ހިޖުރައިން 957 އިން 958 އަށް ދިވެހިރާއްޖޭގައި ރަސްކަންކުރި ހިލާލީ ދަރިކޮޅަށް ނިސްބަތްވާ ނުވަވަނަ ޙަސަނުގެ ވާހަކައެވެ.
﴿وَمَنْ يَرْتَدِدْ مِنْكُمْ عَنْ دِينِهِ فَيَمُتْ وَهُوَ كَافِرٌ فَأُولَئِكَ حَبِطَتْ أَعْمَالُهُمْ فِي الدُّنْيَا وَالآخِرَةِ وَأُولَئِكَ أَصْحَابُ النَّارِ هُمْ فِيهَا خَالِدُونَ﴾ [البقرة 217] މާނައީ: “ ތިޔަބައިމީހުންގެ ތެރެއިން މުރުތައްދު ވެ، ކާފިރަކު ކަމުގައިވާ ޙާލު މަރުވާ މީހުންނީ، ދުނިޔެއާއި އާޚިރަތުގައި އެއުރެންގެ ޢަމަލުތައް އުވިގޮސްފައިވާ ބަޔެކެވެ. އަދި އެއުރެންނީ، ނަރަކައިގެ އަހުލުވެރިންނެވެ. އެއުރެން ދެމިތިބޭނީ، އެތާނގައެވެ.“ މިއެވެ.
ޤާނޫނުލް އުގޫބާތު (ޤާނޫނު ނަންބަރު 9/2014 އަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 22/2021 ގެ 1 ވަނަ މާއްދާ. “ މުރުތައްދުވުން “ ކަމަށް ބުނެފައި އެވަނީ، އަހުލުއްސުއްނަތި ވަލް ޖަމާއަތުގެ ދީނީ ޢިލްމްވެރިންގެ މެދުގައި އެ ޢަމަލަކީ މުރުތައްދުވުމުގެ ޢަމަލެއްކަމާމެދު ޚިލާފެއް ނެތް ޢާމަލެއް މުސްލިމަކު ކޮށްފިކަމުގައި ކަނޑައެޅުމަށް، އިސްލާމީ ޝަރީޢަތުގައި އޮންނަ އުޞޫލުން ކަމާބެހޭ ޝަރުޢީ ކޯޓަކުން އެކަން ސާބިތުކޮށް އެގޮތަށް ކަނޑައަޅާ ޙާލަތުގައެވެ.
ދިވެހިރާއްޖޭގެ ރަހުންނާއި ރަނީން މިފޮތުގައި 101 ވަނަ ޞަފުޙާގައި، ހ. ހިކިފިނިފެންމާގޭ ނަސީމާ މުޙައްމަދު ކަލޭފާނު ލިޔުއްވާފައިވަނީ އައްސުލްޠާން ޙަސަން (ނުވަވަނަ) ސިރީ ދިރިކުސަ ލޯކަ މަހާރަދުންނެވެ. މިއަކީ ދިވެހި ދައުލަތުންވެސް މިހާރުގެ ހެރިޓޭޖް މިނިސްޓްރީންވެސް އެކަމާ ދެކޮޅު ހަދާކަމެއްނޫނެވެ.
ސުވާލަކީ މިނަންގަނެވުނު 9 ވަނަ ޙަސަނު 1 އަހަރާއި 10 މަސް ދިވެހިރާއްޖޭގައި ވެރިކަން ކުރުމަށްފަހު ކޮއްޗޭ އަށް ގޮސް ނަޞާރާ ދީނަށް ވަނީމާވެސް ހަމަ ރަސްގެފާނުގެ ޢިއްޒަތް ތޯއެވެ؟ ޒިޔާރަތްތަކަށް ނަދުރު ބުނުން ގޯސް، މާލޫދު ކިޔެވުން ގޯސް، މިހެންގޮސް އެތަކެއް ބިދުއައެއް 1980 ގެ އަހަރުތަކުގެ ކުރީކޮޅުންފެށިގެން ނެތިދިޔައިރު، ބޮޑުތަނުން މުރުތައްދުވެފައިވާ މީހަކަށް އަދިވެސް ރަސްގެފާނުގެ ކޮލީނަމާއެކު އެންމެ މަތީދަރަޖައިގެ ބަހުރުވައިން މުޢާމަލާތު ކުރާންވީތޯއެވެ؟ އެހެންވިއްޔާ އަޅުގަނޑުމެންނަށް މިދަސްވީ ނުވަތަ އުނގެނުނީ ކޮންއެއްޗެއްތޯވެސް ސުވާލު ކުރެވެއެވެ؟
ކްރިސްޓިއަން ދީނުގައިވެސް އެބައިމީހުންގެ ރަސްރަސްކަލުން އެބައިމީހުންގެ ދީނުގައި ގޯސްކަމަށް ބުނާ ކަންކަން ކުރުމުން އެރަސްރަސްކަލުންގެ ޢިއްޒަތް ނުވަތަ ޓައިޓްލް އަތުލައެވެ. ހަމައެކަނި ކްރިސްޓިއަން ދީން އެކަންޏެއް ނޫނެވެ، އެހެނިހެން ދީންތަކުގައިވެސް ޢަމަލު ކުރެވެނީ މިފަދައިންނެވެ. އަޅުގަނޑުމެން ދިވެހީން އިސްލާމް ދީން ޤަބޫލު ކުރުމަށްފަހު ތާރީޚުގެ އެކިއެކި ޞަފުޙާ ތަކުގައި ލިޔެވިފައިވާ މިވާހަކައަށް ދިވެހި ދައުލަތުން އެއްވެސް ފިޔަވަޅެއް ނޭޅީ ކީއްވެތޯއެވެ؟ އަޑު އެހީމެވެ. ބަޣާވާތެއް ކުރިކަމުގެ ބަދުނާމު އަޅުވައި، ދިވެހިރާއްޖޭގެ މިނިވަންކަމުގެ ބާނީ ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރިކިލެގެފާނު ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާ ގެ ކޮލީ ޢިއްޒަތް 1978 އިން 2008 އަށް ޚުދުމުހުތާރު ރައީސްކަން ކުރި މައުމޫނުގެ ސަރުކާރުން އަތުލިއެވެ.
