފިކުރާއި އެއްގޮތަށް ތަޙުޒީބުވެ ބަދަލުވުމަކީ ދިވެހި ސިޔާސީވެރީންނަށް މިވަނީ އުނދަގޫކަމަކަށް ވެފައެވެ. ވޯޓުދޭ ފަރާތްތަކަށް އައިމި ބަދަލަށް މިދެންނެވުނު ސިޔާސީ ފަރާތްތަކަށް ވަރަށް ނުފަރިތައެވެ.
ކުރީގެ ޙާލަތާއި މިހާރުގެ ޙާލަތު އަޅައިކިޔާލާއިރު، މުއްސަނދީންގެ ތެރޭގައި ހިމެނޭ 1 އިންސައްތަ މީހުން އަބަދުވެސް ބުނާނީ ރުފިޔާއިން ވޯޓު ގަނެވޭނެކަމަށެވެ. އެފަރާތްތަކުން ރިޔާސީ ކެނޑިޑޭޓުންނަށް މިކަން ވިސްނައިނުދޭނަމަ، ވެރިކަމަށް ކުރިމަތިލާ ފަރާތްތަކުން މިފަދަ ކޮރަޕްޓް މީހުންނަށް ދަރަނިވެރިވެރިވެ، ވެރިކަން ލިބުމުން އެމީހުންގެ މުއްސަނދި ވިޔަފާރިތަކަށް އިތުރަށް ފައިދާކޮށްދިނުމަށް މަސައްކަތެއް ނުކުރާނެއެވެ.
އައު ވެރިކަން ގެނައި ފަރާތްތަކުން، ރައީސް މުޢިއްޒުގެ ވެރިކަމަށް ރުހޭ މިންވަރު ދެނެގަތުމަށް އަދި ތަންކޮޅެއް އަވަހެވެ. އަދި ވެރިކަމަށް 100 ދުވަސްވެސް ނުވެއެވެ. ނަމަވެސް، އެންމެ ސާފު ޖަވާބެއް ލިބިގެންދާނީ މާލެ ސިޓީގެ މޭޔަރު ހޮވުމަށް ޖަނަވަރީ 13 ވަނަ ދުވަހު ބާއްވާ އިންތިޚާބުގެ ނަތީޖާއިންނެވެ.
އެ އިންތިޚާބުގައި ހުރިހާ ފަރާތަކުންވެސް ވޯޓުލާން ދިޔުމަމީ ގައުމީ ވާޖިބެކެވެ.ރައްޔަތުންގެ ކަންކަން ނިންމާނެ ޚާދިމުން އިސްކުރުމުގައި ރައްޔަތުންގެ ފުރިހަމަ ބައިވެރިވުން އޮންނަން ޖަހޭނެއެވެ.
ވޯޓުލެވޭ ޢާއިލީ އަދި ރަޙުމަތްތެރި ފަރާތްތަކަށްވެސް ވޯޓުލުމަށް ބާރުއަޅުށްވާށެވެ. ރައްޔިތުންގެ ބަސް އިއްވޭނީ ވޯޓުންނެވެ. ރައީސްއެއްގެ ގާތުގައި ތިބޭ އައުވާނުންނަކީ ރައީސުލްޖުމްހޫރިއްޔާއަށް ޙަގީގީ މަންޒަރުތައް ސިފަކޮށްދޭ ބައެއް ނޫންކަންވަނީ މާޒީއިން ދައްކުވައިދީފައެވެ. އެކަން ކުރެވޭނީ ވޯޓުން ދައްކާ ނަތީޖާއަކުންނެވެ.
One Response
RANGALHU VAAHAKAKOlheh