އަފްޣާން ރެފިއުޖީއަށް ފުރައްސާރަކޮށް އިސްލާމްދީނަށް ނަފްރަތުވެ ބަސްބުނި އެމެރިކާގެ ކުރީގެ އަސްކަރީ ފުލުހެއް 55 އަހަރަށް ޖަލަށްލާން ހުކުމްކޮށްފިއެވެ.
ތިންދުވަހުގެ ކޯޓު އަޑުއެހުންތަކަކަށްފަހު އެމެރިކާގެ އިންޑިއާނާ ސްޓޭޓްގެ ކޯޓަކުން ޖަލުހުކުމެއް ނެރެފައިވަނީ ޑަސްޓިން ޕަސަރެލީއާއި ދެކޮޅަށެވެ. އިސްލާމްދީނަށް ނަފުރަތުވެ ޕަސަރެލީ ދިން ހަމަލާގައި މަރާލާފައިވަނީ 32 އަހަރުގެ މުސްޠަފާ އައްޔޫބީ ނަމަކަށް ކިޔާ އަފްޣާނިސްތާނުގެ ރެފިއުޖީއެކެވެ. ބަޑިފަދަ ހަތިޔާރެއް ގެންގުޅުމުގެ ދައުވާ ސާބިތުވުމުން ޕަސަރެލީގެ ހުކުމުގެ މުއްދަތުވަނީ އިތުރުކޮށްފައެވެ.
ދެމީހުންގެ މެދުގައި މަގުމަތީގައި ހިނގައިދިޔަ ކުރިމަތިލުމަކަށްފަހު، ޕަސަރެލީވަނީ ހައިވޭގައި އައްޔޫބީގެ ފަހަތުން ދުއްވާ، އައްޔޫބީގެ ފަހަތުން އޭނާ ދިރިއުޅޭ ގެއަށް ގޮސްފައެވެ. އަދި އޭނާ ދިރިއުޅޭ އެޕާޓްމަންޓް ކޮމްޕްލެކްސްއަށް ގޮސް އިސްލާމްދީނަށް ނަފުރަތުގެ އެތައް ބަހެއް ބުނެފައެވެ.
އައްޔޫބީގެ ގަޔަށް ބަޑިޖަހައި މަރާލުމުގެ ކުރިން ”އަމިއްލަ ގައުމަށް އަނބުރާ ދޭ“ މިގޮތަށް ބުނެ ޕަސަރެލީ ހަޅޭލަވާފައިވާކަމަށްވެސް މަންޒަރު ދުށް ފަރާތްތަކުން ކޯޓުގައިވަނީ ބުނެފައެވެ.