ކިތަންމެ މަތީ މަގާމެއްގައި ހުއްޓަސް އަދި އެ މީހަކު ވާހަކަ ދައްކަވަން ހުރި ވެށީގެ ސަބަބުން ކޮންމެ ވާހައެއް ދެއްކިއަސް ކުށްވެރި ނުވާނެކަން އެނގޭތީ ބައެއްމީހުންގެ ދޫ ތަންމިނަށް ނިކުންނަ ފަހަރު އާދެއެވެ.
ދިވެހީންގެ ރާއްޖޭންވެސް މިފަދަ މަންޒަރުތައް މާގިނައިން ފެންނަމުންދެއެވެ. ޚާއްސަކޮށް ރައްޔިޔުންގެ މަޖިލީސް ތެރޭންނެވެ. އަދި މިނޫނަސް ސިޔާސީގޮތުން ތިމާއަށް ލިބިފައިއޮންނަ ޚާއްސަ އިމްތިޔާޒެއްގެ ބޭނުން ކޮށްގެންވެސް ގޮތެއްފޮތެއް ނެތި ވާހަކަ ދައްކަމުންދާތަން ފެނެއެވެ. އަދި ބައެއްފަހަރު އެއީ އެންމެން ދަންނަ ދިވެހި ބަހުން ދެއްކި ވާހަކައެއްނަމަވެސް ތަރުޖަމާ ކޮށްދީގެން މަގްސަދު ބަދަލު ކުރަމުންވެސް ގެންދެއެވެ.
ދިވެހީންގެ ތެރޭގައި މިފަދަ ވާހަކަތަކަށް ރައްދު ދިނުމަކީ އާންމުކޮށް ކުރާ ކަމެއްނޫނެވެ. އެހެންނަމަވެސް ބައެއް ގައުމުތަކުގައި ޚާއްސަކޮށް ސިޔާސީ މައިދާނުގައި ދައްކާ އެފަދަ ވާހަކަތަކުގެ ނަތީޖާއެއްގެ ގޮތުން ވަޒީފާ ގެއްލިގެންދާތަންވެސް ފެނެއެވެ.
ބައެއްފަހަރު ޢާންމު މަޢާފަކަށް ހުށަހޮޅިގެން ދާތަންވެސް ފެންނަމުން ދެއެވެ.
މިފަހަރު މިއޮތީ އަވަށްޓެރި ޕާކިސްތާނުގެ ވަޒީރަކު ދެއްކެވި ވާހަފުޅަކާ ގުޅިގެން އެ ގައުމުގެ ރައްޔިތުންގެ ރުޅިވެރިކަމާ ކުރިމަތިލާން ޖެހިފައެވެ. މަގާމު ހޯދުމަށްޓަކައި ރައްޔިތުންގެ ފައިފޮހޭ ފޮތިގަނޑަކަށް ވެގެންހުރެ އާދޭސްކުރަމުން ގެންދާއިރު މަގާމު ލިބުމުން ރައްޔިތުންނަކީ ފައިފޮހޭ ފޮތިގަނޑަށް ވުރެންވެސް އަގެއްނެތް ބަޔަކު ކަމުގައި ހަދަމުން ގެންދާތަކަމުގެ ޝަކުވާއާއި ރައްޔަތުންގެ ނުރުހުމެވެ.
ބީބީސީ އުރުދޫ ޕްރޮގްރާމުގައި މިއަދު ބުނެފައިވާ ގޮތުން ޕާލަމެންޓުގައި އިދިކޮޅު ތަހްރީކޭ އިންސާފު ޕާރޓީއަށް ނިސްބަތްކުރެވޭ މެމްބަރަކާ ދިމާލަށް “ ތިޔައީ އިމްރާންޚާނުގެ ހަވަރު ތުންފުއްސެކޭ “ ޕާކިސްތާނުގެ ދިފާއީ ވަޒީރު ޚްވާޖާ އާސިފްވިދާޅުވި އިރު މިވަރުގެ ރުޅިވެރި ފާޑުކިއުންތަކެއް އަމާޒުވެދާނެ ކަމަށް އޭނާ ހީފުޅުވެސް ނުކުރާނެއެވެ.
ދިފާއީ ވަޒީރު ޚްވާޖާ އާސިފް ގެ ވާހަކައާއި ގުޅިގެން ޕާރލަމެންޓުގެ އިދިކޮޅު މެމްބަރުންނާއި ދުވަހު ނޫސްތާކުގައި ގިނަ ފާޑުކިއުންތަކެއް ވަނީ އަމާޒުކުރެވިފައެވެ. އެންމެފަހުން އަޅުގަނޑުމެން ގެތެރޭގައިވެސް ކަންހިނގާ ގޮތުގެމަތިން އެބޭފުޅައަށްވެސް ޖެހުނީ ހަވަރު ތުންފުއްސެކޭ ބުނުމަކީ ޖިންސީ ފުރައްސާއެއް ނޫންކަމަށް ތަރުޖަމާ ކޮށްދޭށެވެ.
