އެޗް.ޑީ.ސީ އާއި ދޭތެރޭ ބިރުގަންނަނީ މިހެން ވެދާނެތީ:  1

Loading

Facebook
Twitter
WhatsApp

މިލިއުން ފަށާގަތުމުގެ ކުރިން ދެތިން ޖުމުލައެއް މިތާގައި ފާހަގަކޮށްލަން ބޭނުންވެއެވެ. އެހެންނޫނީ އެތައް ފަހަރަކު އެވާހަކަ ތަކުރާރު ކުރަން ޖެހިދާނެތީއެވެ.                                               

ދިވެހި ދައުލަތަކީ ދިވެހި ހުރިހާ ރައްޔިތުންގެ ޙިއްސާ އެއްމިން ވަރަކަށް ހިމެނިފައިވާ އެއްޗެކެވެ. އެހެން ގޮތަކަށް ބުނާނަމަ ދިވެހި ދައުލަތަކީ އެންމެހާ ދިވެހި ރައްޔިތުންގެ މިލްކެކެވެ. ފާއިތުވެގެން ދިޔަ ޖީލުތަކަށް މިލްކުވީ ފަދައިން އަންނަން އޮތް ޖީލުތަކަށްވެސް އެ ދައުލަތުގެ މިލްކުވެރިކަން ހަމަ އެގޮތުގައި ދެމިގެން ދާނެއެވެ. 

އެއްވެސްމީހެއްގެ ހިއްސާ އޭނާއާއި ޙަވާލުކުރެވޭ މަގާމެއްގެ ޙައިސިއްޔަތުން ވިޔަސް ގިނަވެ އަނެކަކަށް މަދު ނުވާނެއެވެ. ދިވެހި ސަރުކާރަކީ އެ ދައުލަތުގެ އެންމެހާ ކަންތައްތައް ރައްޔިތުން ބޭނުންވާ ގޮތެއްގެ މަތިން ހިންގާ ބެލެހެއްޓުމަށް ވަކި މުއްދަތަކަށް އިޚްތިޔާރު ކުރެވޭ ބަޔެކެވެ. އެމީހުން ކުރާ މަސައްކަތަށް އުޖޫރައާއި އިނާޔަތް ދީ ހަދަނީ ދިވެހި ދައުލަތުންނެވެ.                                                             

މާލެއަކީ އަންޒަމާނުއް ސުރެން ދިވެހިރާއްޖޭގެ ވެރިކަން ކުރާ ރަށެވެ. މިއީ ކިހެނެއް ފެށުނު ކަމެއްކަން ނުވަތަ މާލެ އަކީ ވެރިކަންކުރާ ރަށް ކަމުގައި ހަމަޖެހުނީ ކޮން ސަބަބަކާހުރެ ކަން ހޯދައި ދެނެގަންނަން މަސައްކަތް ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ނޫނެވެ. ވަރަށް ގިނަ ގައުމުތަކުގައި ކުރިންސުރެން ވެރިކަން ކުރަމުންއައި ޝަހަރުތައް ރައްޔިތުންގެ ލުއިފަސޭހަ އަށްޓަކައި ބަދަލު ކޮށްފައިވެސް އެބަހުއްޓެވެ. 

ދިވެހިން ބޭނުންވާނަމަ އެމީހުންބޭނުންވާ ރަށެއް އެއީ ވެރިކަން ކުރާ ރަށްކަމުގައި ހަމަޖެއްސުމަކީ އެ ރައްޔިތުންނަށް ލިބިފައިވާ އިޚްތިޔާރެކެވެ. ރާއްޖޭގެ ރަށްތަކުގެ ނިސްބަތުން މާލެއަކީ ބޮޑު ރަށެކޭ ނުބުނެވޭނެއެވެ. ދާދިފަހަކާ ޖެހެންދެން ރާއްޖެތެރޭގައި ދިރިއުޅޭ ރައްޔިތުން ދަތުރުވަރި އެއްގައިވެސް މާލެއައުމަކީ ގިނަ ގަވައިދުތަކެއް ފުރިހަމަ ކޮށްގެންނޫނީ ނުކުރެވުނު ބުރަ ކަމެކެވެ. 

