ލ.ހިތަދުއާއި ކުނަހަންދޫ ގުޅުވައިލާ ކޯޒްވޭގެ މަސައްކަތް އަވަސްކުރުމަށް ސަރުކާރަށް ގޮވާލައްވައި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފިއެވެ.
ސަޢީދުގެ ގަރާރުގައި ވިދާޅުވެފައިވަނީ ހިތަދުއާއި ކުނަހަންދުއަކީ މަސްވެރިކަމާއި ދަނޑުވެރިކަން ކުރާ ރައްޔިތަކު ދިރިއުޅޭ ދެ ރަށަށްވެފައި އެ ދެ ރަށުގެ ރައްޔިތުން އަބަދުވެސް އެއް ރަށުން އަނެއް ރަށަށް ދަތުރުކުރަންޖެހޭ ކަމަށެވެ. އެ ގޮތުން ދެ ރަށް ކޯޒްވޭއަކުން ގުޅުވައިލުމަކީ އިގުތިސާދީ އަދި އިޖުތިމާއީ ގޮތުން ރައްޔިތުންނަށް ފައިދާ ލިބޭނެކަމެއްކަން ގަރާރުގައި ފާހަގަކުރައްވާފައިވެއެވެ.
ހިތަދުއާއި ކުނަހަންދޫ ގުޅުވައިލާ ކޯޒްވޭގެ މަސައްކަތަކީ ރައީސް އިބްރާހިމް މުޙައްމަދުގެ ޞާލިޙްގެ ރިޔާސީ ވައުދެކެވެ.
ނަމަވެސް ވެރިކަމުގެ 5 އަހަރު ނިމިގެންދާއިރު މި ވައުދު ނުފުއްދޭކަން ގަރާރުގައި ފާހަގަކުރައްވާފައިވެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ދިމާކޮށް, ހިތަދޫ – ކުނަހަންދޫގެ ކޯޒްވޭގެ މަޝްރޫއު ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ މިދިޔަ ޖަނަވަރީ 22 ގައެވެ.
މި މަޝްރޫއުއަށް 81،22،471.36 ރުފިޔާ ޚަރަދުކުރާއިރު, މި މަސައްކަތް ނިންމުމަށް ދީފައިވަނީ 500 ދުވަހުގެ މުއްދަތެކެވެ.
މި މަޝްރޫއުގެ ދަށުން ހިތަދޫން އިން މެންދޫ – 157.5މ ބްރިޖުން ގުޅާލައި, މެންދޫ އިން ކުނަހަންދޫ – 157.5މ ބްރިޖުން ގުޅައިލާނެކަމަށް ސަރުކާރުން ވިދާޅުވެފައިވެއެވެ.
މި އަހަރުގެ ޖަނަވަރީގައި އެމްޓީސީސީއާ އެ މަސައްކަތް ހަވާލުކުރި ނަމަވެސް ކޯޒްވޭގެ އެއްވެސް މަސައްކަތެއް ކުރިއަށްނުދާތީ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދާކަމަށް ފާހަގަކުރައްވައި ސަޢީދުގެ ގަރާރުގައި ވަނީ މަސައްކަތް އަވަސްކުރަން ސަރުކާރަށް ގޮވާލައްވައިފައެވެ.
One Response
Saeedhuverikamugaie cozuvey otheehadhaidheefaehnoontha