ތިލަފަތަށް 2018 ގައިދިން ވޯޓްގެ ނަތީޖާ، މިއަދު ބާޒާރުގައި ޑޮލަރެއް 17.80 ރުފިޔާ!

Loading

Facebook
Twitter
WhatsApp


ތިލަފަތުގެ ވެރިޔަކީ ކާކުކަން ނޭގޭވަރަށް ތިލަފަތް ވެރިކަމުގެ ކޮޅަށް ބަރުކޮށްފިއެވެ. 2018 ގައި ވީ ހުރިހާ ވަޢުދެއް ހަނދާންނެތި ހިގައްޖެއެވެ. އެކަމަކު އިތުރު 5 އަހަރުގެ ދައުރަކަށްއެދި ވަޢުދު ގޯނީގެ ތުން މޮހެލައިފިއެވެ. 

ވަޢުދު ގޯނީގައި މިފަހަރު ހުރިއެއްޗެއް ތިލަފަތުގެ އަހުލުވެރީންނަށް ވެސް ނޭނގެއެވެ. ނަމަވެސް މިފަހަރު ތިލަފަތުގެ ވެރިޔާ ވިދާޅުވަނީ ވެރިކަން އަލުން އަތުލެވޭނެ ފޯމިއުލާ އެބައޮތް ކަމަށާއި އެއީ ނަތީޖާ ނެރެވޭނެ ފޯމިއުލާއެއް ކަމަށެވެ.

އެހެންވެ އަހުރެން ވެސް މި އަވަސްވެގަތީ އެ ފޯމިއުލާ ހޯދުމަށެވެ. މިއަދުގެ ތިލަފަތުގެ ވެރިޔާއާއި ކުރީގެ ތިލަފަތުވެ ވެރިޔާ މިހާރު ހަމަ ކަނޑިޔާ ކަނޑިޔޭ ގިނަބަޔަކު އެބަ ބުނެތެވެ. އެހެން ދިމާވާން ޖެހުނު ސަބަބަކީ ކުރީގެ ތިލަފަތުގެ ވެރިޔާއާއި މިހާރު ތިލަފަތް ރަހުނު ކޮށްގެން ނަމަވެސް އެ ތިލަފަތް އަތުލެއްވި ވެރިޔާ ދެމީހުންވެސް ވެރިކަމުގެ ދަހިވެތި ކަމުގެ ކޯޅުމެވެ. މިއީ ތިލަފަތުގެ އަހުލުވެރީންވެސް ގަބޫލުކުރާ ޙަގީގަތެކެވެ.

ސުވާލަކީ މި ތިލަފަތަކީ ކޮންކަހަލަ ތިލަފަތެއް ހެއްޔެވެ. ކުރީ ޒަމާނުގައި ވޯރާވިޔާފާރިވެރީން ދިވެހީން އަތުން ހިކިމަސްގަތުމަށް ގެންގުޅުނުކަހަލަ އެއްކޮޅަށް ބުރަކޮށްފައިވާ ވައްކަން ކުރުމަށްޓަކައި ރޭވީގެން ރައްޔަތުންގެ ޚަޒާނާ ލޫޓުވައިލުމަށް ތައްޔާރުކުރެވުނު އައު އީޖާދީ އެއްޗެއްހެއްޔެވެ؟

ތިލަކޮށް ބުނާ ބައެއް މީހުން ބުނެއުޅޭހެން ސީދާ ވަގުހަދައިގެން ރައްޔިތުންގެ ޚަޒާނާއާއި މުދަލުން ވައްކަން ކުރުމަށް ތައްޔާރުކުރެވުނެ މަސްކިރާ ވަގު ކައްޓާއެކެވެ. ނުވަތަ މިނޫންގޮތަކަށް ތިލަކޮށް ބުނެލަން ދިވެހީންނަށް ފަސޭހަ ތިލަފަތެއް ހެއްޔެވެ؟ 2005 ކުން ފެށިގެން އެތިލަފަތުގެ ހާމުދުރު ކުލައިގާ އުޅެފީމެވެ. 

