“ހަސަން ކުރުސީ“ ގެ އަސްލު ހޯދަން ނަޝީދު ޕޮލިހަށް

Loading

Facebook
Twitter
WhatsApp

“ހަސަން ކުރުސީ“ ގެ ނަމުގައި ބޭނުން ކުރަމުން އަންނަ ޓުވިޓާ އެކައުންޓުގެ ވެރި ފަރާތް ހޯއްދެވުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ފުލުހުންގެ އިދާރާއަށް މައްސަލަ ހުށަހަޅުއްވައިިފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދަށް ފޮނުއްވި ސިޓީއެއްގައި ރައީސް ނަޝީދު ވިދާޅުވީ “ހަސަން ކުރުސީގެ ނަމުގައި ހިންގާ ޓުވިޓާ އެކައުންޓަކީ އަޅުގަނޑުގެ އެކައުންޓެއް ކަމަށް ބައެއް ފަރާތްތަކަށް ހީކުރެވި އެތަކެއް އޮޅުން އަރާ އެކަމުގެ ސަބަބުން އަޅުގަނޑަށް އިންތިހާއަށް ގެއްލުން ލިބެމުން“ ދާ ކަމަށެވެ.

“އެހެންކަމުން މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެ ޓްވިޓާ އެކައުންޓުގެ އަސްލު ހޯއްދަވައި ދެއްވުމަށް އެދި ދެންނެވީމެވެ.“ ސިޓީގައިވެއެވެ.

“ހަސަން ކުރުސީ“ ގެ ނަމުގައި ހިންގާ ޓުވިޓާ އެކައުންޓަކީ ނަޝީދު ބޭނުންކުރައްވާ ވަގު އެކައުންޓެއް ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރަމުން އަންނައިރު, މީގެކުރިން ނަޝީދު ވަނީ އެއީ އެމަނިކުފާނުގެ އެކައުންޓެއް ނޫން ކަމަށް ވިދާޅުވެފައެވެ.

“ހަސަން ކުރުސީއަކީ އަޅުގަނޑުގެ ބައެއް ލިޔުންތަކުގެ ހަގީގީ-ޚިޔާލީ ޝަޚުސެއް. އޭނައަކީ އަޅުގަނޑުގެ ތޮބިއްޔަތު ބަޔާންނުކޮށްދޭ ޝަޚުސިއްޔަތެއްކަމަށް ދަންނަވަން އުނދަގޫ. އެހެނަސް އޭނައަކީ ޖިސްމާނީ ގޮތުން އަޅުގަނޑެއް ނޫން.“

“އެޗް.ކޭ ގެ ނަމުގައި ސޯޝަލް މީޑިއާގައި ޝާއިއުކުރަނީ ހަމަކަށަވަރުން ވެސް އަޅުގަނޑެއް ނޫން.“

1999 ގައި ނަޝީދު ޝާއިއު ކުރެއްވި “ހިތާ ހިތުގެ ގުޅުން“ ވާހަކައިން ނަޝީދު އެ ވިދާޅުވާ ހަގީގީ-ޚިޔާލީ ކުރުސީ ފެނެއެވެ.

ނަޝީދު ވިދާޅުވީ ލިޔުމަކުން އުފެދުމު ޝަޚުސެއް މި ދަރަޖައަށް ދިރިގެންދާކަމީ ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އުފާވެވަޑައިގަންނަވާކަމަށް ނަޝީދު ވިދާޅުވިއިރު އެ އެކައުންޓަކީ ދީނަށް ހަޖޫޖަހައި މީހުންނަށް ފުރައްސާރަކޮށް ހަތަރުދަމު ޓުވީޓު ކުރަމުންދާ އެކައުންޓެކެވެ.

ނަޝީދަކީ މީގެ ކުރިން ވެސް “ފޮރުވިގެން“ ހުންނަވައި އެކިއެކި ނަންނަމުގައި އެކައުންޓުތައް ބޭނުންކުރެއްވި ބޭފުޅެކެވެ. އެއިން އެއް އެކައުންޓަކީ “އެލެކްސް އަހްމަދު“ އެވެ. ކުރިން އެއީ އެމަނިކުފާނުގެ އެކައުންޓެއް ނޫންކަމަށް ވިދާޅުވި ނަމަވެސް ފަހުން ވަނީ އަމިއްލަ އެކައުންޓެއްކަމަށް އެއްބަސްވެވަޑައިގެންފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް