ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުނު މީހުންނާާ އެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް މިއަދު ފަށަން ތައްޔާރުވެއްޖެއެވެ.
ހައުސިން މިނިސްޓްރީއިން ކުރި އިއުލާނެއްގައި ބުނީ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ގޯތި ލިބުނު މީހުންނާ ގޯތި ޙަވާލު ކުރުމުގެ އެންމެހައި ކަންކަން ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ގޯއްޗާއި ހަވާލުވުމަށާއި ގޯތި ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ގޯތިލިބޭ މީހުންގެ ފޯމުގައި ހިމެނޭ މީހުން ހާޒިރުވާނެ ދުވަހާއި ގަޑި މިނިސްޓްރީއިން އަންގާނެ ކަމަށްވެސް އެ އެެ އިއުލާނުގައި ބުނެފައިވެއެވެ.
އެ އިއުލާނުގައި ބުނީ އެއްބަސްވުމުގައި ސޮއިކުރުމަށް ގޯތިލިބުނު މީހުން ނޫން އެހެން މީހަކު ފޮނުވާނަމަ “ ގެދޮރުވެރިންގެ ޕޯޓަލް“ ގައި އެޓޭޗްކޮށްފައިވާ“ ޕަވާއޮފް އެޓާނީ“ ފުރިހަމަކުރުމަށްފަހު ސޮއިކޮށް ގޯއްޗާއި ހަވާލު ވުމަށާއި ގޯތި ހަވާލުވުމުގެ އެއްބަސްވުމުގައި ސޮއިކުރަން ފޮނުވާ މީހާއާއި ހަވާލުކުރަންވާނެ ކަމަށެވެ.
ގޯއްޗާއި ހަވާލުވުމަށާއި ގޯތި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަންދާ މީހުން ގޯތި ލިބޭ މީހާގެ އައިޑީކާޑު ކޮޕީއާއި އަދި ބަދަލުގައި ސޮއިކުރަން ދާމީހެއްނަމަ ގޯތިލިބުނުކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް އައްޔަންކޮށްފައިވާ “ ޕަވަރއޮފްއެޓާނީ“ ގެ އަސްލާއި އައިޑީ ކާޑު ކޮޕީއެއް ގެންދަން ޖެހޭނެ ކަމަށްވެސް މިނިސްޓްރީއިން ބުނެއެވެ.
މާލެ ސަރަހައްދުން ގޯތިދިނުމަށް މި ސަރުކާރުން ފަށާފައިވާ ބިންވެރިޔާގެ ސްކީމަށް މަގުފަހިކުރުމަށް ލޯކަލް ކައުންސިލްތަކުގެ ބަދަލުގައި ސީދާ ހައުސިންމިނިސްޓްރީއަށް ގޯތީގެ ރަޖިސްޓްރީ ދެވޭ ގޮތަށް އިއްޔެ ވަނީ ގަވާއިދު އިސްލާހު ކޮށްފައެވެ.
މާލޭ މީހުންނަށް ޚާއްސަކޮށްގެން ހުޅުމާލެއާއި ގުޅިފަޅު އަދި ގިރާވަރު ފަޅުން ބިންދޭން ގޯތިލިބުނު މީހުންގެ މެދުގައި ގުރުވެސް ވަނީ ނަގާ ނިންމާފައެވެ. އެސްކީމުގެ ދަށުން 18،955މީހުން ގޯއްޗަށް ޝަރުތުހަމަވާއިރު އެއީ 9،003 ގޯތިކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.