ރައްޔިތުންގެ މަޖިލީހުގެ ކ.ގުރައިދޫ ދާއިރާއަށް މެންބަރަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންގެ ވޯޓުލުން ފަށައިފިއެވެ.
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި, ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި, މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ވާދަކުރާ މި އިންތިޚާބުގެ ވޯޓުލުން ފަށާފައިވަނީ މިއަދު 08:00 ގައެވެ. ވޯޓުލުން ކުރިއަށްދާނީ ހަވީރު 16:00 ގެ ނިޔަލަށެވެ.
ވާދަކުރައްވާ ކެންޑިޑޭޓުން:
ކެންޑިޑޭޓް ނަންބަރު 01: ޙުސައިން ރިޟާ، ޝީވީޑް/ކ.ގުރައިދޫ (ޕީޕީއެމް)
ކެންޑިޑޭޓް ނަންބަރު 02: އިބްރާހިމް ޝާޒް، ފައިވްރޯސް/ކ.ގުރައިދޫ. (އެމްޑީޕީ)
ކެންޑިޑޭޓް ނަންބަރު 02: ޢަލީ އަރީފް، ފިޔާތޮށިގެ/ކ.ގުރައިދޫ. (އެމްއެންޕީ)
މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ 3423 މީހުންނެވެ. ވޯޓުލުމަށް ޖުމްލަ 06 ފޮށްޓެއް ވަނީ ބަހައްޓައިފައެވެ.
ވޯޓު ފޮށިތައް ބަހައްޓާ މަރުކަޒުތައް:
1.ވޯޓުފޮށީގެ ނަންބަރު: H03.07.1
ވޯޓުފޮށީގެ ނަން: ކ.ގުޅި-1
ވޯޓުފޮށި ބަހައްޓާ ތަން: ގުޅީ ސްކޫލް
މި ފޮށްޓަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދު: 615
2.ވޯޓުފޮށީގެ ނަންބަރު: H03.08.1
ވޯޓުފޮށީގެ ނަން: ކ. މާފުށި-1
ވޯޓުފޮށި ބަހައްޓާ ތަން: މާފުށީ ސްކޫލް
މި ފޮށްޓަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދު: 731
3.ވޯޓުފޮށީގެ ނަންބަރު: H03.08.2
ވޯޓުފޮށީގެ ނަން: ކ. މާފުށި-2
ވޯޓުފޮށި ބަހައްޓާ ތަން: މާފުށީ ސްކޫލް
މި ފޮށްޓަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދު: 493
4.ވޯޓުފޮށީގެ ނަންބަރު: H03.09.1
ވޯޓުފޮށީގެ ނަން: ކ. ގުރައިދޫ-1
ވޯޓުފޮށި ބަހައްޓާ ތަން: ގުރައިދޫ ކައުންސިލް އިދާރާ
(މީޓިންގ ރޫމް)
މި ފޮށްޓަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދު: 515
5.ވޯޓުފޮށީގެ ނަންބަރު: H03.09.2
ވޯޓުފޮށީގެ ނަން: ކ. ގުރައިދޫ-2
ވޯޓުފޮށި ބަހައްޓާ ތަން: ގުރައިދޫ ޔޫތު ސެންޓަރު
މި ފޮށްޓަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދު: 618
6.ވޯޓުފޮށީގެ ނަންބަރު: T0.1
ވޯޓުފޮށީގެ ނަން: ބައި-އިލެކްޝަން, އަތޮޅު-މާލެ-1
ވޯޓުފޮށި ބަހައްޓާ ތަން: ޢިއްޒުއްދީން ސްކޫލް
މި ފޮށްޓަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދު: 451
އިންތިޚާބާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ.
ޝަކުވާ ހުށަހަޅާނީ އިލެކްޝަން ކޮމިޝަނުން އެކަމަށް ކަނޑައަޅާފައިވާ ”ޝަކުވާ/މައްސަލަ ހުށަހަޅާ ފޯމު“ މެދުވެރިކޮށެވެ. އެ ފޯމު އީސީގެ ވެބްސައިޓުން ލިބޭނެއެވެ. ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އީސީގެ ރަސްމީ އީމެއިލް މެދުވެރިކޮށެވެ. ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ވޯޓުފޮށިތަކުގެ ވަގުތީ ނަތީޖާ އިއުލާނު ކުރުމާ ހަމައަށެވެ.
މީގެއިތުރުން ވޯޓުލާ މަރުކަޒުތަކުގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށްޓަކައި ސީދާ ވޯޓު ފޮށީގެ ވެރިޔާއަށް ޝަކުވާ/މައްސަލަ ހުށަހެޅޭނެއެވެ.
ވޯޓު ގުނަން ފަށާނީ ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ތެރޭގައެވެ. ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 19 ވަނަ ދުވަހުއެވެ.
ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރަކަށް މީގެކުރިން ހުންނެވި އިބްރާހިމް ރިޟާ އަވަހާރަވުމާ ގުޅިގެންނެވެ. އިބްރާހިމް ރިޟާ އަވަހާރަވީ މިދިޔަ ފެބްރުއަރީ 23 ވަނަ ދުވަހު މެލޭޝިޔާގައެވެ.
މިއީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ބައި އިލެކްޝަނެއް ބާއްވާ ދެވަނަ ފަހަރެވެ. މީގެކުރިން ބާއްވާފައިވަނީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނެވެ. އެ އިންތިޚާބު ބޭއްވި އެ ދާއިރާގެ މެންބަރަކަށް ހުންނެވި ޙުސައިން ވަޙީދު އަވަހާރަވުމުންނެވެ.
05 ފެބްރުއަރީ 2022 ގައި ބޭއްވި އެ އިންތިޚާބުގައި ވެސް ވާދަކުރީ އެމްޑީޕީންނާއި ޕީޕީއެމްއިންނާއި އެމްއެންޕީއެވެ.
އާދައިގެ މަތިން ސަރުކާރުން ވަނީ މި އިންތިޚާބަށް ވެސް ނުފޫޒު ފޯރުވައިފައެވެ. އެގޮތުން އިންތިޚާބާ ދިމާކޮށް ގުރައިދޫ ދާއިރާގެ ރަށްރަށުގައި ބައެއް މަޝްރޫއުތައް ވެސް ވަނީ ފަށައިފައެވެ.
މީގެއިތުރުން ޑްރަގް ބެހުމާއި, ފައިސާ ބެހުމާއި, ވަޒީފާ ބެހުމާއި, ވަޒީފާގެ ބިރުދެއްކުމާއި, ދައުލަތުގެ މުދަލާއި ފައިސާ ކެމްޕޭނުގައި ބޭނުންކުރުންފަދަ ތުހުމަތުތައް ވަނީ ކުރެވިފައެވެ.