މިއަދު ގަބޫލުކުރަން ޖެހުނު ޙަގީގަތަކީ އެ ކުލަރިގެ ދަށުން ނުވަތަ އެ ބްރޭންޑްގެ ދަށުން ގެނެވުނު ”ޑިމޮކްރެސީ“ އަކީ ގައުމަށް ޖެހުނު ބޮޑުވޭނަކާއި މުސީބާތެކެވެ.

ގައިމުވެސް އެ ތިލަފަތުން ހަމަޔަށް ކިރައިފައި ޙައްގު ލިބިދިން މީހަކު ދިވެހި ރާއްޖެއަކު ނެތެވެ. އެ ތިލަފަތުން ކިރައިގެން ހަމަހަމައަށް ނުވަތަ އިތުރަށް ލިބިފައިވަނީ ތިލަފަތުން ކިރުމުގެ ބާރުލިބިފައި ހުންނަ ވެރިޔާއަށެވެ. 

ގިނައިން ކިރިފައިވަނީ ހަމަ ކައްޓާ މައްޗަށް އެއްފައިލައިގެންހުރެ ކިރީމާ ވާނެ ގޮތަށެވެ.

ދިވެހި މަސްވެރިޔާ ހަމަޔަށް ކިރައިގެން ގެންގޮސް އެ ވޯރާ ވިޔާފާރިވެރިޔާއަށް ކިރާ ހިކިމަސް ކިލޯގައި ކިލޯ ހަމަވާ ފަހަރަކާ ދިމާވެފައެއް ނެތެވެ. ހަމަ އެގޮތަށް ދިވެހި ތާރީޚު ހެކިދޭ ގޮތުން ބޮޑު ސްޓޯރަށް މަސްކިރުމުގެ ކުރީކޮޅުގައި ވެސް ފެނިގެން ދިޔައީ އެގޮތަށް ރައްޔަތުމީހާ އަތުން 100 ގުރާމުން ވަރު ނަމަވެސް ފޭރެމުން ދިޔަތަނެވެ.

އެކަމަށް އިންސާފު ލިބުނީ ކުރީގެ ރައީސް އިބްރާހިމް ނާސިރަށް އެފަދަ ފޭރުންތައް ހިންގަމުން ދާކަން އެނގިވަޑައިގެން ދެއްވެވި އިންޒާރަކުން ކަމުގައި ބުނާތީ އަޑުއަހަމެވެ.

ތިލަފަތުގެ މަކަރުވެރިކަމާއި ޙީލަތްތެރި ރޭވުންތަކާއިހުރެ ތިލަފަތުގެ ޗޭނުގަނޑުގެ ބޮޅުތައް ތަންމިނަށް އަނގަ ހުޅުވިއްޖެއެވެ. އަދި ތިލަފަތްވަނީ އަލުން މިނެކިރަން ބޭނުން ނުކުރެވޭވަރަށް އޭގެ ޒާތުގައި ވެސް ދަބަރުޖަހާ ހަލާކުވެފައެވެ. އެހެނަސް މިކަން އެނގޭ ވެރިންތިބީ ލޯކަނު ބީރު އަދި ބައެއްފަހަރަށް މަންމަން ބަޔަކަށްވެފައެވެ.

ވަރަށް ފޮނި އުންމީދުތަކަކާއި އެކު އެމީހުން ވީ ވަޢުދުތައް އަޑުއަހައި ރައްޔިތުން އާނދޮގޭ ކިޔާފަ ހޮވި ޚާދިމު މީހާ ދެވަނަދައުރަކާއި ހެދި ބުއްދިފިލައި ހިނގައްޖެކަމަށް އެންމެ ގާތުގައި އުޅުނު ތިލަފަތުގެ އަނެއްފަޅީގެ އަހުލުވެރީ މިއަދު ތަންމިނަށް ގޮވައި ނަގަނީއެވެ. ސޯޝަލް މީޑިޔާ ބަލައިލުމުން އަނބުރައިގަންނަވަރު ވެއެވެ. ދެފަރާތުގެ އަހުލުވެރީ އެ ގޮވާ ނަގަނީ ލަދެއްނެތް ޙަޔާތާއި ކުނިފުޅައެވެ.