ރާއްޖެތެރޭގައި ދިރިއުޅޭ މީހަކު އެއްވެސް ބޭނުމެއްގައި މާލެ އައިސް ދުވަސްކޮޅަކު މަޑުކޮށްލަން ބޭނުންވިޔަސް އެއީ ކުރުން ވަރަށް އުދަނގޫ ކަމެކެވެ. ހަވާލުވާނެ ފަރާތެއް ހޯދައިގެން ވިސާނަގަންޖެހޭ ކަމެކޭ ބުނެވިދާނެއެވެ. ނަތީޖާއެއްގެ ގޮތުން މާލޭގެ އާބާދީ އަކީ މާލެއަށް އުފަންވާ ދިވެހިން ކަމުގައި އޮތީ ވެފައެވެ. އަދި މާލޭގެ އާބާދީ އިތުރުވުންވެސް އޮތީ ހިފޭއްޓިފައެވެ. ނަމަވެސް ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ދެވަނަރައީސް އަށް އެކަން އެގޮތަށް އޮތުން ގަބޫލުފުޅު ނުކުރެއްވިގެން އެ މުޅި ނިޒާމު އުވާލެއްވިއެވެ. 

އަދި ދިވެހި ކޮންމެ ރައްޔިތަކަށް އެމީހަކު ބޭނުން ރަށަކަށް ދަތުރު ކުރުމާއި ދިރިއުޅުން އާބާދު ކުރުމަކީ ގާނޫނީގޮތުން ލިބިފައިވާ ޙައްގެއް ކަމުގައި ކަނޑައެޅުއްވިއެވެ. އެއަށްފަހު ދެން ފެނިގެން ދިޔައީ މާލޭގެ އާބާދީ އިތުރު ވެގެން ދާން ފެށިތަނެވެ. އެކިއެކި ބޭނުން ތަކުގައި ރާއްޖެތެރޭގެ މީހުންވެސް މާލެ އައިސް ވަޒަންވެރިވާން ފެށިތަނެވެ. އިސާހިތަކު މާލޭގެ ބޯފެންވެސް ލޮނުވެ ބިމާ ނުގުޅޭ މިންވަރަށް އާބާދީ އިތުރުވެގެން ހިނަގއްޖެއެވެ.                         

މާލެއަށް ކުރިމަތި ވަމުންދާ އާބާދީ އިތުރުވުން ޙައްލު ކުރުމަށްޓަކައި ކުރީގެ ސަރުކާރު ތަކުން ގެންގުޅެމުން އައި މާލެއަކީ ހަމައެކަނި މާލޭ މީހުންގެ ރަށެއް ކަމުގައި އޮތުމުގެ ވިސްނުމުގެ ބަދަލުކޮށް 1978 ގައި އުފެދުނު ސަރުކާރުން ގަސްދުކުރެއްވީ މާލޭގެ ފަޅުތެރެއާއި އަދި ފަހުން ހުޅުމާލޭ ފަޅުވެސް ހިއްކައިގެން މާލޭ ސަރަޙައްދުގައި ދިރިއުޅެން ބޭނުންވާ ދިވެހިންނަށް ގޯތިގެދޮރު ލިބޭނެ ގޮތްތަކެއް ރާވައި ހިންގުމަށެވެ. 

މި ރޭވުންތަކުގައި ބައެއްފަހަރު ރައްޔިތުންގެ ހަމަހަމަކަން ގެއްލޭގޮތަށް ކަންތައް ހިނގާފައި ނެތެކޭ ބުނާކަށް ނެތީމެވެ. އެހެންނަމަވެސް އަމާޒަކީ ބޯހިޔާވަހި ކަމުގެ މައްސަލަ ޙައްލުކުރުމެވެ. މި މަގްސަދު ޙާސިލު ކުރުމަށްޓަކައި 1997 ވަނަ އަހަރު އޮކްޓޯބަރ މަހުގެ 16 ވަނަދުވަހު ހުޅުމާލޭ ފަޅުން ފުރަތަމަ ހިއްކަން ބޭނުންވި ބައި ހިއްކަން ފެށުނެވެ. މިބައި ހިއްކާ ނިމުނީ 2002 ވަނައަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އަދި  1000 މީހުން ދިރިއުޅުމަށްޓަކައި 2004 ވަނައަހަރު ފުރަތަމަ ފަހަރަށް ހުޅުމާލޭ ފަޅުން ހިއްކި ބިމުން ގޯތި ދޫކުރެވުނެވެ. 

