އެމެރިކާއާއި އިސްރާއީލުން ބޭނުންވާ ގޮތަށް ފަލަސްތީނުގެ ޙަމާސްއިން އިސްރާއީލަށް ދިން ޙަމަލާއަކީ ޓެރަރިސްޓް ޙަމަލާއެއް ކަމަށް ބުނެ ޗައިނާއިން އެ ޙަމަލާ ކުށްވެރި ނުކުރުމުން މެދުއިރުމަތީގެ ސަފުން އެމެރިކާ ބާކީކުރަން އުޅެނީ ކަމަށް ތުޙުމަތުކޮށް އެމެރިކާއާއި އިސްރާއީލުން ޗައިނާދެކެ އިތުރަށް ރުޅިއަތުވެއްޖެއެވެ.
އޮކްޓޯބަރު 7 ވަނަދުވަހު ފަލަސްތީނުން އިސްރާއީލުގެ ތެރެއަށް ވެދެގަނެ ދިން ޙަމަލާތަކުގައި މިހާތަނަށް ދޮޅުހާހެއްހާ އިސްރާއީލުން މަރާލެވިފައިވާއިރު އަދި އެ ވާހަކަ ދެކެވޭއިރު ޗައިނާއިން ފަލަސްތީނު ޙަމާސް ޖަމާޢަތުގެ ނަންވެސް ނުގެންނާތީ އަދި ވަކިން ރުޅިގަނޑު އޮތީ ބޮޑުވެފައެވެ.
އޭގެ ބަދަލުގައި ރަޝިޔާއާއި ބައިވެރިވެގެން ޗައިނާއިންވެސް ބުނަމުން ގެންދަނީގާޒާއަށް ދެމުންގެންދާ ފަނާކުރަނިވި ޙަމަލާތައް ދިނުން ވަގުތުން ހުއްޓާލުމަށާއި އެމެރިކާއިން ދައްކަމުން ގެންދާ ދެފުށްދެގޮތް ރަޙްމަތްތެރިކަމުގެ ސަބަބުންފާއިތުވެގެންމިދާ އެތައް އަހަރު ދުވަހަކު އިންޖީނު ނިވާލާފައި ދެކޮޅަށް ދެ ނަގިލި ލާފާއޮތް ދެ ދައުލަތް އުފެއްދުމުގެ މަގުޗާޓް ހަމަމިހާރު މޭޒުމައްޗަށް ނަގައި އެ މަގުޗާޓުގެ މައްޗަށް ސުލްޙަ ގާއިމް ކުރުމަށެވެ.
ޗައިނާގެ ޚާރިޖިއްޔާގެ ތަރުޖަމާނު ވާންގް ވެންބިން މިދިޔަ ހުކުރުދުވަހު ބުނެފައިވަނީ އެތަކެއް އަހަރެއް ވަންދެން ދައުލަތް އުފެއްދުމަށް ދެކެވޭ ވާހަކަތައް ޙަގީގަތަކަށް ހެދިޔަ ދިނުމަށެވެ.
އަދި އެ ދެ ދައުލަތް އުފެއްދުމަށް ވެވިފައިވާ އެއްބަސްވުމުން އެއީ ބިންގާ ކަމަށް ކަނޑައަޅައި އެމައްޗަށް އެކުލެވޭ ޓައިމް ޓޭބަލަކާއި މަގުޗާޓެއް އެކަށައަޅައި ތަންފީޒުކުރުމާމެދު ދެއަތަށް ކިރިކިރި ނުހުންނަ ވަރުގެ ބައިނަލް އަގްވާމީ ކޮންފަރެންސަކަށް ވެސް ޗައިނާއިން ގޮވާލާ ކަމަށެވެ.
މި ގޮވާލުމަށް ބްރެޒިލްއާއި ރަޝިޔާ އަދި އިންޑިއާއާއި ދެކުނު އެފްރިކާ އޮތީ ޗައިނާއާއިއެކު އަތުގުޅާލައިގެން ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
ބެންޖާމިން ނަތަންޔާހޫގެ ސަރުކާރުން ޗައިނާއާއި އެކު އިގްތިސާދީ ގޮތުން ވަރުގަދަ ހަރުފަތްތަކެއް ގިރާކުރަމުން ގެންދާއިރު ފަލަސްތީނުން އިސްރާއީލަށް ދިން ޙަމަލާގައި ޗައިނާއިން ހަނުހުރުމަކީ އިސްރާއީލާށް ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށް އެކެރިކާއިންވެސް ބުނެފާވެއެވެ.
