ގެއްލިގެން ހޯދަމުން އަންނަ ފިރިމީހާ ހުރީ ކޮންތަނެއްގައި ކަމާމެދު އެންޖެލިކާއަށް ކޮންމެވެސް ވަރެއްގެ ޝައްކެއް އަބަދުވެސް ކުރެވެއެވެ. އޭނާއަށް ކުރެވެމުން އައި ޝައްކުތައް ޔަގީންކަމަށް ބަދަލުވެގެން ދިޔައީ ސަރުކާރުގެ މީސްމީޑިއާގައި އާންމުކުރި ވީޑިއޯއެއް ބެލުމަށްފަހުގައެވެ.
ސަރުކާރުން އާންމުކުރި އެ ވީޑިއޯގެ ކޮންމެ ފްރޭމެއް ވަކިވަކިން ބަލަމުން ގެންދިޔަ އެންޖެލިކާއަށް އޭނާގެ ފިރިމީހާ ފެނުނީ ވީޑިއޯގެ 25 ވަނަ މިނެޓުގައި، އޭނާގެ ޖަލު ގޮޅީގައި އެއްކޮށް އުޅޭ އެހެން މީހަކާ ސަލާމްކުރާ މަންޒަރުންނެވެ.
ބޮލުގެ އިސްތަށި ބާލާފައި، ހުދު ސޯޓެއް ލައިގެން ހުއްޓާ ފެނުނުނަމަވެސް، ފެނުނު މީހަކީ މީގެ 11 މަސްދުވަސް ކުރިން ހައްޔަރުކޮށްގެން ސަރުކާރުގެ ބެލުމުގެ ދަށަށް ގެންދެވުނު އޭނާގެ ފިރިމީހާ، ޑާވިންކަން އޭނާއަށް ޝައްކެއްނެތި ޔަގީންކުރެވުނެވެ. އަދި މިއީ އެލް ސެލްވަޑޯރގެ މާ-ޖަލުކަމުގައިވާ ސެންޓަރ ފޮރ ދަ ކޮންފައިންމަންޓް އޮފް ޓެރަރިޒަމް (ސެކޮޓް) އަށް އޭނާގެ ފިރިމީހާ ބަދަލުކުރެވިފައިވާކަމުގެ ފުރަތަމަ ހެއްކެވެ.
ވެރިރަށް ސޭން ސަލްވަޑޯރއާއި 74 ކިލޯމީޓަރު (46 މޭލު) ދުރުގައި ހުޅުވުނު ސެކޮޓް ހުޅުވާފައިވަނީ ޖަނަވަރީ މަހު އެގައުމުގެ ރައީސް ނައްޔިބް ބުކުލޭލޭއެވެ. ސެކޮޓްއަކީ ރައީސް ބުކުލޭލޭ ގޭންގުތަކާއި ދެކޮޅަށް ކުރާ ހަނގުރާމައިގެ ރަމްޒެއްކަމަށް ގިނަ ބަޔަކު ގަބޫލުކުރާއިރު، މާޗު މަހުގައި ފެށުނު ކެމްޕޭނަށްފަހު މިހާތަނަށް 68،000 މީހަކު އެތަނުގައި ބަންދުކޮށްފައިވެއެވެ.
ބަންދުގައި ތިބި އާއިލާގެ މެންބަރުން ވީތަނެއް ނޭނގިގެން އެތައް ހާސް ސަލްވަޑޯރ ރައްޔިތުން ހާސްކަމެއްގައި ތިބިއިރު، މިފަދަ ވީޑިއޯތަކުން ދަންނަ މޫނުތައް ހޯދުމަކީ އެންޖެލިކާފަދަ އެތައް މީހަކު ކުރަމުން އަންނަ މަސައްކަތެކެވެ. ދުނިޔޭގެ އެންމެ ނުރައްކާތެރި ދާޚިލީ މާހައުލެއް އުފެދިފައި އޮންނަ އެލް ސަލްވަޑޯރގެ ރައީސް ބުކުލޭލޭ އިއުލާނުކުރެއްވި އާންމު ނުރައްކަލުގެ ހާލަތަކީ އާންމުންގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ލިބިފައިވާ ނިންމުމެކެވެ. އަދި ގަސްދުގައި މީހުން މަރާ ރިކޯޑު އަދަދު ދަށަށް ދިޔުމާއެކު ރައީސް ބުކުލޭލޭއަށް އޮތް ތާއީދުވަނީ އިތުރުވެފައެވެ.
އެލް ސަލްވަޑޯރގެ ސަރުކާރާއ ހަވާލާދީ އެނގޭގޮތުގައި ސެކޮޓަކީ 40،000 ޤައިދީން އެއްފަހަރާ ބައިތިއްބޭނެ ޖާގަ އޮތް ބޮޑު ޖަލެކެވެ. ޖަލާ ބެހޭ ގިނަ މައުލޫމާތު މިހާތަނަށް ސިއްރުކުރެވިފައިވީ ނަމަވެސް، ސެކޮޓްއާއި ބެހޭގޮތުން މިހާތަނަށް ލިބިފައިވާ މައުލޫމާތު އެއްކޮށްގެން ބީބީސީއިން ވަނީ ޖަލުގެ މާހައުލު ހުންނާނެކަމަށް ލަފާކުރެވޭ ގޮތްތަށް ކުރަހާފައެވެ.