މިނިވަން ނޫހުގެ ކުރީގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާނާއި ބްލޮގަރު ޔާމިން ރަޝީދު މަރައިލި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ ތިން މީހުންގެ ތެރެއިން އަޙްމަދު އިސްމާޢީލް (އަހަނދު) ބަންދުން ދޫކޮށްލައިފިއެވެ.
ރިޟްވާނާއި ޔާމީންގެ މަރުގެ މައްސަލާގައި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދައުވާ އުފުލާފައިވާ މއ.ފާގަފިލާގޭ އަޙްމަދު އިސްމާޢީލް ބަންދުން ދޫކޮށްލީ އިއްޔެގައެވެ.
ޝަރުތުތަކާއެކު އޭނަ ބަންދުން ދޫކޮށްލީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓައެވެ. އެކަމަކު ދޫކޮށްލީ ކޮން ސަބަބަކާހުރެ ކަމެއް އަދި ސާފުވާ ގޮތެއް ނުވެއެވެ.
މި މައްސަލާގައި ދެން ދައުވާކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބީ މ.ލެގޫންވިއު އިސްމާޢީލް ޢަބްދުއްރަޙީމް އާދަމް (އިސޫ) އާއި ދަފްތަރު ނަންބަރު 8499 އަޙްމަދު މުޢާޒު (ގަޓު މުއާ) ގެ މައްޗަށެވެ.
އިސްމާޢީލް ޢަބްދުއްރަޙީމް އާދަމްގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދައުވާ އުފުލާފައިވާއިރު އަޙްމަދު މުޢާޒުގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ.
މި ތިން މީހުންގެ މައްޗަށް ދައުވާކުރަނީ 2014 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ރިޟްވާން ރަހީނުކޮށް މަރާލުމަށްޓަކައި 2014 ވަނަ އަހަރުގެ ތެރޭގައި ރިޟްވާނަށް ފާރަލައި ރިޟްވާން ރަހީނުކޮށް މަރައިލި މައްސަލައިގައެވެ.
މީގެ އިތުރުން ޔާމީންގެ ބްލޮގްގައާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އިސްލާމްދީނާ ފުށުއަރާ ވާހަކަތައް ލިޔެ ޕޯސްޓުކުރަމުން ގެންދާކަމަށް ބުނެ 23 އޭޕްރީލް 2017 ދުވަހުގެރޭ އަނިޔާވެރިގޮތަކަށް ޔާމީން ރަޝީދު މަރާލުމަށްޓަކައި 2017 ވަނަ އަހަރުގެ ތެރޭގައި ޔާމީން ރަޝީދުއަށް ފާރަލައި ޔާމީން ރަޝީދު މަރައިލި މައްސަލައިގައެވެ.