ޑިމޮކްރެޓްސްގެ މެންބަރުންނަށް ބިރުދައްކަމުންދާ ކަމަށް ބުނެ ހުށަހެޅި ގަރާރު ބޭރުކޮށްލައިފި

Loading

Facebook
Twitter
WhatsApp

 ”ދަ ޑިމޮކްރެޓްސް“ އަށް ސޮއިކޮށްފައިވާ މީހުންނަށް ސަރުކާރުން ބިރުދައްކަމުންދާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.

މި މައްސަލަ ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފެވެ.

ޑިމޮކްރެޓްސްއަށް ސޮއިކުރި މީހުންގެ ލިސްޓް އިލެކްޝަން ކޮމިޝަނުން އާންމު ނުކުރަނީސް އެ ލިސްޓު ލީކުވި މައްސަލައެއް ޑިމޮކްރެޓްސްއިން ވަނީ އެ ކޮމިޝަނަށާއި ފުލުހުންނަށް ވެސް ހުށަހަޅާފައެވެ.

އެކަމާ ގުޅިގެން ޙަސަން ހުށަހެޅުއްވި ގަރާރުގައި ވިދާޅުވީ ޕާޓީ އުފައްދަން އީސީއަށް ހުށަހެޅި ފޯމުތަކުގައިވާ މީހުންގެ މައުލޫމާތު ވަގަށް ހޯދައި އެ މައުލޫމާތު ބޭނުންކޮށްގެން ސަރުކާރުން އެ މީހުންނަށް ބިރުދައްކަމުން ދާ ކަމަށެވެ.

ސަރުކާރުން އެކަން ހިންގަނީ ފުޅާ ދާއިރާއެއްގައި ކަން ފާހަގަކުރައްވައި ޙަސަން ވިދާޅުވީ ސަރުކާރުގެ މިނިސްޓަރުންނާއި ކުންފުނިތަކުގެ ވެރިންނާއި ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ގެންދަވަނީ އެ މުޑުދާރު އަމަލު ހިންގަވަމުން ކަމަށެވެ.

ސްޓޫޑަންޓް ލޯނާއި ގޯތި ނުވަތަ ފުލެޓަށް ހުށަހަޅާފައިވޭތޯ ބެލުމަށްފަހު އެކަން ބޭނުންވާނަމަ ޑިމޮކްރެޓްސްއަށް ކޮށްފައި އޮތް ސޮޔަކީ ސައްހަ ސޮޔެއް ނޫންކަމަށް އީސީގައި ބުނުމަށް އެ މީހުންނަށް އަންގަމުންދާ ކަމަށް ވެސް ޙަސަން ވިދާޅުވިއެވެ. އަދި މިކަމުގައި އެންމެ ލަދުވެތި ހިތާމަވެރިކަމަކީ މިފަދަ އަނިޔާވެރި އަމަލުތައް މިއަދު ހިންގަވަމުން ގެންދަަވަނީ އެމްޑީޕީގެ އެތައް ހާސް މައުސޫމް މެމްބަރުންގެ ނަމުގައި އުފެދިފައި އޮތް ސަރުކާރެއްގައި ހުންނެވި އެމްޑީޕީގެ ރައީސުލްޖުމްހޫރިއްޔާ ކަމަށްވާތީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ކަންކަން ހުއްޓާލުމަށް ގޮވާލައްވައި ހުށަހެޅުއްވި ގަރާރު ބަލައިގަންނަން ވޯޓު ދެއްވީ 16 މެންބަރުންނެވެ. މައްސަލަ ބަލައިނުގަތުމަށް 33 މެންބަރަކު ވޯޓު ދެއްވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް