ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރގޭ ލެވްރޯފް އާއި ޙަވާލާދީ ޚަބަރު ދޭގޮތުގައިޔޫކްރެއިނާމެދު ރަޝިޔާއިން ކަންތައްކުރަން ބޭނުން ވާގޮތް ޔޫކްރެއިންގެވެރިންނަށް ވަރަށް ރަނގަޅަށް އެންގިފާ ވާނެކަމަށް އޭނާ ވިދާޅުވެއްޖެއެވެ. އެހެންވީމާ ޔޫކްރެއިނަށް އޮތީ ހަމައެކަނި ދެގޮތެކެވެ. އެއީ އަހަރެމެންގެ ހުށައެޅުން އެއްކޮށް ގަބޫލުކުރުމެވެ.
އެހެންނޫނީ ރަޝިޔާގެ ސިފައިން ބުނެފާވާނެ ގޮތަށް ކަންތައްތައް ނިންމާނެއެވެ. އެހެންވީމާ ބުއްދިވެރީ ޔޫކްރެއިންގެ ފައިދާއަށްޓަކައި އަހަރެމެންގެ ހުށައެޅުން ގަބޫލުކުރުމެވެ. އަހަރެމެންގެ ހުށައެޅުމަކީ ޔޫކްރެއިނަކީ ހަނގުރާމަވެރި ގައުމަކަށް ނުވުމާއި ނާޒީންގެ ވިސްނުން ދޫކޮށްލުމާއި ރަޝިޔާއަށް އެއްވެސް ކަހަލަ ނުރައްކަލެއް ކުރިމަތިނުވާފަދަ ގައުމެއްގެ ގޮތުގައި ދެމިތިބުމާއި އަރެމެންގެ ބިންތަކަކީ އަހަރެމެންގެ ބިންތަކެއް ކަމުގައި ގަބޫލުކުރުމެވެ.
ޚާރިޖީ ވަޒީރު ލެވްރޯފް ވިދާޅުވީ މިޝަރުތުތައް އޮންނާނީ ރަނގަޅަށް އެފަރާތައް އޮޅުންފިލުވައި ދީފައިކަމަށެވެ. ޔޫކްރެއިނުން އަދިވެސް މިޝަރުތުތައް އަޑުއަހަން ބޭނުން ނުވަނީއެވެ. އޭގެ ބަދަލުގައި ޔޫކްރެއިނުން އަންގަނީ ހިފާފައިވާ ބިންތަކުން ރަޝިޔާގެ ސިފައިން ފޭބުމަށެވެ. ލަވްރޯފް އަށް ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ ހަނގުރާމާގައި ރަށްތަކެއް ފަނާކުރެވިގެން ހިނގައްޖެ ކަމަށާއި ރައްޔިތުން ތަކެއް މަރުވެއްޖެ ކަމަށާއި އެތައް މިލިއަން މީހުންގެ ގެދޮރު ނެތިކޮށްލެވިގެން ހިނގައްޖެ ކަމަށެވެ. އެކަމަކު މި ކުރިމަތިލުންތައް ހުއްޓޭނެ ދުވަހެއް ބުނާކަށް ނޭގެއެވެ. އެކަމަށް ގޮތެއް ނިންމަންޖެހެނީ ކީވް އިންނާއި ވޯޝިންގޓަނުންނެވެ. ބޯޅައެއޮތީ ޔޫކްރެއިންގެ ގޯލްގައެވެ. ފހަތުގައި އެތިބީ އެމެރިކާނުންނެވެ.