ހުޅުމާލެ ތަރައްގީކުރާ ޔުނިޓެއްގެ ނަމުގައި އެންމެފުރަތަމަ އޮފީހެއް ހުޅުވުނީ 2002 ވަނައަހަރުގައެވެ. މި ދައްކަނީ މިއަދުގެ ސިޔާސީ މައިދާނުން ފެންނަ ގިނަ ބޭފުޅުންގެ މަދްރަސީ ދައުރުގެ ވާހަކައެވެ. އެ ބިން ހިއްކުމުގައި ދައުލަތުގެ ކެރިފޯރުންތެރިކަން ހުރި މިންވަރުން ސަރުކާރުން އުފުލަންޖެހުނު ތަކްލީފު މިއަދުގެ ސިޔާސީ ބޭފުޅުންގެ ސިކުނޑިފުޅު ތަކަށް ދެނެގަނެވޭނެ ބަހުރުވައަކުން ކިޔާދޭކަށްވެސް ނޭންގެއެވެ. މިއަދުގެ ސިޔާސީ ބޭފުޅުންގެ ފެށުމަކީވެސް ރަންއިލޮށިން ކަދުރުކެއުމޭ ބުނާކަހަލަ ފެށުމެކެވެ. އަދަދުތައް ގުނަން އާދަވެފާހުރީވެސް މިލިއަނުންނެވެ.

 ހުޅުމާލެ ބިންހިއްކުމުގެ މަޝްރޫޢުގެ ތެރެއިން ރައީސް މައުމޫން އާއި މިނިސްޓަރ ޢުމަރު ޒާހިރު:

ކޮންމެއަކަސް ހުޅުމާލޭގެ ފަޅު ހިއްކަމުންގޮސް އެމަސައްކަތް ކުރިއަށް ދާގޮތް ވިލަރެސްކުރުމާއި ތަރައްގީގެ މަޝްރޫއުތައް ހިންގާ ބެލެހެއްޓުމަށްޓަކައި  އުފައްދަންޖެހުނު އޮފީސްތަކުގެ ނަންތައް ބަދަލުވެ އެތަންތަނުގެ މެންޑޭޓާއި އެކި ފެންވަރުގައި މަސައްކަތްކުރާނެ އިސްވެރިންނާއި މުއައްޒަފުންވެސް އިތުރުވަމުންގޮސް މިއަދު ދިވެހިރާއްޖޭގައި ހަރަކާތްތެރި ވަމުންދާ ދައުލަތުގެ ކުންފުނިތަކުގެ ތެރޭން ހުޅުމާލޭ ތަރައްގީކުރަން ހުޅުވި ޔުނިޓަކީ އާދަޔާ ޚިލާފް ބާރުތަކެއް ގާނޫނުން ލިބިދީފައިވާ ކުންފުންޏެއް ކަމަށް ވެއްޖެކަމާއިމެދު އެއްވެސް ޝައްކެއްނެތެވެ.

އެއީ ކޮންފަދަ ބާރުތަކެއްކަން ރަނގަޅަށް އެނގޭ ދިވެހިން ވަރަށް މަދުވާނެޔޭ ބުނުމަކީވެސް ދޮގަކަށް ނުވާނެއެވެ. މީޑިއާތަކުން ލިބޭ މަޢުލޫމާތަށް ބަލާއިރު ހުޅުމާލެއަކީ އެ ކުންފުނީގެ މިލްކެއްހެންވެސް ހީވެއްޖެއެވެ. ހުޅުމާލޭގެ ރަޖިސްޓަރީވެސް އޮންނަނީ އެ ކުންފުނީގެ ނަމުގައި ކަމަށް ދޭހަވާކަހަލަ ޚަބަރުތަކެއްވެސް މިދޭތެރެއަކުން އަޑު އިވުނެވެ.  މާލޭ ސިޓީ ކައުންސިލާ ދެމެދު ކޮންމެވެސް ކަމެއްގައި ފުށޫ އެރުންތަކެއް މެދުވެރިވި ވާހަކަވެސް މީޑިއާއިން ފެނިގެންދިޔަ ހަނދާންވެއެވެ. 

ތެދުތެދަށް ދަންނަވާނަމަ މިކަންތަކުގެ ފުރިހަމަ ހަގީގަތެއް އަދި ނޭގެއެވެ. 2018 ގައި ސަރުކާރު ބަދަލުވުމާއި ގުޅިގެން އެމްޑީޕީގެ ސަރުކާރުގެ ރައްޔަތުމީހާއަށް މަންފާބޮޑުކުރާ ސިޔާސަތުގެ ދަށުން މިހާރުގެ ޚަބަރުތަކުން އެނގޭ ގޮތުގައި މާލެ އާއީ ހުޅުލޭ އެއަރޕޯރޓް ފިޔަވައި ހުޅުމާލެއާއި ވިލިމާލެއާއި ގުޅީފަޅާއި ތިލަފުށިވެސް މިހާރު އެއީ އެޗް. ޑީ. ސީ. ގެ މިލްކިއްޔާތަކަށް ހަމަޖައްސައިފިއެވެ. 

ރައްޔިތުންތިބީ ވާނުވާނޭގޭ ޙާލެއްގައޭ ބުނަންޖެހެއެވެ. މަޢުލޫމާތު ރަނގަޅަށް ހޯދާށޭ  ބުނެވިދާނެ އެވެ. އެކަމަކު އެއީ އަދި އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ރައްޔަތުންނަށް ކޮށްދޭ ހެޔޮ ވެރިކަމެއްގައި މަޢުލޫމާތު ޖެހޭނީ ރައްޔަތުމީހާއަށް އޮޅުންފިލުވައި ދޭށެވެ. ރާއްޖޭގެ އެހެންރަށްތަކާއި ފަޅު ގިރި ތަކެކޭ އެއްފަދައިން ހުޅުމާލެއަކީވެސް މުޅި ދިވެހި ރައްޔިތުންގެ މިލްކަކަށްވީމައެވެ. ގާނޫނީ ބާރު ލިބިގެން ކުރިއަސް އެކަން ރައްޔިތުންނަށް އޮޅުންފިލުވާދޭން ޖެހޭނެއެވެ. މިހާރު ކަންތައް ދާގޮތުން އޭރު ހުޅުމާލޭ ތަރައްގީ ކުރަން ހުޅުވި ޔުނިޓަކީ ދައުލަތް ހިންގުމަށް ވަކިމުއްދަތަކަށް ޙަވާލުކުރެވިފާވާ ސަރުކާރުގެ ތޭރައި އޮތް ކުޑަ ސަރުކާރެކޭވެސް ގަބޫލުކުރަން ޖެހޭކަހަލައެވެ. 

ގާނޫނީގޮތުން ބާރު ދިނުމުގައިވެސް ނުވަތަ ބާރު އަތުލުމުގައިވެސް ދިވެހި ދައުލަތުގެ މިލްކުވެރިކަމުގެ މައްޗަށް އޮންނާނީ ދިވެހި ރައްޔިތުންގެ ޙައްގުތަކެވެ. އެޙައްގުތަކަށް ސަރުކާރުން ޙުރުމަތްތެރިކޮށް ވާޖިބު ވާނެއެވެ. އެހެނީ ދައުލަތް ހިންގުމަށް ސަރުކާރު ޙަވާލުވަނީ ހެއްދެވިފަރާތް ގަންދީ ހުވާކޮށްގެން ކަމަށް ވާތީއެވެ. އެހެންމެ މިބާވަތުގެ ޚާއްސަ ކަންތައްތަކުގައި މަޖިލީހުގެ އަޣްލަބިއްޔަތު އޮތެތީވެ މިފަދަކަމެއް ނިންމާލުން އެއީ އެންމެ ރަނގަޅުގޮތް ކަމުގައި ނުދެކެމެވެ.                              

ކޮންމެއަކަސް ހުޅުމާލެ ތަރައްގީ ކުރުމަށްޓަކައި އެ ގޮތަށް ބާރުތަކެއް ދިނުމަކީ ކުރަންޖެހޭ ކަމެއް ކަމުގައި ބަލަމާހިނގާށެވެ. ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތުގައި އެރަށް ތަރައްގީ ކުރެވޭނީ އެގޮތަށް އުސޫލުތަކެއް ގާއިމް ކޮށްގެން ކަމުގައި ގަބޫލުކުރަމާ ހިނގާށެވެ. ވެރިކަމުގައި ތިއްބެވި ބޭފުޅުންގެ ވިސްނުމަށް ރައްދު ދޭކަށް ނެތީމެވެ. އެބޭފުޅުންވެސް ހުރިހާ ގޮތަކަށް ބަލާނެކަމަށް ބެލީއެވެ.