މިހާތަނަށް ފަލަސްތީނުގެ ހަމަލާތަކުގައި އިސްރާއީލުގެ އެތައްބަޔަކު މަރާލެވިފައިވާއިރު އަދި މައުސޫމް އެތައް ބަޔަކު ރަހީނު ކޮށްގެން ގެންގޮސްފައި ވާއިރު ޗައިނާއިން އެއްވެސް އެއްޗެކޭ ނުބުނުން އެއީ ވަރަށް ނުރައްކާތެރި ސިގްނަލެއް ކަމަށް ޗައިނާއިން މެދުއިރުމައްޗަށް ކަނޑައަޅާފައިވާ ޚާއްސަ މުޝީރު ޒާއި ޖުން އަށް އިސްރާއީލުގެ ސަފީރު ރަފީ ހަރްޕާޒް ދަންނަވާފައި ވާކަމަށް ޗައިނާގެ ޚާރިޖިއްޔާގެ ބަޔާނުގައި ބުނެފައިވެއެވެ.
ޗައިނާގެ ރައްދަކީ މިނިވަން ދެ ދައުލަތް އުފެއްދުން ނޫންގޮތެއްގައި މެދުއިރުމައްޗަށް ހަމަޖެހުމެއް ނުގެނެވޭނެ ކަމަށާއި ޗައިނާގެ އެންމެ ފަހު ބަހަކީވެސް ދެ ދައުލަތް އުފެއްދުން ކަމަށެވެ. އެހެނީ ބައެއްގެ ގެދޮރު ފޭރިގެން ބޭރުގައުމުތަކުން ޔަހޫދީން ގެނަސް އެތަންތަނުގައި ވަޒަންވެރި ކުރުވުމަކީ މި ހަމަނުޖެހުމުގެ އަސްލު މައްސަލަކަމަށެވެ.
އިސްރާއީލުގެ ކުރީގެ މޭޖަރ ޖެނެރަލް އަމިކަމް ނޯރކިމް ފާޅުކޮށްފައިވާ ޚިޔާލެއްގައި އިސްރާއީލަށް މަޝްވަރާ ދީފައިވަނީ ހަމައެކަނި ހަނގުރާމައިގެ މައިދާނަށް ވިސްނައިގެ ފަރުޖެހެންނެތް ކަމާއި ފެންނަ ފެނުމުގައި ޙަމާސް އާއި ޙިޒްބުއްލާ ގެ ފަހަތުގައި ޗައިނާ އޮތްކަމަށް ބަލައިގެން ކުރިމަގު ރާވަމުން ގެންދިއުން ބުއްދިވެރި ކަމަށެވެ.
ޗައިނާއިން އީރާނާއެކު ވަރަށް ގާތް ގުޅުމެއް ދަމަހައްޓަމުން ގެންދާތީ އާއިއެކުއީރާނުން މި ހަނގުރާމައިގެ ތެރެއަށް ނުވަނުމަށް ބާރު އަޅުއްވާ ދެއްވުމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ބްލިންކަން ޗައިނާގެ ޚާރިޖީވަޒީރު ވޭންގް ޔީ އަށް ދަންނަވާފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
މިކަމާގުޅިގެން ޗައިނާގެ ޚާރިޖީވަޒީރު އީރާނުގެ ޚާރިޖީ ވަޒީރަށް ގުޅުއްވާފައި ހަނގުރާމައާއި ދެކޮޅުވެރިކަމުން ހައްތާވެސް ލިބޭނީ ގެއްލުން ކަމުގައި ދެންނެވިކަމަށްވެސް ޗައިނާގެ ބަޔާނުގައިވެއެވެ. އެހެނަސް އެމެރިކާއިން އިސްރާއީލުން ފަލަސްތީނު ސުންނާފަތިކޮށް އެންމެހާ ޖަރީމާތައް ހިންގަމުން ގެންދާއިރު އީރާނާއި މެދުއިރުމަތީގައިވާ އީރާނުގެ ބައިވެރީނަށް ދެލޯމަރައިގެން ނުތިބެވޭނަކަމަށް އިރާނުން ބުނެފާވެއެވެ.