މޮސްކޯއިން ބުނާ ގޮތުގައި ރަޝިޔާގެ މަގްސަދަކީ މިބުނި ކަންތައްތައް އެގޮތުގެ މަތިން ހަމަޖެއްސުމުގެ ބޭނުމުގައި ޔޫކްރެއިނުގައި ހިންގާ ޚާއްސަ އޮޕަރޭޝަންތަކެކެވެ. އެކަމަކު ޔޫކްރެއިނުންނާއި ހުޅަނގުގެ ބައިވެރިން ބުނަމުން ގެންދަނީ ރަޝިޔާއިން އެހިންގަނީ ކުރީ ޒަމާނުގައި ގައުމުތަކުގެ ބިން ފޭރުނު ފަދަ އުދުވާނީ ޙަރަކާތްތަކެއް ކަމަށެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ރަޝިޔާއިން ވަނީ މި ކުރިމަތިލުން ތަކުގައި ރަޝިޔާގެ ބާރުގެ ދަށަށް ގެނެސްފައިވާ ޝަޙަރު ތަކަކީ އެމީހުންގެ ތަންތަންކަން ފައިސަލާ ކުރުމުގެ ގޮތުން އާންމު ރައްޔިތުންގެ ވޯޓެއް ނަގާފައެވެ. ނަމަވެސް ކީވްގެ ވެރިންނާއި ހުޅަނގުން އެ ވޯޓުގެ ނަތީޖާ ގަބޫލެއް ނުކުރެއެވެ.
މިދިޔަ އާދީއްތަދުވަހު ރައީސް ޕޫޓިން ވަނީ ސުލްޙައިގެ ވާހަކަތަކަށް މޮސްކޯ ތައްޔާރަށް އޮތް ކަމަށާއި އެހެންނަމަވެސް ކީވް އާއި އެމީހުންގެ ބައިވެރިންގެ ފަރާތުން އެދެވޭ ޖަވާބެއް ނުލިބޭ ކަމަށް ވިދާޅުވެފައެވެ.
ރަޝިޔާއާއި ޔޫކްރެއިން ކުރިމަތިލުން މިހިސާބަށް ގޮސްފައި ވަނިކޮށް ޔޫކްރެއިންގެ ކުރިމަތިލުންތަކާއި ގުޅިގެން ރަޝިޔާގެ ނިއުކްލިއަރ ފައުޖުތައް ތައްޔާރީ ޙާލަތަކަށް ގެންނަން ގަސްދު ކުރައްވާކަމަށް އިޝާރާތް ކުރެއްވުމުން އެ ކުރިމަތިލުން ތަކުގެ ތެރެއަށް ނޭޓޯއިން ސިދާކޮށް ވަދެފާނެކަމަށް ބެލެވޭތީ އެތައްޒަމާނަކަށްފަހު އަނެއްކާވެސް ނިއުކްލިއަރ ޙަމަލާތަކެއް ބަދަލުކުރެވިދާނެ ކަމުގެ ބިރުވެރިކަން އުފެދިއްޖެކަމަށް އދ.ގެ އާންމު ސެކްރެޓަރީ ވަނީ ވިދާޅުވެފައެވެ.
މިހާތަނަށް ނިއުކްލިއަރ ހަތިޔާރު ބޭނުންކުރުމާބެހޭ ގޮތުން ދެކެވިފައިވާ ވާހަކަތަކަށް ބަލާއިރު އެމެރިކާގެ ސިޔާސަތުގައި ”ރައްކާތެރިކަމުގެ ޖެހުމެއް“ އޮތްކަމަށް ބުނާއިރު ރަޝިޔާއިން ބުނަމުން ގެންދަނީ އެމީހުންގެ ސިޔާސަތުގައި އެފަދަ ޖެހުމެއް ނެތްކަމަށާއި އަހަރެމެންގެ ސިޔާސަތުގައިއޮތީ ”ރައްދު ދިނުމުގެ ޖެހުމެއް“ ކަމުގައެވެ.
މިހާރު އޮތް ނިއުކްލިއަރ މުއާހަދާ އުވިގެން ހިނގައްޖެނަމަ ރަޝިޔާއިން ނިއުކްލިއަރ ޙަމަލާ ދޭނެ އެމެރިކާގެ އަމާޒު ތަކުގެ ތަފްސީލު ރަޝިޔާގެ ރަސްމީ މީޑިއާއިން 2017 ވަނަ އަހަރު ވަނީ ހާމަކޮށްފައެވެ.
