ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް, ޗީފް އިންޓަރނަލް އޮޑިޓަރުގެ މަގާމަށް ހއ.ފިއްލަދޫ ނިއުސްޓަރ ފާޠިމަތު ޞަލާޙާ އައްޔަން ކުރައްވައިފިއެވެ.
ޗީފް އިންޓަރނަލް އޮޑިޓަރުގެ މަގާމަށް ފާޠިމަތު ޞަލާޙާ އައްޔަން ކުރެއްވީ މި މަހުގެ 13 ގައެވެ.
ޞަލާޙާ މި މަގާމަށް އައްޔަން ކުރައްވާފައި ވަނީ މިނިސްޓަރުގެ ނައިބުންނާއި އެއް ފެންވަރުގައެވެ.
މި މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން ޞަލާޙާ ފުރުއްވަމުން ގެންދެވީ މިނިސްޓްރީ އޮފް ފިނޭންސްގައި ޗީފް އޮޑިޓް އެގްޒެކެޓިވްގެ މަގާމެވެ.
ޞަލާޙާ ވަނީ 2023 ވަނަ އަހަރު ޗާޓަރޑް ސެޓްފައިޑް އެކައުންޓެންޓު އޮފް މޯލްޑިވްސްގެ މެންބަރަކަށްވެފައެވެ. އަދި 2014 ވަނަ އަހަރުން ފެށިގެން ޞަލާޙާއަކީ އިނގިރޭސިވިލާތުގެ އެސޯސިއޭޝަން އޮފް ޗާޓަރޑް ސެޓްފިކެޓްޑް އެކައުންޓެންޓްސްގެ މެންބަރެކެވެ.
ޞަލާޙާއަކީ ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖަރުކަމާއި ފައިނޭންސް އެންޑް އެކައުންޓްސް މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި އޮޑިޓަރ ޖެނެރަލްގެ އޮފީހުގައި މެނޭޖަރ ފައިނޭންޝަލް އިންސްޓިޓިއުޝަންސް އޮޑިޓްގެ މަގާމު ވެސް އަދާކުރައްވައިފައިވެއެވެ.