މިދިޔަ އަހަރުގެ އޮގަސްޓުމަހުގައި އަނިޔާވެރި ގޮތަކަށް މަރައިލި ފުވައްމުލަކު/ކުރި, މަރްޔަމް ޝިއާއު މުޙައްމަދު ސަޢީދު (ޝިއާ) ގެ މަރުގެ މައްސަލައިގެ ޝަރީޢަތް އަންނަ އާދިއްތަ ދުވަހު ފަށާ ގޮތަށް ކްރިމިނަލް ކޯޓުން ހަމަޖައްސަވައިފިއެވެ.
މި މައްސަލައިގެ ޝަރީޢަތް ކުރިއަށް ގެންދަވަން ނިންމަވާފައިވަނީ ސިއްރުކޮށްގެންނެވެ. ސިއްރުކޮށްގެން ޝަރީޢަތް ކުރިއަށް ގެންދަވަން ކޯޓުން ނިންމަވާފައިވަނީ ދައުލަތުން ވެސް އެކަމަށް އެދިފައިވަނިކޮށެވެ.
މިދިޔަ އޮގަސްޓު ހަވަނަ ދުވަހުގެ ރޭ ހ.ޝީރީންވިލާގެ ނުވަވަނަ ފަންގިފިލާގައި ތޫނު އެއްޗަކުން ހަމަލާދީ ޢުމުރުން 22 އަހަރުގެ ޝިއާއު މަރައިލި މައްސަލައިގައި ދަޢުވާ އުފުލާފައިވަނީ ފ.ނިލަންދޫ ފިނިފެންމާގޭ ޢަލީ ސާހިލްގެ މައްޗަށެވެ.
ރާއްޖޭގެ އެއް ނަންބަރު ސްކޭޓާ ސާހިލްގެ މައްޗަށް ފަސް ދަޢުވާއެއް ވަނީ އުފުލައިފައެވެ.
އޭނާއަށް އުފުލާފައިވާ ދަޢުވާތައް:
01 – ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ.
02 – އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދަޢުވާ.
03 – ކެނަބިސް ބޭނުންކުރުމުގެ ކުށުގެ ދަޢުވާ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަޙްމަދު ޝަފީޢު ކުރިން ވިދާޅުވީ ސާހިލްގެ މައްޗަށް އިތުރަށް އުފުލި ދެ ދަޢުވާގެ ތަފްސީލު މި ވަގުތަށް ހާމަކުރެއްވެން ނެތް ކަމަށެވެ.
ޝިއާއު މަރައިލި ފަހުން ވެސް އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައިވާކަން ޕޯސްޓްމޯޓަމް ރިޕޯޓުން އެނގެއެވެ.
“އަޅުގަނޑުމެންނަށް ކަށަވަރުކޮށް ދަންނަވަން އެނގޭ އެއްކަމަކީ ޝިއާއު މުޙައްމަދު މަރުވި ފަހުން ވެސް އޭނައަށް ބައެއް ކަހަލަ އަނިޔާތައް, ހަށިގަނޑަށް ބޮޑެތި އަނިޔާތައް ދީފަވާކަން.“ ފުުލުހުން މީގެ ކުރިން ވިދާޅުވިއެވެ.
މި މައްސަލައިގައި ޢުމުރުން 23 އަހަރުގެ ސާހިލް ހައްޔަރުކުރީ ކުށުގެ ވެށިންނެވެ. ހާދިސާ ހިނގިއިރު އޭނާ ދިރިއުޅެމުންދިޔައީ ވެސް ހ.ޝީރީންވިލާގެ ނުވަވަނަ ފަންގިފިލާގައެވެ.
ފުލުހުން ވިދާޅުވި ގޮތުގައި ޝަރީޢަތް ނިމެންދެން ބަންދުގައިހުރި ޝާހިލްގެ މައްޗަށް ކުށް ސާބިތުވާ ވަރަށް ހެކި ވަނީ ލިބިފައެވެ.