ދިވެހިރާއްޖޭގެ މިޒަމާނުގެ ޖީލުތަކަށް ދިވެހިރާއްޖޭގެ ތާރީޚް ކިޔަވައިނުދިނުމުގެ އެންމެބޮޑު އަޞްލަކީ ދިވެހިރާއްޖޭގެ ދަރީންގެ ކިބައިގައި ޤައުމިއްޔަތު ފުހެލުމެވެ. އެކަމުގެ އެއްހެއްކަކީ ހުރަވީ ދުވަސްކިޔާ ދުވަހުގެ އަޞްލަކީ ކޮބައިކަން ރަނގަޅަށް ކިޔަވައި ނުދިނުމެވެ. އެހެން ޤައުމުތަކުގައި ސްކޫލް ކުދީންނަށް އެޤައުމުތަކުގެ ތާރީޚް ކިޔަވައިދެއެވެ. އެއީ އެޤައުމުތަކުގެ ޤައުމިއްޔަތާއި ޡަޤާފަތް ދިރުވުމަށްޓަކައެވެ. އަދިވަކީން ނުރައްކާތެރިކަމަކީ ޤައުމުގެ ރައްޔިތުންނަށް ތަޢުލީމުގެ ފުރުޞަތު ނުދިނުމެވެ.
ދިވެހިރާއްޖޭގައި ހުރާގޭ މޮހޮނދުން ފެށިގެން ފަރީދޭ ޙަސަނަކީ (ޙަސަން ފަރީދު) އާހަމައަށް މިކަން ދެމިގެން ދިޔައެވެ. ހުރާގޭ އެހެންމީހުނާ ޚީލާފަށް ފަރީދޭ ޙަސަނަކީ އެޒަމާނުގައި ދިވެހީން ތަޢުލީމު ޙާޞިލު ކުރާން އުޅުމުން، އެފަދަ މަސައްކަތެއް ކުރާ މީހަކަށް ނުހަނު ބޮޑެތި އަދަބުތައްދީ ކިޔަވާން ގެންގުޅުނު ފޮތްތައް އަންދާ ހެދި މީހެކެވެ.
އެހެންކަމުން ޖުމާދަލްއާޚީރާ ގެ 3 ވަނަ ދުވަހަކީ އެއްވެސް ޙާލެއްގައި ހުރާގޭ މީހުންނަށް ޚާއްޞަ ދުވަހެއް ނޫނެވެ. މިދުވަހަކީ ދޮންބަންޑާރައިން އޭރު ދިވެހި ޤައުމަށް ދިމާވެފައިވާ އެންމެ ބޮޑު މުސީބާތް ކަމުގައިވާ މަލާބާރީންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތް ކުރެއްވި ދުވަހެވެ. ޖުމާދަލްޢާޚިރާ މަހުގެ 3 ވަނަ ދުވަހާ ހުރާގޭ ހުރަވިންނާ އެއްވެސް ގުޅުމެއްނެތެވެ. އެތައް ގޮތަކުންނެވެ.
ދޮންބަންޑާރައިން އަވަހާރަވުމުން ފަސްދާނުވެޑުވުނީވެސް ދިޔަމިގިލީ ޒިޔާރަތެއްގައެވެ. ދޮންބަންޑާރައިން ރަސްކަމަށް އިސްވަންދެން ދިޔަމިގިލީ ދެކަމަނާއެއްގެ ނަންފުޅުގައި ރަސްކަން ހިންގިއެވެ. އަދި ދޮންބަންޑާރައިން ތަޚުތުގައި އިންނަވަނިކޮށް މަލާބާރީން ގެންދިޔަ ވަލީއަޙުދު ގަދަވެ ސަލާމަތުން ރާއްޖެއައުމުން އިހުހުރި ޢިއްޒަތް ދެއްވައި ދޮންބަންޑާރައިންނަށްފަހު އެވަލީއަހުދަށް ވެރިކަމުގެ ބައިތު ހިއްޕެވިއެވެ. އަދި ދޮންބަންޑާރައިންގެ ދަރީންނަށް ރަސްކަމާ ނުބެހުމަށް ވަޞިއްޔަތްވެސް ކުރެއްވިއެވެ. ދޮންބަންޑާރައިންނަކީ ވަކި ޝަހުޞިއްޔަތެކެވެ.
ދޮންބަންޑާރައިންނަށް ބޮޑުބޭބެ ކިޔާ ހުރާގޭ މޮހޮނދު ( ފަހުން އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން 2 ވަނަ ސިރީ ބޮވަނަ މަހާރަދުންނެވެ. ) ވެރިކަމުގެ ދަހިވެތި ކަމުގައި ދޮންބަންޑާރައިންގެ ވަޞިއްޔަތުގައި ކޮޅުފައިންޖަހާ ދިޔަމިގިލީ ދަރިކޮޅުގެ ވެރިކަން ނިމުމަކަށް ގެނައީ އައްސުލްޠާން ޣާޒީ މުޙައްމަދު ޣިޔާޘުއްދީން ސިރީ ކުލަ ރަންމަނި ކީރިތި މަހާރަދުންގެ ވެރިކަން ބަދަލުކޮށްގެންނެވެ.