2018 ގެ ތިލަފަތުގެ އެއްވެސް ވަޢުދެއް ފުއްދިފައެއް ނެތެވެ. ޑޮލަރުން މަސްވެރީންނަށް ޙައްގު މިންވަރު ލިބިދޭން ވެސް ވަޢުދުވިއެވެ. ދެން އެހެންގޮސް ވެވުނު ވަޢުދުތައް ގިނަކަމުން އެބައިމީހުން ހަނދާނެއްވެސް ނެތެވެ. އެމީހުން ބުނާގޮތުގައި އެ އޯކޭ ވާނެއެވެ. 

އެހެނީ ރައްޔިތުމީހާއަށް ކުރިން އަހަރެމެންވީ ވަޢުދުތައް ހަނދާންކޮށް އެކަމަކާ ނޫޅޭނެގޮތަށް އަވަސް އަވަހަށް 2023 ގެ ވަޢުދުފޮށި ބާރަށް ޖަހަން ވީއެވެ. އޭރުން 2018ގެ ވަޢުދުތައް ހަނދުމަނެތިދާނެއެވެ. 2008 ގެ ވަޢުދުފޮށި ވާހަކަ 2018ގައި ވެސް ނުދައްކާނޫން ހެއްޔެވެ. ތިލަފަތުގެ އަހުލުވެރީން ބުނެއެވެ.

މުޅިޔަކުން އެއީ ތެދެއްނޫނެވެ. ދަހިވެތި އިންސާނާ ވަރަށް ރޭވުންތައް ރާވާނެތެވެ. އެހެނަސް ތަކުރާރުކޮށް ގައުމުގެ ވެރީންނަށް (ޔަޢުނީ ރައްޔިތުން) ނަށް ދޮގާއި އޮޅުވާލުމާއި މަކަރާއި ޙީލަތްތެރިކަން އިސްކުރުމުން އެ ރޭވުންތައް ބިލާހަކަށްވެ ދެއެވެ.

ދެކެބަލާށެވެ! ތިލަފަތް އެވަނީ ދެބައިވެފައެވެ. ދެބައިވުމަށްފަހު މި އެނގިގެން ދިޔައީ ތިލަފަތުގެ ކަށިވަނީ ލޮކް ކޮށްފައިކަމެވެ. އެހެންވުމުން ކިތަންމެ ވަރަކަށް ވަގު ފައިސާ އެޅިޔަސް ރައްޔިތުންގެ ބައިތުލްމާލު އެޅިޔަސް ތިލަފަތުގެ ކަށި ދައްކަނީ ހަމަހަމަ ކަމަށެވެ. 

ތިލަފަތް ދެކަފިވުމާއިއެކު މިއަދު މިވަނީ ދޮގު ވަޢުދުތަކާއި މެދު ރައްޔިތުންގެ ސުވާލުތައް ގިނަވެފައެވެ. ޖަވާބު ދެވޭނެގޮތެއް ނެތެވެ. ދެ ފެކްޝަނުން ވެސް ބަދުނާމުކުރަނީ އަނެއްކޮޅެވެ. 

ތިލަފަތުން ވެފައިވާ ބޮޑު އެއް ވަޢުދު ހަދުމަނެތޭހާ ދުވަހެއް އަދި ނުވެއެވެ. ކޮންމެ ޑޮލަރެއްގެ ފަހަތުގައި ފުލުހަކު ބަހައްޓައިގެންނަމަވެސް ޑޮލަރުގެ ވަގުބާޒާރު ހުއްޓުވާނަމޭ ބުނެ ވީ ވަޢުދަކީ ބޮޑު ޖޯކަކަށް މިއަދު މިވަނީ ވެފައެވެ. ސީދާ ބޮޑުންނާއި ބޭންކުތަކާއި ރެގިއުލޭޓްކުރާ ބޮޑީތަކުން ލޯކަނު އަދި ބީރުކަމަށް ހެދިތިބެ މިވަނީ ދުވަހަކު ރާއްޖޭގައި ނުއުުފެދޭ ވަރުގެ ވަގު ޑޮލަރު މާކެޓެއް އުފައްދާފައެވެ.

