ރާއްޖެއަށް ޑްރަގް ޓްރެފިކްކުރާ ބިދޭސީންނަށް އެއްވެސް އަދަބެއް ނުދީ ވަގުތުން އަނބުރާ ފޮނުވައިލެވޭ ގޮތަށް ގަވާއިދުގައި އޮތް މާއްދާ އުވައިލަން ގޮވާލައްވައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިނުގަތުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ވިޕެއް ނެރުނު ނަމަވެސް އެ މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސް ފަށައިފިއެވެ.
މި މަހުގެ 6 ވަނަ ދުވަހު ރާއްޖެއަށް 2.5 ކިލޯގެ ”ކޮކެއިން“ އެތެރެކުރި އަންހެނަކު ރާއްޖެ އެތެރެވިޔަ ނުދީ މޯލްޑިވްސް އިމިގުރޭޝަނުން ވަނީ އޭނާ އަނބުރާ ފޮނުވާލައިފައެވެ.
އޭނާ ފޮނުވައިލީ “ވައިގެ މަގުން ދިވެހިރާއްޖެއަށް އަންނަ ބިދޭސީއަކު ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ޝައްކުކުރެވޭ ހާލަތްތަކުގައި އެ ފަރާތަކާމެދު ޢަމަލުކުރާނެ ގޮތުގެ ގަވާއިދު“ އާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
އެ ގޮތުން އެ ގަވާއިދުގައިވާ ”މަސްތުވާތަކެއްޗާބެހޭ ޤާނޫނު“ އާ ތަޢާރުޒުވާ ބައިތައް އުނިކުރުމަށް ގޮވާލައްވައި ކުއްލި މައްސަލަ ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފެވެ.
“މި ވޯޓަށް އެހުމުގެ ކުރިން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން މި ކުއްލި މައްސަލަ ބަލައިނުގަތުމަށް ރެޑް ޖެހުމަށް ވިޕްލައިނެއް ނެރެފަ އެބައޮތް. އެހެންނަމަވެސް ޙަޤީޤަތުގަ ދިވެހިރާއްޖެއަށް މި ދިމާވެގެން އުޅޭ މައްސަލައަށް ބަހުސްކުރެވި މިއަށް ރަނގަޅު ގޮތްތަކެއް ހޯދުމަށް ބޭނުންވާ ގިނަ މެންބަރުންތަކެއް މިތާ ތިއްބެވީތީ އެ ހުރިހާ މެންބަރުންނަށް އަޅުގަނޑު ވަރަށް އިޚުލާސްތެެރިކަމާއެކީ ޝުކުރު ދަންނަވަން.“
މި ގަވާއިދު އިސްލާހުކޮށް މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ދަށުން އަދި ރާއްޖެއިން ބައިވެރިވެފައިހުރި ބައިނަލްއަގްވާމީ މުއާހަދާތަކުގައި ވެސް ބުނާ ގޮތަށް ރާއްޖެއަށް ޑްރަގް ޓްރެފިކްކުރާ މީހުންނާ ދޭތެރޭ އަމަލުކުރަން އޮންނަ ގޮތަކަށް އެ ގަވާއިދު ބަދަލުކުރުމަކީ ސަރުކާރުން ކުރަންޖެހޭ ކަމެއްކަމަށް ޙަސަން ވިދާޅުވިއެވެ.
“އެހެންނަމަވެސް އަޅުގަނޑު ހުށަހެޅީތީ އަޅުގަނޑުގެ ފިކުރު ވަކި ގޮތަކަށް ހުރީތީ މި މައްސަލަ ބަލައިނުގަތުމަށް ޕާލަމެންޓްރީ ގުރޫޕުން ރެޑް ވިޕްލައިން ނެރުނު ބޭފުޅުންނަކީ ޙަޤީޤަތުގަ އެއްވެސްކަމެއްގަ ސަރުކާރަށް ފަސޭހަވާނެ ގޮތަކަށް އަދި މި ސަރުކާރުން ކުރާ ކަންކަމަށް ބާރު ލިބޭނެ ގޮތަށް ތާއީދު ލިބޭނެ ގޮތަށް އަމަލުކުރަން ބޭނުންވާ ބޭފުޅުންނެއް ނޫން.“
އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ވިޕެއް ނެރުނު ނަމަވެސް ޙަސަން ހުށަހެޅުއްވި މައްސަލަ ބަލައިގަތީ ވޯޓުގައި ބައިވެރިވެވަޑައިގަތް 41 މެންބަރުންގެ ތެރެއިން 24 މެންބަރުންގެ ވޯޓާއެކުއެވެ. މައްސަލަ ބަލައިގަންނަން ނުފެންނަކަމަށް 16 މެންބަރަކު ވަނީ ވޯޓުދެއްވައިފައެވެ.
![]()