އެކަމަކު ރައްޔިތުންގެ މިހާ ބޮޑު މިލްކިއްޔާތެއް ވަކި ކުންފުންޏެއްގެ މިލްކަކަށްހަދާފައި ރައްޔިތުންނަށް އެކަން އޮޅުފިލުވައި ނުދޭތީވެ ބިރުގަންނަނީއެވެ. ކުންފުންޏަކީ ދައުލަތުގެ ސައްތަ އިން ސައްތަ ޙިއްސާ ގެ މައްޗަށް އުފައްދާފައި އޮތް ތަނެކެވެ. އެހެންވީމާ ހުޅުމާލެ އަކީވެސް ދައުލަތުގެ އެއްޗެއްގެ ގޮތުގައި ބާއްވާއިގެން ތަރައްގީ ކުރީމާ ލިބޭ ގެއްލުމަކީ ނުވަތަ ކުރިމަތިވާ ހުރަހަކީ ކޮބައިބާވައެވެ؟ 

ކުންފުންޏަކަށް ރަޖިސްޓަރީ ކޮށްދީގެން އެކުންފުނީގެ މިލްކެއްގެ ގޮތުގައި ތަރައްގީކުރުމުން ރައްޔިތުންނަށް ލިބޭ ފައިދާއަކީ ކޮބައިބާވައޭ ނުވިސްނެނީއެވެ. މިސާލަކަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓު ތަރައްގީ ކުރެވެމުން ދަނީވެސް ބޮޑެތި އަދަދުން ދަރަނި ނަގައިގެން ކަމުގައި ވެއެވެ. އެކަމަކު އެތަނަކީ އެއަރޕޯރޓް ކޮމްޕެނީގެ މިލްކެއްނޫނެވެ. އަދި އެތަނުގެ ރަޖިސްޓަރީއެއްވެސް އެއަރޕޯރޓް ކޮމްޕެނީގެ ނަމުގައި ހަދާފައި އޮންނަ ކަމަކަށް ނުވެއެވެ. ބިރުގަންނަނީ ވެރިކަން ޙަވާލު ކުރެވުމުން ހިތަށް އެރިގޮތަކަށް ކަންތައް ކުރާތީއެވެ. އަދި ރައްޔަތުންނަށް އޮޅުންފިލުވަ ދޭންވެސް ނުޖެހޭނެކަމަށް ސިކުނޑިތައް މަސައްކަތްކުރާތީއެވެ!                          

އަޅުގަނޑުމެން ބިރުގަންނަނީ ދިވެހިރާއްޖޭގެ ވެރިކަމުގެ ދާއިރާގައި ކުރިއްސުރެން ކަންހިނގަމުން ގޮސްފައިވާ ގޮތުންނެވެ. އެއްވެސް އިރެއްގައި ވެރިކަމުގެ ފަރާތުން ދިވެހިރާއްޖެއަކީ ދިވެހިންގެ މިލްކެއްގެ ގޮތުގައި ރައްޔިތުންނަށް ކަށަވަރު ކޮށްދީފައި އޮތް ޒަމާނެއް ނޭގެއެވެ. ރައްޔިތުން ޙިއްސާއަކީ އަބަދުވެސް ވެރިކަމުގެ ފަރާތުން ދެއްވި އެއްޗެއް ކަހަލައެވެ. އެއަށް ޖެހޭނީ ރުހުނަސް ނުރުހުނަސް ޝުކުރުވެރިވާށެވެ!؟ ދުވެހި ރައްޔަތުންގެ ކުރިމަތީގައި މިހާރުވެސް ރާއްޖޭގެ ފަޅުރަށްތަކެއް ކުއްޔަށް ދިނުމުގައި ކަންތައް ކުރިގޮތް އެއޮތީ ހާމައަށް ފެންނާށެވެ. ކުންފުންޏެއް ހަދައިގެން ބާރުތަކެއް ދީގެން ކުރިކަމެކެވެ. ޒިންމާނަގާނެ ވެރިއަކު ނެތެވެ. އެ ބޮޑު ވައްކަން ހިނގާ ދިޔައިރު ވެރިކަމުގެ ފަރާތަށް ރޭކާވެސް ނުލިއޭ މިހާރު އެބަބުނެއެވެ. 

އޭރު އިދިކޮޅުގައި ތިއްބެވި ސިޔާސީ ބޭފުޅުންނަށް ވަރަށް ތަފުސީލުކޮށް އެވައްކަން އެނގޭކަމަށް ވިދާޅުވިއެވެ. އަދި ރައްޔަތުން އެ ވެރިކަން ބަދަލުކޮށްދި ގައުމުސަލާމަތް ކުރުމަށް އިދިކޮޅުގައި ތިއްބެވި ވެރީންނާއި ޙަވާލުކުރަން ގޮވަމުން ދިޔައެވެ. އަދި އެގޮތަށް ރައްޔަތުންވެސް އެކަންވަނީ ކޮށްދީފައެވެ. 

މިހާރު މިއޮތީ އެބޭފުޅުންގެ ވެރިކަމެވެ. ބެލިބެލުންތަކުން އެނގުނީ އެވައްކަމުގައި ބޮޑުބައެއް އޭރު އިދިކޮޅުގައި ތިއްބަވައިގެން އެވަށްކަމާއި އިދިކޮޅާއް އިޙުތިޖާޖު ކުރެއްވި ބޭފުޅުންގެ ޖީބަށް ބޯކޮށް އެވަގު ފައިސާ ވަދެފާވާކަމެވެ.

މާޒީގެ ވާހަކަ ނުދައްކާ ދެން އަދިވެސް މިހާރުގެ ”ހެޔޮ ވެރިކަމުގެ“ ވާހަކަ ދައްކަމާ ހެއްޔެވެ. ކޯވިޑްގެ ތެރޭގައި ނަގާލި ފައިސާތަކުގެ ޒިންމާ އުފުލަން ޖެހޭނެ ވެރިޔަކުވެސް ނެތެވެ. އެކަމަކު އެ ބަޔަކަށްވެސް މުސާރައާއި އިނާޔަތްތައް ހަލާލެވެ. ކުޑަކޮށް މާޒީއަށް ޖެހިލައިފިއްޔާ މިފްކޯގެ ބިޔަ ވައްކަން ކަހަލަ އެތައްބައިވަރު ވައްކަމެވެ. ލިޔަންވެއްޖިއްޔާ ވަރަށް ދިގު ވެދާނެއެވެ. އެހެންވެ މަތީގައި ދެންނެވިފައި އެވަނީ ބިރުގަންނަނީ އަނެއްކާވެސް އެހެންވެދާނެތީއެވެ.                                 

ރާއްޖޭގެ މީޑިޔާތަކުންވެސް މަޢުލޫމާތު ދެމުންގެންދަނީ ހުޅުމާލޭ ތަރައްގީގެ މަޝްރޫއޫ ތަކުގައިވެސް ދަރަންޏަށް ފައިސާ ނަގަމުން ގެންދާ ކަމަށެވެ. އެއީ އެ ކޯޕަރޭޝަނުން ޒިންމާވާ ގޮތަށް ނަގާ ދަރަންޏެކޭ ބުނެވިދާނެއެވެ. އެކަމަކު ސައްތަ އިން ސައްތަ ދިވެހި ދައުލަތުގެ ކުންފުންޏެއްވީމާ އަނެއްކާވެސް ދަރަނި ނުދެއްކިއްޖެ ހިނދެއްގައި އެދަރަނިވެސް އެޅޭނީ ރައްޔިތުންގެ ބޮލުގައިނޫންތޯއެވެ؟ ގާނޫނީ އޮނިގަނޑު އޮތް ގޮތުންނާއި އެކަން ރޭވިފައި އަދި ކުރިން ކޮށްފަވާ މިފަދަ ޚިޔާނާތްތަކާއި ވައްކަންތަކާއިމެދު ވެފާވާގޮތުން ދެންވެސް ނުވަތަ މިހާރުވެސް އެކަން އެހެންނުވާނެއެކޭ ނުބުނެވޭނެއެވެ. ވަގުހިފައި ދައުލަތަށްގެއްލުނު ބައިވަރު ފައިސާއާއި މުދާ ހޯދަދޭން ހެއްދެވި ރިކަވަފީ ކަމިޝަންނަށް އިހަށްދުވަހު އެވީގޮތް މިވަނީ ފެނިފައެވެ. އެއްވެސް ކަމެއްގެ ނަތީޖާ ނުނެރެވި އެތަކެއް މިލިޔަން ޚަރަދުކުރުމަށްފަހު ރިކަވަރީ ކަމިޝަން އެވަނީ މަރާލާފައެވެ.                                               