ސީދާ ޑޮލަރުން އާމްދަނީ ލިބޭ ބަޔެއްގެ އަމިއްލަ ފައިދާއާއި ވެރިކަން ކޮށްދޭން ޙަވާލުވި ބަޔެއްގެ ނުލަފާ ނުބައިކަމުންނެވެ. ޑޮލަރުން އާމްދަނީ ލިބޭމީހާ ވަގުބާޒާރުގައި ޑޮލަރުތައް ވިއްކައިލުމުން ޑޮލަރަކުން 2 ރުފިޔަ 38 ލާރި ލިބެއެވެ. 

އެހެންވުމުން ބޭންކްތަކުން ވެސް އެމީހުންގެ ގާތް ކަސްޓަމަރުން ލައްވައި ދުވާލަކު ވަކި ޢަދަދެއްގެ ޑޮލަރު ވަގު މާކެޓަށް ނެރެނީއެވެ. އެހެނީ އޭގެ ފައިދާއިން ބަޔެއް ބޭންކު މެނޭޖަރާއި މެނޭޖްމަންޓްގެ ބައެއް މީހުނަށް ލިބެމުން ދާތީއެވެ.

ގިނަމީހުން ދެކޭގޮތުގައި މިހާރުގެ ތިލަފަތުގެ ވެރިޔާއަށް ވާނުވާވެސް ނޭގެނީއެވެ. އޭނާ ވަނީ ވަރަށްބޮޑަށް “ ބިޒީ “ ކޮށްލައިފައެވެ. އޭނާގެ ވަށައިގެންތިބީ ދެވަނަ ދައުރެކޭ ގޮވައި ހުވަފެން ދައްކައިގެން އަވަސް މަންފާއެއް ހޯދަން ބޭނުންވެފައި ތިބި ދަރަނިބޯ ތަކަކާއި ދީންވިއްކާ މީހުންކޮޅެކެވެ. އެހެނަސް މިއީ ގަބޫލުކުރަން ދަތި ވާހަކައެކެވެ.

އެހެނީ ކޮންމެ ޑޮލަރެއްގެ ފަހަތުގައި ފުލުހަކު ނުބަހައްޓައި އެކަން ގާނޫނާއި ގަވާއިދުތެރެއިން ހަމަޖައްސަން ނޭނގޭވަރުގެ މީހެއްކަމަށް ގަބޫލެއް ނުކުރެވެއެވެ. ތިލަކޮށް ބުނާނަމަ އޭނާޔަކީ ވިޔާފާރިވެރިއެކެވެ. 

ސޭޓްމެން ކަހަލަ “ ހުޝިޔާރު “ ވިޔާފާރިވެރިޔަކަށް ނުވިޔަސް ވިޔާފާރީގައި ވާނުވާ އެނގޭނޭ މީހެކެވެ. ނޭނގުމަކީ ވެސް މައްސަލައެއް ނޫނެވެ. އެހެނީ އެނގޭމީހުން ކުރެން އަހައިގެން އޮޅުންފިލުވައިގެން ދުނިޔޭގައި ވިޔާފާރީގެ މިފަދަ ކަންކަންކުރާ ގޮތް ހޯދައި އެގޮތަށް ހަމަޔަކަށް އެޅުވޭނޭކަމަށް ގަބޫލުކުރަން ޖހޭނެއެވެ.

އެންމެ އަޖާއިބުވާން ޖެހެނީ ޑޮލަރުގެ އަގު 80/17 އަށް އަރައިގެންގޮސް މި ޙައްޖު މޫސުމުގަޔާއި ސްކޫލް ބަންދު ދުވަސްވަރު ރައްޔިތުންތައް ރާއްޖޭން ބޭރަށް ޗުއްޓީއަށާއި ބޭސްފަރުވާއަށް ދަތުރުކުރާނެކަން އެނގިހުރެމެ ހިރުވާތަން ކަހާވެސް ނުލިކަމެވެ.

ހެދޭނެގޮތާއި ހަދާނެގޮތް ވެސް ވަނީ ތިލަފަތުގެ ވެރިޔާ އަރިހު ދަންނަވާފައެވެ. އެއީ އެހެން ގައުމު ތަކުގައިވެސް ނަތީޖާ ނެރެފާވާ ފޯމިއުލާތަކެވެ.

އިކޮނޮމިކް ދަތިތައް ކުރިމަތިވެ ޑޮލަރުގެ ދަތިކަން ގައުމުތަކަށް ދިމާވުމުން އެ ގައުމުތަކުން ޢަމަލުކޮށްފައިވަނީ ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކާއި ކުންފުނިތަކަށް ލިބޭ ޑޮލަރު އާމްދަނީގެ %50 އެ ބަޔެއްގެ ވިޔާފާރީގެ މުޢާމަލާތު ހިންގާ ބޭންކަން އެކްސްޗޭންޖް ކުރުން މަޖުބޫރު ކުރުވާފައި ވެއެވެ. 

އެގޮތުން އެތެރެވާ ކޮންމެ ރެމިޓެންސެއްގެ މަދުވެގެން %50 ބޭންކަށް މާރުކުރުމުން އެބޭންކުން ޢާންމުނަށް ޑޮލަރު ލިބިދިނުމަށެވެ. 

އަދި ވަގަށް ބޮޑު އަގުގައި ވިއްކާ ފަރާތްތަކާމެދު ހެދިފައިވާ ގާނޫނާއި ގަވާއިދުތައް ހިންގުމާއި މަނީ ޗޭންޖަރުންނަށް ދޫކުރެވިފައިވާ ލައިސެންސްގެ ނާޖާއިޒު ފައިދާ އެމީހުން ނަގަމުން ގެންދޭތޯ ރެގިއުލޭޓް ބޮޑީ އިން ބެލުމެވެ.  ސަރުކާރެއްގެ ބޭނުމަކީ މިއީނޫނތޯއެވެ؟

މިއީ މިހާރު ތިލަފަތާއި ޙަވާލުވެ ހުރި މީހާޔަށް ނުކުރެވޭވަރު ބޮޑު ކަމެއްތޯއެވެ؟ ނަމަވެސް އެމީހާވަނީ ޑޮލަރުން އިންކަމް ލިބޭ މީހުންގެ މުށުތެރޭގައި ތާށިވެފައި ކަމަށްވާނަމަ އޭނާޔަކަށް ރައްޔިތުންނަށް ކޮށްދެވޭނެ މާބޮޑު ކަމެއް ނޯންނާނެކަން ގަބޫލުކުރަމެވެ. 

ބުނާތީ އަޑުއިވެނީ އެބައިމީހުން ދައުލަތަށް ޑޮލަރުން ދައްކަންޖެހޭ ޓެކްސް ފައިސާ ވެސް ވަގުބާޒާރުގައި ޑޮލަރު ވިއްކާފައި ރުފިޔާއިން ދެއްކޭނޭ ގޮތް، ”ދީލަތިފުޅުކަމުން“ ހައްދަވާދެއްވާފައިވާ ވާހަކައެވެ. ހެޔޮފުޅުކަމުގެ ހައްދެއް އެބައޮތްތޯއެވެ؟ 

ގަބޫލުކުރަން ޖެހޭ ޙަގީގަތަކީ ތިލަފަތް ފުނޑުނަސް ގައުމުގައި ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ފުއްދައިގެން ސަލާމް ނުޖަހާ ރައްޔިތުމީހާއަށް އުޅެވެން ޖެހޭނޭކަމެވެ.

ރީނދޫ ފޮތިގަނޑެއްގައި ތިލަފަތެއް ޖަހައިގެން އުންމީދުތަކެއް ދީ ރައްޔިތުންނަށް އެތަކެއް ވަޢުދުތަކެއް ވެގެން ރައްޔަތުން އެވަޢުދުތައް ގަބޫލުކޮށް ރުހުމާއިއެކު ވެރިކަންވަނީ ލިބިދީފައެވެ. ވީއިރު ތިލަފަތަށްވުރެ ރައްޔިތުންނަށް އަބަދުވެސް ބޭނުންވާނީ ގައުމެވެ.

