ރިޔާސީ އިންތިޚާބުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތުކޮށް ހުށަހަޅާފައިވާ 29 ޝަކުވާގެ ތެރެއިން 7 މައްސަލަ ތަހުގީގުކުރަން ފެންނާތީ ބަލަމުން އަންނަކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އިން މިއަދު ބުނެފިއެވެ.
އޭސީސީއިން ބުނީ މިދިޔަ ހޮނިހިރުދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ކެމްޕެއިނާ ގުޅިގެން އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަ ތަކުގެ ތެރެއިން ހަތްމައްސަލައެ ތަހުގީގު ކުރަމުންދާ ކަމަށެވެ.
އެ މައްސަލަ ތަކުގެ ތެރޭގައި ހިމެނެނީ:
– ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުމުގެމައްސަލަ.
-ރިޝްވަތާ ގުޅުން ހުރިމައްސަލަ.
މީގެ އިތުރުން ކޮމިޝަނަށް ހުށަހެޅި ބަލަމުންގެންދާ މައްސަލަތަކުގެ ތެރޭގައި ހުޅުމާލެއިން ގޯތި ދޫކުރި ގޮތާއި ގުރުއަތުލުން ކުރިއަށްގެންދިޔަ ގޮތާގުޅޭ މައްސަލައެއް ވެސް ހިމެނެއެވެ.
“މި މައްސަލަތަކާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ކޮމިޝަނުން މިދަނީ އަޅަމުން. ބައެއް ފިޔަވަޅުތައް އެޅޭނީ ބައެއް ކަންކަން ދެނެގަނެ ކަށަވަރުކުރެވިގެން ކަމުގައިވާތީ ކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމުގެ މަސައްކަތް މިހާރުދަނީ ކުރަމުން“
އިންތިޚާބުގެ ދެވަނަ ބުރު ބާއްވަން ނިންމާފައި ވަނީ މި މަހުގެ 30 ގައެވެ. ދެވަނަ ބުރަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީޕީއާއި އިދިކޮޅު ކޯލިޝަން ޕީޕީއެމުން ދަނީ ކެމްޕެއިން ކުރަމުންނެވެ.
ކެމްޕެއިނުގައި ދައުލަތުގެ މުދަލާއި ވަސީލަތް އަދި މުވައްޒަފުން ބޭނުންކުރާކަމުގެ ތުހުމަތު އިދިކޮޅުންނާއި އެހެން ބައެއް ޕާޓީތަކުން ވެސް ދަނީ ކުރަމުންނެވެ.