ރަޝިޔާފަދަ ދުނިޔޭގައި އޮތް އެންމެ ބާރުގަދަ ދައުލަތަކުން މިހާ ތަފްސީލުކޮށް މިކަން ހާމަކުރުމަކީ އެކަމާދޭތެރޭ ނުވިސްނާ ތިބެވޭ ވަރަށްވުރެން ބިރުވެރިކަމެއްކަމުގައި ދެކެވެ. ރޮއިޓަރސް އިން ހާމަކޮށްފައިވާ ގޮތުގައި ރަޝިޔާއިން ޙަމަލާ ދޭނެތަންތަނުގެ ތެރޭގައި ޕެންޓަގަން އާއި ކޭމްޕް ޑޭވިޑް އާއި ވޯޝިންގޓަންގެ ޖިމް ކްރީކް ނޭވަލް ރޭޑިއޯ ސްޓޭޝަނާއި މެރީލޭންޑްގެ ފޯރޓް ރިޗީ އާއި ކެލިފޯނިޔާގެ މެކް ކްލޭން އެއަރފޯސް ބޭސް ހިމެނޭނެކަމަށް ރަޝިޔާގެ ރަސްމީ ޓީވީ އިން ބުނެފައިވެއެވެ.
މީގެތެރޭގައި އެންމެފަހުން ބުނެފައިވާ ދެތަނަކީ ގިނަދުވަސްތަކެއް ވަންދެން ބޭނުންނުކޮށް ހުރި ތަންތަން ކަމުގައި ވުމުން ރަޝިޔާގެ އަމާޒުގައި އެތަންތަން ހިމަނާފައިވަނީ ކީއްވެގެންކަން ސާފެއް ނުވެއެވެ.
ނިއުކްލިއަރ ޙަތިޔާރުގެ ތަޖްރިބާކާރު ސްޓެފަން ޝްވާޓްސް ދެކޭގޮތުގައި ރަޝިޔާއިން ދީފާނެ އެބާވަތުގެ ޙަމަލާއެއް މުޅިން ކާމިޔާބެއް ނުކުރެވޭނެއެވެ. އަދި ފަހަރެއްގައި އެފަދަ ޙަމަލާއަކުން އެމެރިކާގެ ހުރިހާ ބެލިސްޓިކް މިސައިލްތަކާއި ނިއުކްލިއަރ ހަތިޔާރެއް ދުއްވާލެވުނުކަމުގައި ވިޔަސް އެމެރިކާގެ ނިއުކްލިއަރ ސަބްމެރިންތަކުން ރައްދު ދޭނެއެވެ.
އެމެރިކާގައި އެފަދަ ފަސް ސަބްމެރިން ތައްޔާރީ ޙާލަތުގައި އެބަ އޮތްކަމަށާއި އެމެރިކާގެ އެންމެ ސީނިއަރ ދިފާއީ ބައެއް ބޭފުޅުންނަށްވެސް އެ ސަބްމެރިތައް އޮތްތަނެއްގެ މަޢުލޫމާތު ނޭގޭނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެއިން އުޅަނދަކަށް ރަޝިޔާއިން ޙަމަލާއެއް ދިނުމުގެ ކުރިން ރަޝިޔާގެ ޙަމަލާ ފެންކޮށްލާނެކަމީ އެއްވެސް ޝައްކެއް އޮތްކަމެއްނޫނެވެ. އަދި އެކަމަށްޓަކައި އެ ސަބްމެރިންތަކަށް ބޭނުންވާނީ ހަމައެކަނި ހައެއްކަމިނިޓުގެ ވަގުތުކޮޅެއްކަމަށެވެ.
މިދެކެވެނީ ފިލްމީ ދުނިޔޭގެ ސްކްރީން ޕްލޭއެއްގެ ވާހަކަތަކެއް ނޫނެވެ. މިދެކެވެނީ ތިންވަނަ ބޮޑު ހަނގުރާމައިގެ ވާހަކައެވެ. ސުވާލަކީ އެގޮތަށް ބަދަލުވެދާނެ ދުވަހެކެވެ. ނުވަތަ އެފަދަ ފަނާކުރަނިވި ހަނގުރާމައަކުން ދުނިޔެ ސަލާމަތް ކުރެވޭނެ ދުވަހެކެވެ.
ރަޝިޔާ އޮތީ ދެގޮތުންވެސް އެ ހިނގަމުންދާ ޚާއްސަ އޮޕރަރޭޝަން ނިންމާލުމަށް ތައްޔާރީ ޙާލަތުގާކަމަށް ބުނެއެވެ.