ޔޫކްރެއިންގެ ރައީސް ވޮލޯޑިމިރ ޒެލެންސްކީ އ.ދ. ގެ އާންމު މަޖިލީހުގައި ބައިވެރިވެ ވަޑައިގަތުމަށްޓަކައި ވޯޝިންގްޓަނަށް ފުރާވަޑައިގަތުމުގެ ކުރިން އެމަނިކުފާނުގެ މުޅި ދިފާޢީކެބިނެޓް ވަޒީފާއިން ވަކިކޮށްފިއެވެ.
މިކަމާއިބެހޭ އެއްވެސް ތަފްސީލެއް ހާމައެއް ނުކުރައްވައެވެ. ޔޫކްރެއިންގެ ޕްރާވްޑާ ނިއުސް އޭޖެންސީއިން ޚަބަރު ދީފައިވާ ގޮތުގައި މިއީ މުޅި ދިފާއީ ވުޒާރާ އެއްކޮށް ބަދަލު ކޮށްލަން ރައީސް ކުރެއްވި ކަމެކެވެ.
މީޑިއާތަކުން ގަބޫލުކުރާ ގޮތުގައި މިއީ ސެޕްޓެމްބަރު މަހު 6 ވަނަ ދުވަހު ކޮރަޕްޝަންގެ ތުޙުމަތުގައި ވަޒީފާއިން ވަކިކުރެވުނު ދިފާއީ ވަޒީރު އޮލެކްސީ ރެޒްނިކޯވްގެ މައްސަލައާއި ގުޅުންހުރި ފިޔަވަޅެކެވެ.
ރެޒްނިކޯވް މިހާރުވެސް ގެންދަވަނީ އެމަނިކުފާނުގެ ކޮރަޕްޝަންގެ މައްސަލައެއް ނޯންނާނެކަމަށް ވިދާޅުވަމުންނެވެ. އެހެންނަމަވެސް ޔޫކްރެއިންގެ ގާނޫނު ހަދާ މަޖިލީހުގެ ބޮޑު އަޣްލަބިއްޔަތަކުން އެމަނިކުފާނު ވަޒީފާއިން އިސްތިއުފާ ދިނުމަށް ސެޕްޓެމްބަރ މަހުގެ 4 ވަނަ ދުވަހު ވަނީ އަންގަވާފައެވެ.
ޔޫކްރެއިންގެ ގާނޫނު ބުނާގޮތުން މިނިސްޓަރަކު ވަޒީފާއިން ވަކިކޮށްފިނަމަ އެ ވުޒާރާއެއްގައި ދެންތިއްބެވި އިސް ވަޒީރުން ވަޒީފާއިން ވަކިކުރުމުގެ ބާރު ކެބިނެޓް މިނިސްޓަރުންނަށް ލިބިގެންވެއެވެ.
އަލަށް އައްޔަންކުރެވުނު ދިފާއީ ވަޒީރު ރުސްތަމް އުމީރޯ ގެ އެދިވަޑައިގަތުމުގެ މަތިން އެ ވުޒާރާގައި ތިއްބެވި ޑެޕިއުޓީ މިނިސްޓަރުން އިސްތިޢުފާ ދެއްވީކަމަށް ޔޫކްރެއިން ޕްރައުޑާ ނިއުސް އޭޖެންސީން ބުނެފައިވެއެވެ.
ދިފާއީ ވަޒީރު ރުސްތަމް އުމީރޯއަށް މަގާމުގެ ރުހުން ހޯދުމަށްޓަކައި ޕާރލަމެންޓަށް ރައީސް ޒެލެންސްކީ ފޮނުއްވި ލިއުމުގައި ރުސްތަމް އުމީރޯގެ ގިނަ ތަޢާރުފަކަށް ތިޔަބޭފުޅުން ބޭނުންފުޅު ނުވާނެކަމަށް ގަބޫލުކުރައްވާކަމަށް ވިދާޅުވެފައިވެއެވެ. 1982 ވަނަ އަހަރު އުފަންވެ ވަޑައިގެންނެވި ރުސްތަމް އަކީ ކްރީމިއާ ޓާޓާރއަށް ނިސްބަތްވެ ވަޑައިގަންނަވާ މުސްލިމް ބޭފުޅެކެވެ.
އަދި އެބޭފުޅާއަކީ ޔޫކްރެއިންގެ ތާރީޚުގައި ފުރަތަމަ މުސްލިމް ދިފާއީ ވަޒީރެވެ. އެބޭފުޅާއަށް ޕާރލަމެންޓުގެ 450 މެމްބަރުންގެ ތެރެއިން 338 މެމްބަރުންގެ ރުހުން ލިބި ވަޑައިގަތެވެ.
ރުސްތަމްގެ އާއިލާއަކީ ޔޫކްރެއިންގެ މިސްކިތްތަކާއި އިސްލާމީ ތަރިކަ ދެމެހެއްޓުމަށްޓަކައި ދެމިހުންނަނިވި ގޮތެއްގައި މަސައްކަތް ކުރަމުން ގެންދާ އާއިލާއެކެވެ.
ރުސްތަމަކީ ތުރުކީގެ ބަހަށް ވަރަށް ފަރިތަ ބޭފުޅެއްކަމުން ރައީސް އުރުދުޣާނާއިއެކު ކުރެވޭ މަޝްވަރާ ތަކުގައި ވަރަށް ބޭނުންތެރި ރޯލެއް އަދާ ކުރެއްވިދާނެ ބޭފުޅެއް ކަމަށްވެސް ރައީސް ޒެލެންސްކީ ދެކިވަޑައިގަންނަވައެވެ.
ރައީސް ޒެލެންސްކީގެ މި ދަތުރުފުޅުގައި އެމެރިކާގެ ގާނޫނީ ބޭފުޅުންނާއިއެކު ކެޕިޓްލް ހިލްގައި ބައްދަލު ކުރައްވާނެއެވެ. ވޯޝިންގްޓަން ޕޯސްޓުން ބެނެފައިވާ ގޮތުގައި ރައީސް ޒެލެންސްކީގެ މި ދަތުރުފުޅު ރާއްވަވާފައިވަނީ ރައީސް ބައިޑްންގެ ސަރުކާރުން ޔޫކްރެއިނަށް އިތުރު 24 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީ ފޯރުކޮށްދެވޭނެ ގޮތެއް ހޯދުމަށްޓަކައި ކޮންގްރެސް ގެތެރެއިން ރައީސް ބައިޑްން މަސައްކަތް ކުރައްވަމުންގެންދަވާ ދުވަސްވަރަކާ ދިމާކޮށެވެ.