ނަންގަނެވުނު ރަސްކަން ނިމުމަކަށް އައީ އެރަދުން ރަސްކަމުގައި 7 އަހަރާއި 35 ދުވަސް ހޭދަކުރެއްވުމަށްފަހު ޙައްޖަށް ފުރާވަޑައިގަތުމުން ގެނެވުނު ބަޣާވާތަކުންނެވެ. މިނަންގަނެވުނު ހުރާގޭ މޮހޮނދުއަކީ ޕޯޗުގީޒު ހުރަވީ ދަރިކޮޅުން އައި ޚާއިނެކެވެ. ބަޣާވާތެއްގެ ވެރިއެކެވެ. މިވަރުން ނިމުނީކީ ނޫނެވެ. އެރަދުން ހައްޖުގެ މަތިވެރި އަޅުކަން ނިންމަވާފަ މާލެ ވަޑައިގަތުމުން ކަޅުހިލަދައި އައްސާފަ ވާދޫކަނޑަށް ފައްތާ ޝަހީދުވެސް ކުޅައީއެވެ. ކޮންފަދަ ލާއިންސާނީ ޢަމަލެއް ތޯއެވެ؟
ދިވެހިރާއްޖޭގައި ވަރަށް ފަހަކާ ޖެހެންދެން ޢާއިލާތައް ބިނާކުރެވެމުން އައީ މައިފުށުގެ ޢާއިލާތަކަށް ބަލައިގެންނެވެ. ދޮންބަންޑާރައިންގެ މަންމާފުޅަކީ މުލަކުއަތޮޅު މުލީ އަންހެންކަނބަލެކެވެ. އެއީ މުލަކުއަތޮޅު މުލީ އަލްޚަތީބު މުޙައްމަދުގެ ކުޑަ އާމިނާ މަނިކުފާނެވެ. އެހެންކަމުން ދޮންބަންޑާރައިންނަކީ އެމަނިކުފާނުގެ ބައްޕާފުޅު ފަދައިން އަމާނާތްތެރި ޚުލްޤުހެޔޮ ބޭފުޅެއްކަން ތާރީޚް ހެކިދެއެވެ. މިކަން ވަރަށް ސާފުކޮށް ދިވެހިރާއްޖޭގެ ރަހުންނާއި ރަނީން / ހ. ހިކިފިނިފެންމާގޭ ނަސީމާ މުޙައްމަދު ކަލޭފާނު އަދި ދިވެހި ތާރީޚަށް އައު އަލިކަމެއް / ފުރަތަމަ ޗާޕު 1958-1966 މިދެފޮތުގައި ލިޔުއްވާފައި ވެއެވެ.
ދޮންބަންޑަރައިންގެ ގެކޮޅުވެސް ނިސްބަތްވަނީ މުލީއަށެވެ. އެއީ މުލީގެ އެވެ. މިހާރުގެ މުލީއާގެ އެވެ. މަޝްހޫރު ގޮތުންނަމަ ދޮންބަންޑާރައިންނަށް އޭރު ނިސްބަތް ކުރެވެނީ މުލީގޭ ދޮން ޙަސަންމަނިކުފާނު މިހެނެވެ. އެކަމަކު ހުރާގޭ މޮހޮންދު އަކީ ބަފާފުށުގެ ތަރުބިއްޔަތު ލިބިގެން، ޔައުނީ ހިލާލީ ދަރިކޮޅުގެ މުރުތައްދު 9 ވަނަ ޙަސަނުގެ ޕޯޗުގީޒު މަތިފުށުން މިޤައުމުގެ ޢަދުލުވެރިކަމާ އަދި ނަފާވެރިކަން ގެއްލުވާލަން މަސައްކަތް ފެއްޓި ބައިގަނޑެކެވެ.
ހުރަވީންނަށް ދުވަހެއް ހަމަޖެއްސީ ކުރީގެ ހުދުމުޚުތާރު ރައީސް މައުމޫން ހުރާދަރިކޮޅުގެ މީހުންގެ ތާއީދު ހޯދައިގެން ވެރިކަންކުރުމަށް ޖެހި މަޅިއެކެވެ. ދިރާސާ ކުރައްވާ ބޭފުޅުން ބައްލަވާށެވެ. އަޅުގަނޑު ކިޔަމުން މިއަންނަ ހުރާގޭގެ ފިރިހެން މަތިފުށް މިއަދު ކޮބައިތޯއެވެ. ބުނެވުނު ހުރާގޭ ބައިގަނޑު ބޭނުންވީ ދިޔަމިގިލީ ފިރިހެން މަތިފުށް ވުޖޫދުން ފުހެލުމަށެވެ. ރީތި ބަހުރުވައިން ބުނާނަމަ ދިޔަމިގިލީ ދަރިކޮޅުގެ ފިރިހެން މަތިފުށް ޤަތުލު އާންމަކުން ނައްތާލެވުނީއެވެ. އާޚިރުގައި ކަންވީ އޭގެ އިދިކޮޅަށެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރޭއްވެވުން މާމޮޅެވެ. ٱلْحَمْدُ لِلَّٰه .އެކަކު ފިޔަވައެވެ. އަމީރު އިބްރާހީމް ފާމުލަދޭރިކިލެފާނު ފިޔަވާނޫންތޯއެވެ؟ މިއަދު މިދިވެހިރާއްޖޭގެ ބަލައިލި ކޮންމެ ދިމާލަކުންވެސް ފެންނާނީ ދިޔަމިގިލީ ދަރިކޮޅުގެ ދަރީންނެވެ.
1887 ވަނައަހަރު ހުރާގޭ މޮހޮނދުގެ ދަރިފަސްކޮޅުންއައި އަތިރީގޭ ޚާއިނުން އެއިރު ތަހުތުގައި އިންނެވި ރަދުންގެ އިސްތަށިފުޅަށް ބަޑިދިމާކޮށްގެން އިނގިރޭސިންގެ ހިމާޔަތަށް ގެންދުވި މި ދިވެހިރާއްޖޭގެ މިނިވަންކަން ހޯއްދަވައި ދެއްވީ ދިޔަމިގިލީ ދަރިކޮޅަށް ނިސްބަތްވާ ބޭފޫޅެއް ކަމުގައިވާ ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާ އެވެ. މިހުރީ ހައްތާވެސް ހަމަ ފިލާވަޅެވެ.
ދިވެހިދަރީން ވިސްނާން ހުރި ކަންކަމެވެ. (އިނގިރޭސިންގެ ހިމާޔަތަށް މިޤައުމު ގެންދުވީ މާލޭގައި ހުޅުޖަހައިގެން އަތިރީގޭ އިބްރާހިމް ދޮށިމޭނާކިލެގެފާނު ކިޔާ މީހަކު ޝަރީޢަތް ކުރެވި ރާއްޖެތެރެއަށް އަރުވާލާފާ ހުރުމުގެ ސަބަބުން އެމީހާ މިނިވަން ކުރުމަށްޓަކައެވެ. އިނގިރޭސިންނަށް ދިވެހިރާއްޖެއަށް އާދެވުނީ އަތިރީގޭ މީހުންގެ ނުބައި ރޭވުމުން އެކިލެގެފާނު މިނިވަންކުރުމަށްޓަކައެވެ.)
މިއަދުގެ ސަރުކާރުން ހުރަވީ ދުވަސް ގެ ނަން ދޮންބަންޑާރައިންގެ ދުވަސް މިނަމަށް ބަދަލު ކުރާންޖެހެއެވެ. އަދި ޝަހީދު ކުޅަ ޣާޒީ ބަންޑާރައިންގެ ހަނދާނުގައި ސަލްޓަން ޕާކުގައި ރަމްޒެއް ބަހައްޓާން ޖެހެއެވެ. އެމަނިކުފާނުގެ ސިއްކަފުޅުތަކާ ނިޝާންތައް ރަމްޒު ކުރެވޭ ގޮތަށެވެ.
ރިފަރެންސް
ދިވެހިރާއްޖޭގެ ރަހުންނާއި ރަނީން / ހ. ހިކިފިނިފެންމާގޭ ނަސީމާ މުޙައްމަދު ކަލޭފާނު
ދިވެހި ތާރީޚަށް އައު އަލިކަމެއް / ފުރަތަމަ ޗާޕު 1958-1966 ދެވަނަ ޗާޕު 1980
2 Responses
ވަރަށް ހަރުދަނާ ލިއުމެއްކަމަށް ގަބޫލުކުރެވުމާއި އެކު ޖަވާބު ބޭނުންވާ ސުވާލެއް އޮތަތީ، ލިއުންތެރިޔާ އާއި ފޯނުން ގުޅާލެވޭނެނަމައޭ ހިތަށްއަރާ.
ކަނީރު ދޮންބެ އަށް ސަލާމް. އަޅުގަނޑު ބޭނުން ކުރަމުން އައި ނަން ބަދަލު ކުރާނަން. އެއްޒަމާނެއްގައި ލޯޖެހި ދެ ދޮންދީދީ އެއް ތިއްބެވި ނަމައިގެން އެ ކަނބަލުން، ނޫނީ އެކަނބަލުންގެ ދަރީން ނޫޅުއްވަ. ހުރިހާ ކަމަކީވެސް ވިސްނުން.