ޗައިނާގެ އެހީގައި މާލެ ސިޓީ ކައުންސިލުން ބޮޑު ތަކުކުރުފާނު މަގުގައި ހަރުކުރި ސްމާޓް ސްޓްރީޓް ލައިޓްތަކުގެ ސްޕީކަރުތަކުން އަޑުހަރުކޮށް ތަކުބީރު އިއްވަން ފެށުން ވެގެންދިޔައީ މި ޢީދުގައި ގިނަ ބައެއްގެ ހިތަށް ހަމަޖެހުމާއި އުފާވެރިކަން ގެނުވި ކަމަކަށެވެ.
ޙައްޖު ދުވަހުގެ މެންދުރުން ފަހުން ފެށިގެން އެ ލައިޓްތަކުން އަޑުހަރުކޮށް ތަކުބީރު އިއްވަން ފަށާފައިވާއިރު ގިނަ ބަޔަކު އަންނަނީ މާލެ ސިޓީ ކައުންސިލަށް ތައުރީފުކޮށް ޝުކުރުއަދާ ކުރަމުންނެވެ.
“ވަރަށް ވެސް އުފާވެރި ހިތަށް ހަމަޖެހުން ލިބިގެންދާ ޢީދެއް. ތަކްބީރުގެ އަޑު ގުގުމާލައި ޢީދުގެ ތަހުނިޔާތައް ގިޑިގެތަކާއި ކުލަބޮކީގެ އަލިން ދިއްލައިލުމުން, ފަނޑުވަމުންދާ މި ދީބުގެ އިސްލާމީވަންތަކަމަށް ދިރުން ގެނެސްދޭ ފަދަ. މިއީ މުނާފިގުންނާއި ލާދީނީ މީހުންގެ ހިތްތަކަށް ވަރަށް ވެސް ވޭން އަޅާނޭ ކަމަކަށް ވާނޭކަން ޔަގީން.‘ މާލެ ސިޓީ ކައުންސިލުގެ މި ބުރަ މަސައްކަތްތައް ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވަމުން އައްޝައިޚް އާދަމް ނިޝާން ފޭސްބުކްގައި ލިޔުއްވާފައިވެއެވެ.
ނިޝާން އިތުރަށް ވިދާޅުވީ މިކަމުން އެނގިގެންދަނީ ދިވެހިންގެ އިސްވެރިންނަށް ކިރިޔާ ވެސް ދީނަށް ހުރުމަތްތެރިކޮށް ހިތައި ނުވަތަ ދީނަށް ލޯބި ހުންނަ ބަޔަކު އިސްކުރެވިއްޖެ ނަމަވެސް ފެނިގެންދާނޭ ހެޔޮކަން ކަމަށެވެ. އަދި މިއާއެކީގައި ދިވެހިންގެ އަމަލުތަކާއި އަދަބު އަޚުލާގާއި މުއާމަލަތްތަކާއި ފޭރާން ވެސް އިސްލާމީވަންތަވެ އިސްލާމީ ޝަރީއަތް ތަންފީޒު ކުރެވޭނަމަ އަދި ކިހައި ފުރިހަމަވާނޭތޯ ނިޝާން ސުވާލު ކުރެއްވިއެވެ.
މާލެ ސިޓީ ކައުންސިލުގެ މި މަސައްކަތްތަކާ ގުޅިގެން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ވިދާޅުވީ އަޟްޙާ ޢީދަށް މާލެ ސިޓީން ފެނިގެންދާ ޒީނަތްތެރިކަމާއި އަޑު އިވިގެންދާ ތަކުބީރުގެ އަޑުތަކުން އުފާވެރިކަން ގެނުވާ ކަމަށެވެ. އަދި މުސްލިމުންގެ މިފަދަ ޢީދުތަކާ ގުޅުވައި އުފާވެރިކަން ފާޅުކުރުމަކީ ވަރަށް މުހިންމުކަމެއްކަން ފާހަގަކުރައްވައި ޝަހީމް ވަނީ މާލެ ސިޓީ ކައުންސިލަށް ޝުކުރު އަދާކުރައްވައިފައެވެ.
ޢީދު ނިމެންދެން ތަކުބީރުގެ އަޑު އިއްވުމަށް ހަމަޖެހިފައިވާއިރު މިއީ ސްމާޓް މަގުބައްތިތަކުގެ ސްޕީކަރު ސިސްޓަމް މެދުވެރިކޮށް އަޑު ފޮނުވާ ފުރަތަމަ ފަހަރެވެ.
“މާލެ ސިޓީ ކައުންސިލް ތާރީޚުގެ ތެރެއަށް. ތަކުބީރުގެ އަޑުން މާލެ ގުގުމާލައިފި.“ ޢަލީ ރަމީޒް ކުރެއްވި ޓުވީޓެއްގައިވެއެވެ.
މާލެ ސިޓީ ކައުންސިލުން އިސްލާމީ އުސޫލުތައް ކުރިއަށް ނެރުއްވީތީ އައްޝައިޚް ޢަލީ ޒައިދު ވެސް ވަނީ ސިޓީ ކައުންސިލުގެ އެންމެހައި މުވައްޒަފުންނަށް ޝުކުރު އަދާކުރައްވައިފައެވެ.
ތަކުބީރުގެ އަޑު މިއަދުގެ މެންދުރުފަހު 13:00 އިން 15:00 އަށް އަދި ރޭގަނޑު 20:15 އިން 22:00 އަށް ވެސް އިވޭނެއެވެ.