އިސްތާންބުލްގެ ބޮޒްދާގް ފިލްމް ސްޓޫޑިއޯސްއިން އޮޓޮމަން ވެރިކަމުގެ ދުނިޔެ ތަމްސީލުކޮށްދީ ނެރުނު މަޝްހޫރު ޓީވީ ސީރީސް ”ރިސަރެކްޝަން: އަރތަރޫލް“ ފިލްމުކުރުމަށް ތައްޔާރުކުރި ޔޫރަޕުގެ އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމު ސެޓް ތަޖުރިބާކޮށްލުމަށް އާންމުންނަށް ހުޅުވާލައިފިއެވެ.
މި ފިލްމު ސެޓުން ތުރުކީގެ ތާރީޚާއި، ސަގާފީ ފޭރާން ބަލާލުމުގެ އިތުރުން ޓީވީ ސީރީސްގައި އެކި ރޯލުތަކުން ފެނިގެންދިޔަ ފަންނުވެރީންނާއި ބައްދަލުކޮށް އޮޓޮމަނުންގެ ދިރިއުޅުމުގެ ވައްޓަފާޅި ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ފިލްމު ކުޅުމަށް ތައްޔާރުކުރެވުނު ތާރީޚީ އިމާރާތްތައް ތައްޔާރުކޮށްފައިވަނީ އަސްލާ ވީހާވެސް އެއްގޮތަށް، ތާރީޚީ ސައްހަކަން ނުގެއްލޭނެ ގޮތަށް ކަމުން، ބެލުންތެރިންނަށް މިޝޯވ ވެގެންދާނީ ތާރީޚީ ދަތުރަކަށެވެ.
މި ސްޓޫޑިއޯގައި އެކުލެވޭ ތަންތަނުގެ ތެރޭގައި އިނެގޮލް ގަނޑުވަރާއި، އަރޖެންޗް ބާޒާރާއި، މާރމަރިޗިކް ގަނޑުވަރާއި، ޔެނިސެހިރް މާކެޓާއި، ކުލުޗަހިސާރް ގަނޑުވަރާއި، ހަރްޒެމްޝާހް ގަނޑުވަރާއި، ސޮޔުތް އަދި ކަޔީ ވަންހައަށް ނިސްބަތްވި ސަރަހައްދުތަކުގެ ބިނާތައް ތައްޔާރުކޮށްފައިވެއެވެ.


އަންތަކާތީ ހަރަކާތްތަކުގެ ސަބަބުން، ޒިޔާރަތްކުރާ ފަރާތްތަކުގެ ތަޖުރިބާ އިތުރަށް ފުރިހަމަވެ، ތުރުކީގެ ތާރީޚު ދެނެގަތުމަށް އިތުރު ބާރެއް ލިބިގެންދާނެއެވެ.
”ރިސަރެކްޝަން: އާރތުރޫލް“ އާއި ”ދަ ފައުންޑަރ: އޮޓޮމަން“ ސީރީސްތައް ފިލްމު ކުޅުމަށް އެންމެ ގިނައިން ބޭނުންކޮށްފައިވާ ސަރަހައްދަކީ ކަޔީ ވަންހައިގެ ސެޓްތައްކަމުގައި ވީއިރު، މިތަންތަން ބަލައިލުމަށް ޒިޔާރާތްކުރާ ބެލުންތެރިން އެތަނުގައި ތުރުކީގެ ސަގާފީ ހެދުމުގައި ފޮޓޯނަގައި، އަސްދުއްވުމާއި، ތުރުކީގެ އަތްތެރި މަސައްކަތް ބަލާލައި، ކަޔީ ވަންހައިގެ މީހުންގެ އާންމު ދިރިއުޅުން ދެކިލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.