ފައިސާ ޗާޕުކުރަމުން ގޮސް އިތުރަށް ދަރަނިވެރިވީ ރައްޔިތުމީހާ ކަމަށް ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމްވެސް ވިދާޅުވެއްޖެއެވެ. ޝިޔާމް މިފަދައިން ވިދާޅުވެފައި ވަނީ ޑޮލަރުގެ ތާށިކަމާއި ގުޅިގެން ފޮނުންވި މެސެޖެއްގައެވެ.
އެމް.ޕީ ޝިޔަމު ވިދާޅުވީ ޑޮލަރުގެ ތާށިކަން އުޅޭތީ އެމް.އެމް.އޭ އަދި ބީ.އެމް.އެލް އަށް ގޮސް ވާހަކަ ދެއްކެވި ކަމަށެވެ. ”ގަވަރުނަރުވެސް މިހާރު ހީވަނީ ނަރަކަށް ބާރުކޮށްލާފަހުރިހެން. ކަންއޮތްގޮތް ހާމަކުރައްވަން ޖެހިލުންވެ ވަޑައިގެން ހުންނެވީ. މިއީ ރާއަޖެއިން ބޭރުގައި ދިރިއުޅޭ އެތައް ސަތޭކަ ދަރިވަރަކަށް ދެވޭ އަނިޔާއެއް.“ ކަމަށް ސިފަކުރެއްވިއެވެ.
މީގެއިތުރުން ކޮވިޑްގެ ކުރީގެ ޙާލަތަށް ރާއްޖޭގެ އިގްތިސާދު ގެނެވިފައި ވާކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައެވެ. ސުވާލަކީ އެހެންކަމަށް ވާނަމަ ޑޮލަރުގެ ތާށިކަން މިވަރަށް އުޅެނީ ކީއްވެތޯއެވެ. ޑޮލަރެއް ބާޒާރުގައި މިހާރު އުޅެނީ 17.40 ރުފިޔާއަށެވެ. އޮފިޝަލް ރޭޓަކީ 15.42 އެވެ. އެމްޑީޕީގެ ސަރުކާރުގެ ސިޔާސަތަކީ ކޮންމެ ޑޮލަރެއްގެ ފަހަތުގައި ފުލުހަކު ބަހަށްޓައިގެންވެސް ޑޮލަރުގެ ވަގުބާޒާރު އުފެދުނަ ނުދީ ރައްޔަތުންނަށް ބޭރުފައިސާގެ ދަތިކަން ނުބޭއްވުމެވެ.
ވާހަކަ ކިތަންމެހާވެސް މޮޅުކަމުގައި ވިޔާފާރިވެރިޔާ ޢަބުދުއްލާ ކިޔައިދިނެވެ. ދެންމިފަހަަރު ޒީރޯ ޓޮލަރރެންސްގެ ދަށުން މިވީގޮތް މިއޮތީ ފެންނަން ކަމުގައި އޭނާ ބުންޏެވެ.
ބޭންކުންވެސް ވިޔާފާރިވެރީންގެ އިމްޕޯޓަށް ދޫކުރަނީ 20% އެވެ. އަނެއް 80% ވަގުބާޒާރުން ގަނެގެން ބޭންކުގެ އެކައުންޓަށް ޖަމާކުރުމުން ބޭރުގެ ސަޕްލަޔަރަށް ޓީޓީ ނުވަތ އެލް.ސީ މެދުވެރިކޮށް ފައިސާ ފޮނުވަދެވޭނޭކަމަށް ބޭންކުތަކުން ބުނެއެވެ.
މިއީއަކީ ސަރުކާރަށް ސިއްރުން ނުވަތަ ވަގަށް ހިންގާ ކަޅުބާޒާރެއް ނޫނެވެ. އެހެނީ ބޭންކުތަކުންވެސް ކަޅުބާޒާރުގައި އެޖެންޓުން އުފަށްދާ އަދި ބާރުވެރި ފަރާތްތަކަށް ބޭންކުން އަދި ރެސޯޓް އޯނަރުންވެސް އޮފިޝަލް ރޭޓަށް ޑޮލަރު ދެމުންދާތީވެ ބޭންކުތަކުންނާއި އެފަދަ ޑޮލަރު ލިބޭ ވިޔާފާރިވެރީން ވަނީ ވަގުބާޒާރުން ޖާގަހޯދައި އެޖެންޓުން އިސްކޮށްފައެވެ.
