އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް, ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ޖަލުން މިނިވަންވެވަޑައިގަންނަވައި އަލުން ވެރިކަމަށް “އަންނަނީ އަންނަނީ“ ކަމަށް ވިދާޅުވެ ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް (އަދުރޭ) ވަރަށް ފޯރީގައި ވާހަކަ ދައްކަވައިފިއެވެ.
ޕީޕީއެމް އޮފީސް ސަރަހައްދުގައި ރޭ ބޭއްވި އެއްވުމުގައި އަދުރޭ ވިދާޅުވީ ތަންމިނަން ހުޅުވާލައިފައި އޮތީ ޑިމޮކްރަސީއެއް ނޫން ކަމަށާއި އެހެން އެއްޗެއް ކަމަށެވެ.
“މިނިވަންކަން އޮތީ މުޒާހަރާ ކުރާކަށް ނޫން. މި ރާއްޖޭގަ މިނިވަންކަން އޮތީ މަސްތުވާތަކެއްޗަށް. މި ރާއްޖޭގަ މިނިވަންކަން އޮތީ އެއްޖިންސުން ގުޅުން ހިންގުމަށް. މި ރާއްޖޭގަ މިނިވަންކަން އޮތީ ތަފާތު ދީންތައް މިތާ ފަތުރަން. މި ރާއްޖޭގަ މިނިވަންކަން އޮތީ ވައްކަން ކުރުމަށް. މި ރާއްޖޭގަ މިނިވަންކަން އޮތީ ދައުލަތުގެ ހަޒާނާ ދަވައިލުމަށް.“ އަދުރޭ ވިދާޅުވިއެވެ.
މި ރާއްޖޭގައި މިނިވަންކަން އޮތީ ރާއްޖޭގެ މިނިވަން ގެއްލުވައިލާ އިންޑިއާގެ އަޅުވެތިކަމަށް ޤައުމު ގެންދިއުމަށް ބިންތަކާއި ކަނޑު ފަޅުތައް ވިއްކާ ހުސްކުރުމަށް ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި މި ރާއްޖޭގައިމިނިވަންކަން އޮތީ ގިރިގިރިއަށް މަތިމައްޗަށް ރޯމާ ދުވާލު އަރައި ބީހެން ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ މިވަނީ ދެބޯ ބުރާންޗަކަށް ވެރިކަން ލިބުނީމަ ވާނެ ގޮތް ކަމަށެވެ.
“މީނައަކަށް ނޭނގެ ދުވާލެއް ރޭގަނޑެއް ވަކިކުރާކަށް. މީނައަކަށްނޭނގެ އަންހެނެއް ފިރިހެނެއް ވަކިކުރާކަށް. މީނައަކަށްނޭނގެ ކުޑަކުއްޖެއް ބޮޑުމީހެއް ވަކިކުރާކަށް. މީނައަށް އެނގެނީ ވައްކަން ކުރަން. އެހެންވީމަ މިކިޔަނީ އަންނަނީ އަންނަނީ ޗޯރު އިބްރާހިމް އަންނަނީއޭ.“ އަދުރޭ ވިދާޅުވިއެވެ.
“އަޅުގަނޑުމެން މި ދަންނަވަނީ ފުލުހުންނަށް އިރާދަކުރެއްވިއްޔާ ރައީސް ޔާމީން އަންނަނީ އަންނަނީ ރައީސް ޔާމީން އަންނަނީ. އަންނަނީ އަންނަނީ އަދުލުއިންސާފު އަންނަނީ.
އަންނަނީ އަންނަނީ ތިޔާގިކަން އަންނަނީ. އަންނަނީ އަންނަނީ މިނިވަންކަން އަންނަނީ. އަންނަނީ އަންނަނީ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު އަންނަނީ. އަންނަނީ އަންނަނީ ސުލްހަވެރިކަން އަންނަނީ. އަންނަނީ އަންނަނީ އަމިއްލަވަންތަކަން އަންނަނީ. ގެންދަނީ ގެންދަނީ އިންޑިއާ މީހުން ގެންދަނީ.“
އަދުރޭ އިތުރަށް ވިދާޅުވީ މި ޗޯރު އިބޫގެ ވެރިކަމުގެ ނިމުމުގަ ސިއްކަ ޖަހާލާނީ ޣައްދާރު ބޮޑު ސިއްކައިން ކަމަށެވެ.
ފޮޓޯ: ޕީޕީއެމް