ދުނިޔޭގައި އެކިއެކި ބޭނުންތަކަށް ބޭނުންކުރާ ސާފު ނުކުރާ ތެލާއި ގޭހުގެބޮޑުޙިއްސާއެއް އަންނަނީ ޙަމާސްގެ ހެޑްކުއާރޓަރު ތަކުގެ ތެރޭންލާފައި ކަމަށާއި ޙަމާސްއާއި އިސްރާއީލުގެ ހަނގުރާމަ ދިގުލަމުންދާނަމަ ހަކަތަ ލިބުމަށް ހުރަސްތަކެއް މެދުވެރިވެދާނެ ކަމަށް ބުނެފިއެވެ.
އަދި ހަކަތައިގެ ބާޒާރަށް ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހިދާނެކަމަށްބުނެ ތަޖްރިބާކާރުންގެ އިންޒާރު އަތުވެއްޖެއެވެ.
މެދުއިރުމަތީގައި މެދުވެރިވާ ކޮންމެ ދެކޮޅުވެރި ކަމަކާއި ގުޅިގެން ތަޖްރިބާކާރުންގެ އިނގިލި އެންމެ ފުރަތަމަ ދިއްކުރެވެނީ ހަކަތައި ބާޒާރަށެވެ. ތެލުގެ އަގު އުފުލުމާއި ގޭސްލިބުމަށް ހުރަސްތަކެއް މެދުވެރިވުން ފަދަ އެތައް ކަމެކެވެ.
މިހާރު ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން މިދިޔަ ހުކުރުދުވަހު ތެލުގެ އަގު 5 އިންސައްތަ އުފުލިއްޖެއެވެ. ކުރިއަށް އޮތް ތަނުގައި އިތުރަށް އަގު އުފުލުމަކީ ވަރަށް ގާތްކަމެކެވެ. ގަތަރުން ގޭސްލިބުމަށް ހުރަސް އެޅުމަކީ ޔޫރަޕާއި އޭޝިޔާއަށްވެސް އުފުލޭވަރުގެ ބުރައަކަށް ނުވާނެއެވެ.
އެއްގަމު ސިފައިން ގާޒާއަށް ވަދެގަނެ ގާޒާއެއްކޮށް ހުސްކޮށްލާނެ ކަމުގެ ވަޢުދު އިސްރާއީލުގެ ބޮޑު ވަޒީރު ދެމުން ގެންދާ ވަގެތެއްގައި އަދި އެކަމަށް ހުރިހާގޮތަކުންވެސް އެމެރިކާގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމަށް ބައިޑަންގެ ސަރުކާރުން ބުނަމުން ގެންދާއިރު ޖަވާބު ނުލިބޭ އެތައް ސުވާލަކާ ބައިނަލް އަގްވާމީ ދުނިޔެ ކުރިމަތިލާން އޮތީ ޖެހިފައެވެ.
އޭޝިއާއާއި ޔޫރަޕް އަދި ޚާއްސަކޮށް އިނގިރޭސި ވިލާތުން އެންމެ ގިނައި ގޭސް ގަންނަ ގައުމަކީ ގަތަރެވެ. އެންމެފުރަތަމަ ސުވާލަކީ އީރާނާއި ޙަމާސް އަދި ގަތަރުގެ ގުޅުމެވެ؟
ފަލަސްތީނުގެ ޙަމާސްއަށް ފައިސާގެ އެހީތެރިކަން ފޯރުކޮށް ދިނުމުގެ އެންމެ ކުރީސަފުގައި އޮންނަނީ ގަތަރެވެ. އީރާނަކީ ޙަމާސްގެ އެންމެ ގާތް ބައިވެރިޔާއެވެ.
ފައުންޑޭޝަން ފޯރ ޑިފެންސް އެންޑް ޑިމޮކްރެސީޒް އިން ބުނަފައިވާ ގޮތުގައި ފަހަކަށް އައިސް ގަތަރުން ކޮންމެ އަހަރަކު 500 މިލިއަން ޑޮލަރާ ގާތްކުރާ އަދަދަކަށް ފައިސާގެ އެހީ ޙަމާސްއަށް ފޯރުކޮށް ދެމުންގެންދެއެވެ.
ބައިޑަން އެޑްމިނިސްޓްރޭޝަނުން ރަހީނުން ބަދަލުކުރުމުގެ ނަމުގައި ދޫކުރި އީރާނުގެ ހިފަށްޓާފަވާ 6 ބިލިއަން އެމެރިކާ ޑޮލަރު ގަތަރުގެ ބޭންކަށް ޖަމާކުރުމުގެ ބޭނުމަކީ ކުރިއަށް އޮތްތަނުގައި ކޮންމެވެސް ނުބައެއް ހަދަން އެމެރިކާއިން ރޭވި ރޭވުމެއް ކަމަށް ބެލެވިދާނެއެވެ.
ޚަބަރުތަކުން އެނގޭ ގޮތުގައި ޙަމާސް އިސްވެއޮވެ ޒައްނިސްޓް އިސްރާއީލު އަށް ދިން ޙަމަލާއަށްފަހު ގަތަރުގެ ބޭންކުގައި ހުރި އެބުނާ 6 ބިލިއަން އެމެރިކާ ޑޮލަރު އީރާނަށް ނުދީ މަޑުޖައްސާލުމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ގަތަރުގެ ވެރިންނަށް މިހާރު ވަނީ ދަންނަވާފައެވެ.