ރައްޔަތުމީހާ އާއި ހަމައަށް ޑޮލަރު އަގު އުފުލި ކަޅުބާޒާރު އަމާންކަންމަތީ ހިންގާއިރު ސަރުކާރުން ދެލޯމަރާލައިގެން ތިބެވެނީ މިހެންވެގެން ކަމުގައި ގިނަ ރައްޔަތުން ގަބޫލުކުރެއެވެ.
ފައިސާ ޗާޕުކޮށް އެފައިސާ ގައުމުގައި ދައުރުކުރަން ފެށުމުން ހުރިހާ ބުރައެއްވީ ރައްޔިތުމީހާގެ ޖީބަށެވެ. ސަރުކާރުގެ އެންމެ ސިޔާސީ މަގާމެއްވެސް މަދެއް ނުކުރެއްވިއެވެ. ސިޔާސީ މަގާމުތައްވެސް ކުރެއްވީ ހަމަ އިތުރެވެ. އިތުރު ސިޔާސީ މަގާމުތަކާއި ކުރީން ތިއްބެވި މީހުންގެ އިތުރު ޢިނާޔަތްތަށްވެސް ބޮޑުކޮށްދީ އަދި ދައުލަތުގެ ކުންފުނިތަކަށްވެސް ބޭނުންނުވާވަރަށް އިތުރަށް ކަމެއްކުރަން ނުޖެހޭ މުއަސްޒިފުންތައް ލައްވައިގެން އަދި ނުވިތާކަށް ޖީއެސްޓީވެސް ބޮޑުކުރުމުން ރައްޔަތުމީހާގެ ދިރިއުޅުމުގެ ޚަރަދުތައް އެތައް ގުނައެއް އުފުލިގެން ހިގައްޖެއެވެ. މިއީ އެޖެންޑާ19 ވެސް ދަންނަ ބޮޑު ސިއްރެކެވެ.
އައި.އެމް.އެފް އާއި ދުނިޔޭގެ ފައިނޭޝަން އިންސްޓިޓިއުޝަންތަކުން ފައިސާ ޕްރިންޓްކުރުމުން ރާއްޖޭގެ އިކޮނަމީއަށް އަރާނެ ލޮލުންތަކާއި އެކަންނުކުރުމަށް އިންޒާރު ދީފާވަނިކޮށްވެސް މިސަރުކާރުން 4 ބިލިއަން ރުޕިޔާއަށްވުރެ ގިނައިން ޕްރިންޓްކޮށް ސާކިއުލޭޓް ކޮށްފިކަމަށް ރެކޯޑްތަކުން ދައްކައެވެ.
ރައްޔަތުންގެ މަޖިލީހުން ހެދޭ ގާނޫނަކުން ދިވެހި ދައުލަތް ހިންގަން ޙަވާލުކުރެވޭ ސަރުކާރެއްގައޮ ހަމަޖެއްސޭނެ ސިޔާސީ މަގާމުތަކުގެ ޢަދަދު އަވަހަށް ކަނޑައަޅަން އެބަ ޖެހެއެވެ. އެނޫންކަމަށް ވަންޏާ ވެރިކަމަށް ޙަވާލުވާ ކޮންމެ މީހެއްގެ ނުވަތަ ބައެއް އެބަޔަކަށް ސަޕޯޓްކުރާ ބޮޑެތި ޢާއިލާތަކާއި ގަދަބަސްބުނެ އުޅޭ އަދި ބޮޑެތި ދަރަނިވެރިންގެ ފެމިލީތަކަށް ސިޔާސީ މަގާމުތައް ބޭނުންވާހާ ވަރަކަށް އުފަށްދައި ބޭނުން މުސާރައެއްދީ ރައްޔަތުން މިގޮތަށް ނިކަމެތި ކުރާނެއެވެ.
ސުވާލާކީ މަޖިލީހުން އެފަދަ ރަނގަޅު ގާނޫނެއް ހެދިނަމަވެސް އެފަދަ ގާނޫނަކަށް ގައުމުގެ ރައީސްކަން ލިބުން ރައީސްމީހާ ބޯލަނބާނެ ހެއްޔެވެ؟
ތެދެކެވެ! އެފަދަ ހެޔޮ ބައެއް ގާނޫނުތައް މަޖިލިސް މެމްބަރުގަނެގެން މަޖިލީސްގެ މެޖޯރެޓީ ހޯދައިގެން މަޒީގައިވެސް ވަނީ ރައީސް ބޭނުންފުޅުވާ ގޮތަކަށް ބަދަލު ގެނެސްފައި ވެއެވެ. ވީމާ ބޮޑު ސުވާލަކީ، ރައްޔަތުންނަށް ހެޔޮ އެއްވެސް ގޮތެއް ފެނީދާނެހެއްޔެވެ؟