ޙަމާސްއިން އިސްރާއީލަށް އަރައިގަތުން ޖިއޯޕޮލިޓިކަލް ގޮތުން ރަޝިޔާއާއި ޔޫކްރެއިން ހަނގުރާމައާއި ހަމަހަމަކޮށް ވާހަކަ ދައްކާއިރު ކްރެމްލިނުން ފަލަސްތީނުގެ ކޮޅަށް ބުރަވުމާއި ޙަމާސް އާއި އިސްރާއީލުގެ ހަނގުރާމައިގާ ޗައިނާއިން ހަނުހުރުމާއި އެކު ފަލަސްތީނު ޙައްގުތަކަށް ވަކާލާތުކުރުމަކީ ޗައިނާގެ އަމިއްލަ މަސްލަޙަތާއި ފައިދާއަށްޓަކައި އަޅަމުންގެންދާ ފިޔަވަޅުތަކެވެ.
ބައެއް ސިޔާސީ ފަރާތްތަކުން ގަބޫލުކުރާ ގޮތަކީ މިއީއެވެ. ފަހަކަށް އައިސް މެދުއިރުމަތިން އެމެރިކާގެ ތެޔޮނާށި ޗައިނާއިން ޖަހާގަނެގެން ގެންދިޔުމާއި ޗައިނާއާއި ރަޝިޔާގެ މަސައްކަތުން ސީރިޔާ އަލުން އަރަބިންގެ ސަފަށް ގެނައުމާއި ގުޅިގެން އެމެރިކާ އޮތީ ރަތަށް އަރާފައެވެ.
ރައީސް ބައްޝާރުލް އަސަދު އެއްފަރާތް ކުރަން އެމެރިކާއާއި ހުޅަނގުން ދިހަ އަހަރު ދުވަސްވާން ކުރި ހަނގުރާމަ ފެނަށް ވެގެން ދިޔައީމައެވެ. ހަމައެއާއި އެކު އިސްރާއީލަށްޓަކައި ރައީސް ބައިޑަންގެ ހިފޭއްޓުމެއްނެތް ތަޢީދާއި ޔޫކްރެއިންގެ ހަނގުރާމައިގާ އެމެރިކާއިން ގެންގުޅޭ ސިޔާސަތުގެ ސަބަބުން އެމެރިކާގެ ބަޑިގުދަން ހުސްކޮށްލުމަކީ ޗައިނާއާއި ރަޝިޔާއިން އެންމެ ބޮޑަށް ބެނުންވާނެގޮތެވެ.
އެމެރިކާއާއި އިސްރާއީލުގެ އޮފިޝަލުންވެސް ގަބޫލު ކުރަންޖެހިފައިވާ ޙަގީގަތަކީ ގިނަ އަރަބި ގައުމުތަކަކުން އިސްރާއީލުގެ ޙަމަލާތައް އެންމެ ފުންމިނުން ކުށްވެރި ކުރަމުން ގެންދިއުމާއި 2 ދައުލަތް އުފެއްދުމަށް ބާރު އަޅަމުން ގެންދިއުމުގެ ސަބަބުން މެދުއިރުމަތީގައި އެމެރިކާއިން ގެންގުޅުނު ހިޔަޅުގެ ސިޔާސަތު ދެން އާރާސްތު ކުރުމަކީ ވަރަށް އުދނގޫ ކަމެއް ކަމަށެވެ.
އަދި ޗައިނާއިން ގެންދަނީ އީރާނަށް ތާއީދުކޮށް ހުޅަނގުގެ ފާޑުކިއުންތަކުން އީރާންގެ ވަށައިގެން ފަރުދާއިން ރައްކާތެރި ކުރަމުން ކަމަށްވާތިމެެއެވެ.
އެމެރިކާއިން ރާވަމުން ގެންދިޔައީ ސަޢޫދީ އެރޭބިޔާއާއި އިސްރާއީލުން ގުޅުން އުފައިގެން މެދުއިރުމަތީގައި އީރާނުގެ ރިޔާސަތުގެ ދަށުގައި އުފެދިފައިވާ އެކްސިސް އޮފް ރެޒިސްޓެންސް އާ ދެކޮޅަށް ނުކުންނާނެ ވަރުގަދަ ބާރެއް އުފެއްދުމަށެވެ. އެންމެފަހު ވަގުތު އެމަސައްކަތްވެސް ކަނޑުގައި އަޅާލި ރޮނގަކަށްވެ ނިމުނީއެވެ.ވަނީވެސް އެހެނެވެ. އަބަދަކު ދޮގުހަދައިގެން ނުޗަލާނެއެވެ.