އަންނަ މާޗު މަހުން ފެށިގެން އައިލެންޑް އޭވިއޭޝަންގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ނިންމައިފިއެވެ.
އައިލެންޑް އޭވިއޭޝަންގެ އަހަރީ ސްޓާފް ނައިޓްގައި އެކަން ހާމަކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު މިހާދެވެ.
ރޭ ބޭއްވި ހަފުލާގައި ދެއްކެވި ވާހަކައިގައި މިހާދު ވިދާޅުވީ އަންނަ މާޗު މަހުން ފެށިގެން ކުންފުނީގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ. އެ ބަދަލާއެކު މުވައްޒަފުން ޕެންޝަން ފަންޑުގައި ރައްކާކުރާ މިންވަރު އިތުރުވެގެންދާނެ ކަމަށް ވެސް މިހާދު ވިދާޅުވިއެވެ.
“މުވައްޒަފުންގެ ޓިކެޓަށް ދައްކާ ފިއުލް ޗާޖު މާޗުމަހުގެ 01 އިން ފެށިގެން ކަނޑާލަން ވަނީ ނިންމާފައި. އަދި މާޗުމަހުގެ 01 ވަނަ ދުވަހުން ފެށިގެން މުވައްޒަފުންގެ މުސާރައަށް ވެސް ހެޔޮ ބަދަލެއް ގެނައުމަށް ކުންފުނިން ވަނީ ނިންމާފައި.“
މީގެއިތުރުން މިހާދު ވިދާޅުވީ ކޮވިޑާ ގުޅިގެން ކަނޑައިލި ބައެއް އިނާޔަތްތައް އަލުން ދޭން ނިންމާފައިވާ ކަމަށެވެ. އެ ގޮތުން މުވައްޒަފުންނަށް ދެމުން އައި ޓިކެޓްގެ އިނާޔަތް އަލުން ދޭން ނިންމާފައިވާ ކަމަށް މިހާދު ވިދާޅުވިއެވެ.
އެ ބަދަލުތައް ގެންނަނީ އެ ކުންފުންޏަކީ ގާބިލު މުވައްޒަފުން މަސައްކަތް ކުރާ ތަނަކަށް ހެދުމުގެ ގޮތުން ކަމަށް މިހާދު ވިދާޅުވިއެވެ.
އައިލެންޑް އޭވިއޭޝަނަކީ ޤައުމީ އެއާލައިން މޯލްޑިވިއަން ހިންގާ ކުންފުންޏެވެ. ރާއްޖޭގައި އެންމެ ފުޅާކޮށް ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ދެނީ އެ ކުންފުނިންނެވެ.