ހުޅުމާލޭގައި ދިވެހި ދައުލަތުގެ ފައިސާއާއި ދިވެހި ދައުލަތުން ގަރަންޓީ ދީގެން ނަގާފައިސާއިން އުސް އެތައް ޢިމާރާތްތަކެއް ހަދައި ކޮންމެވެސް ސިފައެއްގައި ދިވެހިރައްޔިތުންނަށް ބޯހިޔާވަހިކަން ލިބެމުން ދާކަމަށް އެއްބަސްވަމެވެ. ކޮންމެވެސް ސިފައެއްގައޭ ލިޔަން މިޖެހުނީ ސަބަބުތައް ބައިވަރު އޮތީމައެވެ. ވިޔަފާރި ކުންފުންޏެއް ކަމަށް ވަންޏާ އެމީހުންގެ ކިބައިގާ މާލީ ތަނަވަސްކަންހުރި މިންވަރަކުން ވިޔަފާރި ކުރެވިދާނެއެވެ. ދިވެހި ދައުލަތުގެ ބިމެއްގައި ދިވެހި ދައުލަތް ޒިންމާ އުފުލަންޖެހޭ ގޮތަށް ފައިސާ ހޯދައިގެން އެކަންކުރީމާ ދެން ބުނެވޭނީ ވެނުމަސް ވެނަށް ކާންދެނީ ކަމުގައެވެ. އެހެނީ މީގޭޖް އެކުރެވުނީ ރައްޔަތުން ކަމުގައިވާތީއެވެ. ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލަކީ ރައްޔަތުން ކަމުގާވާތީއެވެ. 

ދައުލަތުގެ ބައެއް އެހެން ކުންފުނިތަކާއި ދައުލަތުގެ ބޮޑު ހިއްސާއެއް އޮންނަ ކުންފުނިތަކުން ވިޔަފާރި ކުރަންވާނީ މިގޮތަށް ހެނެއް ހިއެއްނުވެއެވެ. މިސާލަކަށް މޯލްޑިވްސް ޕޯރޓްސް ލިމިޓެޑް އަދި އެމް.ޓީ.ޓީ.ސީ.ގެ ވިޔަފާރިއަށް ވިސްނާލަމާ ހިނގާށެވެ. 

ވަރަށް ފަހުގެ ޚަބަރެއްގައި ބުނެފައިވަނީ ދިވެހިސަރުކާރުން ކުޅުދުއްފުށީގައި 11 ބުރީގެ 5 ޢިމާރާތް އެޅުމަށްޓަކައި އެމަސައްކަތް ޙަވާލުކުރެއްވި ފަރާތާއެކު އެއްބަސްވުމުގައި ސޮއިކުރެވިއްޖެ ވާހަކައެވެ. އެ އިމާރާތްތަކުގައި އެއްހާސް އަކަފޫޓުގެ ޖުމުލަ 400 އެޕާރޓްމެންޓް ހުންނާނެއެވެ. އެ އިމާރާތްތައް އެޅުމުގެ އަގަކީ 439 މިލިއަން ރުފިޔާއެވެ.  

އެހެންވީމާ 1000 އަކަފޫޓުގެ އެޕާރޓްމެންޓެއްގެ އަގަކަށް މިވަނީ ގާތްގަނޑަކަށް 1.1 މިލިއަން ރުފިޔާއެވެ. އަގުގެތެރެއަށް ވިހިއަހަރުން ދައްކާކަމަށްބުނެ 20 އިން ސައްތަ އިތުރުކުރިޔަސް އަގަކަށްވާނީ ގާތްގަނޑަކަށް 1.3 މިލިއަން ރުފިޔާއެވެ. އެއިން ކޮންމެ އިމާރާތެއްގައި 3 ކޮޓަރިއާއި 3 ފާޚާނާ، ބަދިގެއާއި ސިޓިންރޫމް އަދި ގުދަނަކާއި އެއްޗެހި ދޮންނަ ސަރަހައްދެއްވެސް ހުންނާނެއެވެ. 

