މިއަހަރުގެ ފުރަތަމަ ކުއާޓާގައި 10,000 އަށްވުރެ ގިނަ ވެހިކަލުގައި ފުލުހުން ސްޓިކާ ޖަހައިފިއެވެ.
ފުލުހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިއަހަރުގެ ފުރަތަމަ ތިން މަހުގައި 10,617 ވެހިކަލެއްގައި ފުލުހުން ވަނީ ސްޓިކާ ޖަހައިފައެވެ.
ސްޓިކާ ޖެހި ވެހިކަލްތަކުގެ ތެރޭގައި ހިމެނެނީ 5093 ސައިކަލާއި 3979 ކާރާއި 853 ޕިކަޕާއި 475 ވޭނާއި 107 ޖިޕާއި 111 ޓްރަކެވެ.
މީގެއިތުރުން ގަވާއިދާ ޚިލާފުވެގެން 543 ސައިކަލަކާއި 40 ކާރާއި 13 ބައިސްކަލާއި 08 ޕިކަޕާއި 7 ވޭނާއި 3 ބެޓެރީ ސައިކަލު ވަނީ ޓޯ ކޮށްފައެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުން ސަސްޕެންޑްކޮށްފައި ވަނިކޮށް ވެހިކަލް ދުއްވައިގެން 248 މީހަކު ހިފެހެއްޓިއެވެ. އަދި ލައިސަންސާ ނުލައި ވެހިކަލް ދުއްވި 824 މީހަކު ހިފެހެއްޓިއެވެ.
ހަމައެހެންމެ މިންގަނޑަށްވުރެ ބާރަށް ދުއްވައިގެން 443 މީހަކު ހިފެހެއްޓިއިރު މޯބައިލް ފޯނު ހިފައިގެން ދުއްވަމުންދިޔަ 243 މީހަކު ހިފެހެއްޓިއެވެ.
އަހަރުގެ ފުރަތަމަ ކުއާޓާގައި ގިނަ އަދަދެއްގެ ވެހިކަލުގައި ސްޓިކާ ޖަހާފައިވާއިރު ގަވާއިދާ އެއްގޮތަށް އަދި ގޭގެގައި ބަހައްޓާފައި ހުންނަ ސައިކަލުތަކުގައި ފުލުހުން ސްޓިކާ ޖަހާފައިވާ މައްސަލަތަކެއް ވެސް މީގެކުރިން ފެންމަތިވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ވެހިކަލްތައް ޕާކުކުރާނެ ޖާގަ ނުދައްކައި ޖޫރިމަނާ ނުކުރާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ޕާކިންގ ކުރުމުގެ ކަންކަމަށް އަދިވެސް އެކަށީގެންވާ ހައްލެއް ނުލިބޭކަމަށް ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ.