“ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީ“ (ޖޭޑީޕީ) ގެ ނަމުުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް އިލެކްޝަން ކޮމިޝަނުން މިއަދު ހުއްދަ ދީފިއެވެ.
މި ހުއްދަ ދިނީ, 2017 ވަނަ އަހަރުގެ މާޗުމަހު ބަންގްލަދޭޝްގެ ރާޖްޝާހީ ސިޓީގައި ހުންނަ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖުގެ ހޮސްޓެލްގައި މަރުވި ދިވެހި މޮޑެލް ރައުދާ ޢާޠިފްގެ ބައްޕަ, މ.ފެހިވިނަ ޑރ.މުޙައްމަދު ޢާޠިފަށެވެ.
މީގެ ދެ އަހަރު ކުރިން މި ދުވަހުގައި ޑރ.ޢާޠިފް ވަނީ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ވެސް އިއުލާނުކުރައްވައިފައެވެ.
“އަޅުގަނޑުމެންގެ ޓީމުން ބުނަނީ އިންތިޚާބަށް ކުރިމަތިލާން ވިސްނާއިރު ޕާޓީއެއް ރަޖިސްޓްރީ ކުރުމަށްފަހު ނިކުންނަން. ދެން އެގޮތުން ޕާޓީ އުފައްދަން ނިންމީ.“ “ސަންދާނު“ އަށް މައުލޫމާތު ދެއްވަމުން ޑރ.އާޠިފް މިރޭ ވިދާޅުވިއެވެ.
ޑރ.ޢާޠިފް ވިދާޅުވީ އަންނަ ޖުލައި މަހުގެ ތެރޭގައި 3,000 މެންބަރުންގެ ސޮޔާއެކު ޕާޓީ ރަޖިސްޓްރީ ކުރަން ހުށަހަޅުއްވަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ސިޔާސީ ދާއިރާގައި ކުރިން މަސައްކަތް ކުރައްވާފައިވާ ބައެއް ބޭފުޅުންނާއި ތައުލީމީ ގިނަ ބޭފުޅުންތަކެއް ތިއްބެވީ އެ ޕާޓީއާ ގުޅިވަޑައިގަންނަވާ ގޮތަށެވެ.
މިއަހަރުގެ ރިޔާސީ އިންތިޚާބު ބާއްވަން ނިންމާފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ. އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ ޖުލައި 23 އިން އޮގަސްޓު 3 އަށެވެ.
ޑރ.ޢާޠިފް ވިދާޅުވީ އޭގެކުރިން ޕާޓީ ރަޖިސްޓްރީ ނުކުރެވުނު ނަމަވެސް, އަމިއްލަ ގޮތުން ވެސް އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށާއި އެ ނިންމެވުމަށް ބަދަލެއް ނުގެންނަވާނެ ކަމަށެވެ. އަދި އެއާއެކު ޕާޓީ ހެދުމުގެ މަސައްކަތްތައް ވެސް ކުރިއަށްދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
އާ ޕާޓީއެއް އުފެއްދުމުގެ ހުއްދަދީފައިވާއިރު, “ދަ ޑިމޮކްރެޓްސް“ ގެ ނަމުގައި ޕާޓީއެއް އުފެއްދުމަށް މިދިޔަ މަހުގެ 24 ވަނަ ދުވަހު އީސީއިން ވަނީ ހުއްދަދީފައެވެ. ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ އިސްވެ ހުންނަވައި އެ މަނިކުފާނުގެ ލަފާފުޅާއި އިރުޝާދުގެ ދަށުން އުފައްދާ ޑިމޮކްރެޓްސްއިން މިހާރު ވަނީ 3,560 މެންބަރުން ސޮޔާއެކު ޕާޓީ ރަޖިސްޓްރީ ކުރަން އީސީއަށް ހުށަހަޅާފައެވެ.
އީސީގެ ދަފްތަރުގައި މިހާރު ހިމަނާފައިވާ ޕާޓީތަކާއި 21 ފެބުރުވަރީ 2023 ގެ ނިޔަލަށް އެ ޕާޓީތަކުގައި މެންބަރުން ތިބި އަދަދު:
1.މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) :57,660
2.ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) :38,704
3.ޖުމްހޫރީ ޕާޓީ (ޖޭޕީ) :22,607
4.މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) :10,386
5.މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) :9838
6.އަދާލަތު ޕާޓީ (އޭޕީ) :9786
7.ޕީޕަލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) :3159
8.މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) :3016
9.މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) :2981
ސިޔާސީ ޕާޓީއެއްގައި މަދުވެގެން 3,000 މެންބަރުން ތިބެން ޖެހެއެވެ. އެމްއާރްއެމްގައި އެ އަދަދަށް މެންބަރުން ހަމަނުވާތީ
އީސީއިން ވަނީ އެ ޕާޓީ އުވައިލަން ނިންމައިފައެވެ. އެކަމާ ދެކޮޅަށް އެމްއާރްއެމްއިން ސިިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން, މިދިޔަ މަހުގެ 28 ވަނަ ދުވަހު އެ ކޯޓުން ވަނީ އެމްއާރްއެމް އުވައިލަން ނިންމި ނިންމުމަށް އަމަލުކުރުން 30 ދުވަހަށް މަޑުޖައްސައިލުމަށް އަމުރުކޮށްފައެވެ. އެ އަމުރު މުރާޖައާ ކުރުމަށް ކޯޓަށް ހުށަހެޅުމަށް އީސީއިން ވަނީ ނިންމައިފައެވެ.
3,000 މެންބަރުން ހަމަނުވާތީ މި އަހަރުގައި ވަނީ އިތުރު ދެ ޕާޓީއެއް ވެސް އުވާލައިފައެވެ. އެއީ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އާއި, ދިވެހިރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އެވެ. ސިޔާސީ ޕާޓީގެ ދަފުތަރުން އެ ދެ ޕާޓީ އުނިކުރީ މިދިޔަ މާޗުމަހުގެ 15 ގައެވެ.
One Response
ނަފްސާނީ މައްސަލައަށް ބޭސްކުރުން ސިޔާސީ ޕާޓީހެދުމަށްވުރެ މުހިންމު