އެކަމަކު ހުޅުމާލޭގައި ހަދާފާ ހުރި މިފެންވަރުގެ އެޕާރޓްމެންޓްތަކުގެ އަގު އުޅެނީ 3 މިލިއަނާއި 5 މިލިއަންރުފިޔާއާއި ދެމެދުގައި ކަމަށް އަޑުއިވެއެވެ. އަދި މިއީ ވިއްސަކަށް އަހަރުން އަގު އަދާކުރާތީ ވާ ގޮތެކޭވެސް ބުނެ ވިސްނާދޭން މަސައްކަތްކުރާތީ ފެނެއެވެ. ނަމަވެސް ހުޅުމާލޭ ތަރައްގީކުރުމުގެ ޔުނިޓް އުފެއްދެވުމުގެ ބޭނުމަކީ އަދި މި ހެދެމުންދާ ޢިމާރާތް ތަކަކީވެސް ރައްޔިތުންގެ ފައިސާގައި ރައްޔިތުންގެ ބިމެއްގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އަމާޒުކުރެވިގެން ކުރާ ކަމަކަށްވާއިރު ވިހިއަހަރުން އަގު ދެއްކިއަސް ސާޅިސް އަހަރުން ދެއްކިއަސް ޢިމާރާތްކުރަން ދިޔަ ޚަރަދަށްވުރެން އެތައްގުނަ އިތުރު ފައިދާއެއް ލުމަކީ އިންސާފުކަމުގައި ނުދެކެމެވެ.

ހުޅުމާލޭ ބިންހިއްކުމުގެ މަޝްރޫޢުގެ ފެށުންއިރު

ވިހި އަހަރުން ދެއްކިއަސް ޢިމާރާތުގެ އަގު ދައުލަތަށް ލިބިލިބި ހުންނާނެތާއެވެ. ޢިމާރާތް މަރާމާތުކޮށް ބެލެހެއްޓުމަކީވެސް ޭިމާރާތް ލިބޭ ފަރާތުން ކުރާނެ ކަމަކަށްވީމާ އެތަން މެނޭޖްކުރާ ސަރުކާރުން އިތުރަށް ކުރަންޖެހޭ މާބޮޑު ޚަރަދެއްވެސް ނޯންނާނެކަމަށް ބެލެވެއެވެ. މިދައްކަނީ ބާޒާރުން ގަނެފާއޮތް އަލަނާސިއެއްގެ ވާހަކައެއްނޫނެވެ. ދެދުވަހުން އޭތީ ފީވެ ހަލާކުވެގެން އެއްލާލަން ޖެހުނަސް ޢިމާރާތަކީ އެ ލިބޭފަރާތަކަށް އޭގެ ޒާތުގައި ކުރެވިފައިހުރި އިންވެސްޓްމެންޓެކެވެ. ކުޅުދުއްފުއްޓަކަސް އައްޑޫ އަތޮޅު ހިތަދޫ އަކަސް ދިވެހި ރައްޔިތުންގެ ބިމެއްގައި ދިވެހި ރައްޔިތުންގެ ފައިސާއިން ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދާ ދިނުމުގެ ބޭނުމުގައި އިމާރާތްކުރާ ތަންތަން ދިނުމުގައި އަގުބޮޑު ކުރުމަކީ އިންސާފެއްނޫނެވެ.

ސަރުކާރުގެ ފަރާތުން އެ މަޝްރޫއުތައް ހިންގައި ވިލަރެސް ކުރުމުގައި މަސައްކަތްކުރާ އެންމެންނަށް މުސާރަ ދެނީ ދިވެހި ދައުލަތުގެ ފައިސާއިންނެވެ. މާނަޔަކީ ރައްޔަތުންގެ އަތުން ނަގާ ޓެކްސްފައިސާ އާއި ރައްޔަތުން ރަހުނުކޮށްފާ ތަންތަނުން ނަގާ ލޯނާއި ރައްޔަތުން ބިކަޙާލުގައި އުޅޭތީއޭ ބުނެދީ ބޭރުގެ ގައުމުތަނުންނާއި ބޮޑެތި ޖަމާޢަތްތަކުން ސަލާމްޖަހައިގެން ހޯދާ ފައިސާއިންނެވެ.

ނުނިމޭ…….

އިތުރު މަޢުލޫމާތް ސަންދާނާ ހިއްސާކޮށްލަވާ!

Loading

One Response

  1. ސުރުޚީގައި ބުނެފައިވާ ފަދައިން ބިރުގަންނަން ޖެހޭ ކަމެކެވެ. ވަޒީފާއާއި ހަވާލުވެގެން ތިބިބަޔަކު އިންސާފުން ބޭރުގައި ހިންގާ ކަމަކަށް ވާތީއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް