މާލޭ ސިޓީގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒުގެ ނަމުގައި އަނެއްކާ ވެސް އެކި ފަރާތްތަކަށް ފޭކް މެސެޖުތަކެއް ފޮނުވަމުންދާތީ އެކަމަށް ސަމާލުވުމަށް އެދިވަޑައިގަންނަވައިފިއެވެ.
މޭޔަރު މުޢިއްޒުގެ ނަމުގައި ފޭކް މެސެޖުތައް ފޮނުވަމުންދަނީ އެ މަނިކުފާނުގެ އަމިއްލަ ފޯނު ނަންބަރު ބޭނުންކޮށްގެންނާއި އެސްއެމްއެސްއާއި ވައިބަރގެ ޒަރީޢާއިންނެވެ.
މޭޔަރު މިއަދު ވިދާޅުވީ އޭނާގެ ނަމުގައި ފޭކް މެސެޖުތައް ފޮނުވަމުންދަނީ ރާއްޖޭގައި މިހާރު ހިނގަމުންދާ ސިޔާސީ ކަންކަމާ ގުޅުވައިގެން ކަމަށެވެ. މޭޔަރު ވަނީ އެ މައްސަލަ ފުލުހުންގެ އިދާރާއަށް ވެސް ހުށަހަޅުއްވާނެކަމަށް ވިދާޅުވެފައެވެ.
ޑރ.މުޢިއްޒުގެ ނަމުގައި މިދިޔަ ޑިސެމްބަރުމަހު ވެސް ފޭކް މެސެޖުތަކެއް ރާއްޖޭގެ އެކިއެކި ނޫސްވެރިންނަށް ފޮނުވަމުން ދިޔައެވެ. އެފަދަ މައުލޫމާތު ލިބިވަޑައިގަތުމުން ނޫސްވެރިން އެކަމަށް ސަމާލުވުމަށް ވެސް މޭޔަރު އެދިވަޑައިގަތެވެ. އެ މައްސަލަ މިހާރު ވަނީ ފުލުހަށް ހުށަހަޅުއްވައިފައެވެ.
ޑރ.މުޢިއްޒު ވަނީ އެފަދަ ފޭކް މެސެޖެއް ލިބިއްޖެ ފަރާތެއްނަމަ ލަސްނުކޮށް އެކަމުގެ ހަޤީޤަތް އެ މަނިކުފާނަށް އަންގަވައިދެއްވުމަށް ވެސް އެދިވަޑައިގަންނަވާފައެވެ.
ޑރ.މުޢިއްޒުގެ ނަމުގައި ފޭކް މެސެޖުތައް ދައުރުކުރަމުންދާއިރު ފަހަކަށް އައިސް މިފަދަ އަސްލެއް ނެތް މެސެޖުތައް އެކި ފަރާތްތަކުގެ ނަންނަމުގައި ފޮނުވުން ވަނީ ޢާންމުވެފައެވެ.