ވ.އަތޮޅު ވެމްޕަރު ފަޅު ހުޅަނގު އުތުރު ކަނޑުން ފެނުނު ހަށިގަނޑުގެ ސާމްޕަލް ނެގުމަށްފަހު ވަޅުލާފައިވާ ކަމަށް ފުލުހުން މިއަދު ވިދާޅުވެއްޖެއެވެ.
ފުލުހުން މިއަދު ވިދާޅުވީ މިދިޔަ ޖެނުއަރީ 2 ގައި ފެނުނު ހަށިގަނޑުން ފުލުހުންގެ ތަޙްޤީޤަށް ބޭނުންވާ ސާމްޕަލް ނެގުމަށްފަހު ހަށިގަނޑު ވަޅުލާފައިވާ ކަމަށެވެ. އަދި އެ މައްސަލަ އިތުރަށް ތަޙްޤީޤު ކުރަމުން އަންނަ ކަމަށެވެ.
ވ.އަތޮޅު ކަނޑުން އިންސާނެއްގެ ހަށިގަނޑު ފެނުނީ ވިލިމާލެއިން ތެޔޮބޯޓެއްގައި ފުރި ދެ މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށެވެ.
އޭރު ގެއްލިގެން ހޯދީ ގދ.ތިނަދޫ/މަނާރު, ޢުމުރުން 45 އަހަރުގެ މުޙައްމަދު ނިޒާމާއި, ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޢުމުރުން 35 އަހަރުގެ މޮހައްމަދު ލިޓަންއެވެ.
ލިޓަން އަދި ފެނިފައެއް ނުވެއެވެ. ނަމަވެސް އޭގެފަހުން ނިޒާމް މާލޭގައި އުޅެނިކޮށް ފެނިގެން ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ. އޭނާއަށް ކުރަނީ މަރުގެ މައްސަލައެއްގެ ތުހުމަތެވެ.
ނަމަވެސް ފުލުހުން އެ މައްސަލައާބެހޭ އިތުރު ތަފްސީލެއް ނުދެއްވައެވެ.