އަމާޒަކީ މި މައްސަލާގައި ގަތަރާއި އީރާނު ފަނިކުރެވޭނެ މަގެއް ހޯދުން ކަމުގައިބުނެވިދާނެއެވެ. ނިއުޔޯރކް ޓައިމްސް އިން ޚަބަރު ދީފައިވާ ގޮތަށް ގަތަރުގެ ބޭންކުގައި ހުރި އެ ފައިސާ ވަގުތީ ގޮތުން ހިފޭއްޓުމަށް ގަތަރުން ވަނީ އެއްބަސް ވެފައެވެ.
ނަމަވެސް ގަތަރުގެ ވެރިން އެއްބަސްވެ ވަޑައިގެންނެވިތޯ ޚަރިޖީ ވަޒީރު ބްލިންކެން އަށް ދެންނެވުމުން އެވާހަކަ ދައްކާކަށް ބޭނުމެއް ނުވިއެވެ. ވައިޓް ހައުސްގެ ތަރުޖަމާނު ޖޯން ކާރބީއަށް މިސުވާލު ކުރިމަތި ކުރުމުންވެސް ދިނީ ބޮލުން ނައްޓާލަން ބޭނުން ކުރާކަހަލަ ޖަވާބެކެވެ.
ދެން އުފެދޭ އެންމެ މުހިންމު އަނެއް ސުވަލަކީ ދުނިޔޭގެ ބާޒާރަށް ނެރެވޭ ސާފު ނުކުރާ ތެލާއި ގޭސް އުފުލާ ބޯޓުފަހަރުން ދުނިޔޭގެ ކަނޑުތަކުގެ ތެރެއަށް ނިކުމެވޭނެ ހަމަ އެކަނި ކަނޑުއޮޅިއަކީ އީރާނުގެ ހޮރްމޯޒް ކަނޑު އޮޅިއެވެ.
މިހާރުވެސް ދޭތެރެ ދޭތެރެއިން އީރާނުން ގެންދަނީ އީރާނަށް އުނދަގޫ ކުރާނަމަ އެ ކަނޑުއޮޅިން ދަތުރު ނުކުރެވޭގޮތަށް ބަންދުކޮށްލާނެ ކަމަށް އިންޒާރު ދެމުންނެވެ.

އެންމެ ހަފުތާއަކަށް އެ ކަނޑުއޮޅި ބަންދު ކޮށްލިއަސް މުޅި ދުނިޔެ ހަކަތައިގެ ބަޑަށް ޖެހުމުކާއި ކުރިމަތިލާން ޖެހޭނެކަން ބޮޑު ހަނގުރާމައެއް ކޮށްލާހިތުން ނިދިނައިސްގެން މިއުޅޭ ބާރުގަދަ ގައުމުތަކަށްވެސް އެނގެއެވެ.
އެމެރިކާގެ ކަނޑުސިފައިން އެތަނަށް އަބަދުމެ ޖަމާކޮށްފައި އެ އޮންނަނީ އެހެންވެގެންނެވެ.
One Response
އަސްލު ތި ހަނގުރާމަޔަކީ އެމެރިކާއިން މުސްލިމުން ނިކަމެތިކޮށްލުވާފަ ބައިތިއްބަން އެމެރިކާއިން ކުރާ ހަނގުރާމައެކެވެ. އެނޫނީ ކީއްވެ އަބަދުވެސް އިޒްރޭލަށް ބޭނުންވާ ހުރިހާ ހަތިޔާރަކާއި އަހަރަކު 3.5 ބިލިއަން ޑޮލަރު އެ ޒައަނިސްޓް ސަރުކާރަށް ދޭންވީއެކީ؟ ދެރައީ އިސްލާމީ ގައުމުތަކުގައި ތިބި ގިނަ ވެރީނަށް ބޮޑުވަރިހަމަ ވީމާ. އެހެންތާ ވާނީވެސް ރޮއިރޮއިފާ ޚުތުބާވެސް ކިޔަނި އެފަދަ ވެރީން ބޭނުންވާއެއްޗެއް. ޚުތުބާއެއް އެވެރީން އަޑެއްވެސް ނާހާނެއެވެ. ދެން އަބަދުވެސް ދީނުގެ މޮޅުވާހަކަޔާއި ކުރީޒަމާނު އިސްލާމުންގެ މޮޅުވާހަކަ ދައްކާނީ. ދައްކައިފާ ކޮންމެވެސް ބައެއްގެ ޙައްގުތަކުން މަހުރޫމް ކޮށްލަނީ. ދެންގޮވާމީ ވެރިމީހާއަށް ތަބާވާށޭ އޭނާ ދީންދޫކޮށްލަން ނުބުނާހާ ހިނދަކު.
އެފަދަ ނިކަމެތި ޙާލު އިސްލާމް ދީނަށް މިވަނީ އަމިއްލަ އެދުމުން ފުރިފައިވާ އިސްލާމީ ގައުމުތަކުގެ ވެރީން ގެނެސްދީފަ. ވަރަށް ދެރަ. ދުޢާ ކުރުން ފިޔަވާ ކުރެވޭނެ މާބޮދު ކަމެއް ނެތް. އެގައުމެއްގެ ވެރިމީހާ ނުރުހިއްޖެނަމަ އެވީ ޓެރެރިސްޓަކަށް.