2023 ގެ ވަޢުދު ގޯންޏާ ހެދި ކަންބޮޑުވެ ހާސްވަނީ މިފަދަ ދޮގު ވަޢުދުތަކާއިހެދިއެވެ. މިނެކިރުމުގައި މަކަރުހަދައި އޮޅުވާލާ ތިލަފަތެއް ފުނޑިގެން ދިއުމަކީ މައްސަލައެއް ނޫނެވެ!


Loading

3 Responses

  1. dolaruge agu tha ekanitha mathivee. jazeeraa raajjje ey kiyaigen mi gendhiyee minikaa raajj akah. thilafathah vote elheemaa baithulmaalah alhan jehey hurihaa ehcheh alhany sikkage gey thijooree a

  2. ވައްކަން ކުރުމާއި މަކަރާ ހީލަތްތެރިވުމަކީ އިސްލާމްދީނާއި ދިވެހިރާއްޖޭގެ ގާނޫނުތަކުން މަނާކޮށްފައި ހުރި ކަންތަކެވެ. އިލްމުވެރިން ވިދާޅުވަމުން ގެންދާގޮތުގައި އިސްލާމީ ޝަރީއަތުގައި އެކަންކަމަށް ބޮޑު އަދަބު ވަނީ ކަނޑައަޅުއްވާފައެވެ. ގާނޫނުގައި އެއޮތީ ޑޮލަރު ގަނެ ވިއްކޭނެ އަގު ކަނޑައަޅާފައެވެ. އެކަން އެގޮތަށް ހިންގުން ކަށަވަރުކުރަން ރައްޔިތުންގެ ފައިސާއިން ބޮޑު މުސާރަ ދީފައި އެތައް ފެންވަރެއްގައި އެތިބީ ނޯކަރުން ބައިތިއްބާފައެވެ. ނޫސްތަކުގައި ގާނޫނާ ޚިލާފަށް ޑޮލަރު އަގު އަރަމުންދާ ވާހަކަ ނެތް ދުވަހެއް މަދުވާނެއެވެ. ގިނަ ކުއްތައް ކުރެވެމުންދާއިރު އެކަން އެނގޭ މީހުންގެ ފަރާތުން ކަމާބެހޭ ފަރާތްތަކަށް ސިއްރުކޮށްގެން ތިބުންވެސް ގާނޫނުން މަނާ ކުރެއެވެ. އެހެންވީމާ ގައުމުގެ ކަންތައްތައް އިސްލާމްދީނާއި ގާނޫނުގައި ވާފަދައިން ހިންގުމަށް ހަވާލުކޮށްފާތިބިމީހުންނަށް ވަގު ޑޮލަރުގެ މާރކެޓް ހިނގަމުންދާގޮތް އެނގޭ އިރު އެކަން ހަމަމަގަށް ނޭޅުވުމުން އަދަބު ނުލިބޭގޮތަށް ހިމާޔަތް ލިބިފައި އެތިބެނީ ކީއްވެގެން ހެއްޔެވެ ؟ މިއީ ކޮންކަހަލަ ވެރިކަމެއް ކުރާ ގައުމެއްތޯ ހިތުގައި ސުވާލު އުފެދެއެވެ. ޑިމޮކްރެސީ އަކީ މިއީ ބާވައެވެ.

  3. ހަމަ ހުރިހާކަމެއް ބޮއްސުންލީއެވެ. 2008 ގައި ޙަވާލުވީމާ ޑޮލަރ 19.20 އަށް އަރައިގެން ދިޔައީ. މޮޅު ޢުދުވާން ދަންނާނެ. ކަންކުރަން ނުފެންނަނީ. ވެރިކަން ބޭނުންވަނީ ކޮންމެފަދަ ދޮގުތަކެއް ހަދައިގެން ނަމަވެސް.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް