ޢަރަބިއްޔާ ސްކޫލުގެ އާ ޢިމާރާތުގެ މަސައްކަތް ނުފެށި ލަސްވާތީ އެ ސްކޫލުގެ ބެލެނިވެރިން މިއަދު އިހުތިޖާޖުކޮށްފިއެވެ.
ޢަރަބިއްޔާ ސްކޫލުގެ އާ ޢިމާރާތް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ނިންމެވީ 2021 ވަނަ އަހަރު ޑިސެމްބަރުމަހުއެވެ.
އެ ޢިމާރާތް ހަދަން ނިންމީ ބާޖަމާލުއްދީނު ހުރި ބިމުގައެވެ. ސަރުކާރުން ކުރިން ބުނެފައިވަނީ މި އަހަރު އެ ޢިމާރާތް ނިމޭނެ ކަމަށެވެ.
ނަމަވެސް އަދިވެސް އެ ސްކޫލުގެ ބިންގާ ވެސް އަޅާފައެއް ނުވެއެވެ.
އެކަމާ ކަންބޮޑުވުން ފާޅުކޮށް ޢަރަބިއްޔާ ބެލެނިވެރިންނާއި މުވައްޒަފުން މިއަދު ވަނީ ތަފާތު ޝުޢޫރުތައް ފާޅުކޮށްފައިވާ ބޯޑުތައް ހިފައިގެން އިހުތިޖާޖުކޮށްފައެވެ.
“ދައުރު ނިމުމުގެ ކުރިން އަޅަން ވަޢުދުވި ޢަރަބިއްޔާ ކޮބައިތޯ“ އެކަކު ސުވާލުކޮށްފައިވެއެވެ.
މީގެއިތުރުން އެހެން މީހަކު ވަނީ ކުރިން ބުނި އެތި ކެންސަލްވީތޯ ސުވާލުކޮށްފައެވެ.
ހަމައެހެންމެ އެހެން މީހަކު ވަނީ ބިންގާ އަޅަން ލަސްވަނީ ވޯޓު ލާ ދުވަހުގެ ކުރީ ދުވަހަށްތޯ ވެސް ސުވާލުކޮށްފައެވެ. އަދި އެކަން ސިޔާސީ ނުކުރުމަށް ވެސް އޭނާ ގޮވައިލިއެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޢަރަބިއްޔާގެ ދަރިވަރުންނަށް ކިޔަވައިދެމުން އަންނަނީ ކުރިން ފޮރިން މިނިސްޓްރީ ހިންގި ޢިމާރާތުގައެވެ. އެ ތަނަކީ ދަރިވަރުންނަށް ކިޔަވައިދިނުމަށް އެއްގޮތަކަށް ވެސް އެކަށީގެންވާ ތަނެއް ނޫނެވެ.