އަދި ޚާއްސަކޮށް ޕާކިސްތާނުގެ އެންމެ މަޝްހޫރު އިނގިރޭސި ބަހުން ނެރޭ ދުވަހުނޫސް ޑޯންގައި ލިއެފައިވާ ގޮތުން ޕާކިސްތާނުގެ ދިފާޢީ ވަޒީރަކީ މަދަރުސާއަށް ފޮނުވައިގެން ދުރޫސުލް އަޚްލާގު ދަސްކޮށްދޭން ޖެހިފައިވާ ބޭފުޅެކެވެ. ޕާކިސްތާނުގެ ފަނޑިޔާރުންނާއި މަޝްހޫރު ކްރިކެޓް ކުޅުންތެރިންނާއި ލިއުންތެރިން ނާއި ފަންނާނުންނަކީވެސް މިކަހަލަ ޖިންސީ ފުރައްސާރަ ކުރުމުގެ އާދަ ކަށީގައި ހިފާފައި ތިބޭ ބައެކެވެ.
ޕާކިސްތާނުގެ ޕާލަމެންޓަކީ ވަރަށްގިނައިން ޖިންސީ ފުރައްސާރައިގެ މަލާމާތް އަޑު އިވެމުންދާ ތަނެކެވެ. ޕާކިސްތާނުގެ ސަރަޙައްދީ ކައުންސިލް މެމްބަރ ޝަރުމީލާ ފާރޫގީ މީޑިއާތަކަށް ވިދާޅުވެފައިވަނީ ”ޖިންސީ ފުރައްސާރަ ކުރުމުގެ ލައިސަންސް ޕާކިސްތާނުގެ ފިރހެނުންނަށް ލިބިދީފައިވާކަމަށް އެމީހުން ދެކޭކަހަލައެވެ“.
ދިފާއީ ވަޒީރު ޚްވާޖާ އާސިފަކީ މީގެކުރިންވެސް އެކަހަލަ ވާހަތައް އެގޮތަށް ދައްކާ މީހެކެވެ. މީގެކުރިން ފެޑެރަލް ސަރުކާރުގެ މިނިސްޓަރ ޝީރީން މަޒާރީ ފަލަކަމުން މަލާމާތް ކުރުމުގެ ގޮތުން “ ޓްރެކްޓަރ ޓްރޯލީ“ ގެ ނަމުން މުޚާތަބު ކޮށްފައިވެއެވެ.
ޕާކިސްތާނުގެ ސޯޝިއޯލޮޖިސްޓް ނިދާ ކްރިމާނީ ދެކޭގޮތުގައި ޕާކިސްތާނުން މިފެންނަނީ ބަދަލުވަމުންދާ ތަނެވެ. މިއީ މީގެކުރިން ފެނަނަމުން ދިޔަޒަރު ތަކެއް ނޫނެވެ. މީޑިއާތަކުން އަންހެނުންގެ ދިފާއުގައި ނިކުތުން ފާހަގަކުރަން ޖެހޭނެކަމަށް އެކަމަނާ ވިދާޅުވިއެވެ.
ޕާކިސްތާނަކީ އަންހެނުންނަށް އަމާޒު ކޮށްގެން ޖިންސީ ފުރައްސާރަކުރުން މިހާރު ހައްދުން ނައްޓާލާފައިވާ ގައުމެއް ކަމަށް ބައެއް އެކްޓިވިސްޓުންނާއި އަދި އަންހެނުންގެ ޙައްގުތަކަށް ވަކާލާތު ކުރާފަރާތް ތަކުން ބުނަމުން ގެންދެއެވެ. ބައެއް އަންހެނުންނަށް ގެވެށި އަނީޔާކުރެވޭ މަންޒަރު އާންމުވުމުން އެކަމަށް ތަރުޙީބުދޭ ފިރިހެނުންވެސް ފެންނަމުން ދާކަމަށް އާމިނާ ރަޙްމާނު ކިޔާ އެކްޓިވިސްޓަކު ހާމަކޮށްފައި ވެއެވެ.
އެކްޓިވިސްޓް އަދީލް އަފްޒަލް ބުނެފައިވާ ގޮތުގައި ޕާކިސްތާނުގައި އަންހެނުންނަށް ލިބިދީފައިވަނީ ގަނެ ވިއްކާ މުދަލެއްގެ ދަރަޖައެވެ. ޝަބާހަތު ޒަކަރިއްޔާ އެވެ ކިއުނު އެހެން ބްލޮގަރަކު ބުނެފައިވަނީ ޓި ވީ ޝޯތަކާއި ޓެލެޑްރާމާތަކުގައިވެސް އަންހެނުންގެ ނިކަމެތިކަން ދައްކުވާދިނުން އާންމުވަމުން ދިއުމަކީ ހިތާމަ ކުރަން ޖެހޭކަމެކެވެ.