އިނގިރޭސި ވިލާތުގެ ރަސްކަންކުރެއްވި ކިންގް އެޑްވަރޑް 8 އޭނާގެ ރަސްކަމުގެ މަޤާމުން ވަކިވާން ޖެހުނީ ދެފަހަރު ވަރިވެފައިވާ މީހަކާ އިންނާން މަސައްކަތް ކުރުމުންނެވެ. އަޅުގަނޑު މިތާނގައި މިފާހަގަ ކުރަނީ އިސްލާމީ ދައުލަތެއްގެ ވެރިމީހާގެ މަޤާމުގައި ހުރެ ފާޅުގައި މުރުތައްދުވީ މީހެއްގެ ވާހަކައެވެ. އެހެންކަމުން 9 ވަނަ ޙަސަނަށް ދެވިފައިވާ ކޮލި ޢިއްޒަތް އަނބުރާ އަތުލުމާއި އޭނާއަށް މުޚާތަބު ކުރެވޭއިރު އެންމެ އާދައިގެ ބަސްމަގުން މުޚާތަބު ކުރުމަށްވެސް ގޮވާލަމެވެ.
އިސްވެދެންނެވުނު ކަންކަމަށް ނަޒަރު ހިންގާލާއިރު ބޮޑުތަނުން މުރުތައްދު ވެފައިވާ ކީހަކަށް ދޭނީ ކޮން ޤަދަރެއް ތޯއެވެ؟ ތާރީޚް ފޮތްތަކުގައި ހުރީވެސް 9 ވަނަ ޙަސަނު ނަޞާރާދީނަށް ވެދެވަޑައިގަތީ މިހެންނެވެ. ވެދިޔަތަނުން ޢިބްރަތް ލިބިގަތުމަށްޓަކައި ރަނގަޅުކުރާން ހުރިތަންތަން ތާރީޚުގެ ޞަފުޙާތަކުން ރަނގަޅު ކުރާން ޖެހެއެވެ. އެހެންނޫނީ އަޅުގަނޑުމެންނާ ފަހުން އަންނާނޭ ޖީލުތަކުން ސުވާލު ކުރާނެއެވެ. އުނގެނުމަކީ ދަސްވި އެއްޗެއްގެ ބޭނުން ހިފުމެވެ.
ރިފަރެންސް
ކީރިތި ޤުރުއާން ދިވެހި ތަރުޖަމާ
ޤާނޫނު ނަންބަރު 2014/9
ދިވެހިރާއްޖޭގެ ރަހުންނާއި ރަނީން / ހ. ހިކިފިނިފެންމާގޭ ނަސީމާ މުޙައްމަދު ކަލޭފާނު
ދިވެހި ތާރީޚަށް އައު އަލިކަމެއް / ފުރަތަމަ ޗާޕު 1958-1966 ދެވަނަ ޗާޕު 1980
2 Responses
އެތަކެއް ޤަރުނު ވެފައިވާ މިމައްސަލަ އަށް އަޅިއަޅުވާލެވުނީތީ ޝުކުރު އަރިސްކުރަން. މިހުންނަނީ މިހާރުގެ ޖީލުގެ މީހުން ރަނގަޅު ކުރާން ޖެހޭ ކަންކަމެވެ.
މިޤައުމުގައި ދީނުގައި ބޮޑުތަނުން ޝިރުކު ކަމުގައިވާ މުރުތައްދު ވީމާވެސް ދެނީ އެންމެ މަތީ ޢިއްޒަތް. މިކަހަލަ ކަންކަމާ ޝޭކު ޒައިދު، ޝޭކު އިޔާޒް، ޝޭކު އިމްރާން ބުނާނެ އެއްޗެއް ނޯވެއެވެ.