ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ހަދާފައިވާ އާ ރަންވޭ އަންނަ ހަފްތާގައި ބޭނުންކުރަން ފެށުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ތައްޔާރުވާން ފަށައިފިއެވެ.
އެމްއޭސީއެލް އިން ބުނީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހު އާ ރަންވޭ ބޭނުންކުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށެވެ.
ރައީސް ޔާމިން ވެރިކަމުގައި ހެދި އާރަންވޭގެ މަސައްކަތް ނިންމައި ޔާމިންގެ ފަސް އަހަރުގެ ދައުރު ނިމެން ކައިރިވެފައިވަނިކޮށް 2018ވަނަ އަހަރު ޓެސްޓް ފްލައިޓްވެސް ވަނީ އެ ރަންވޭއަށް ޖައްސާއެވެ. އާ ރަންވޭ ހުޅުވުން ލަސްވެފައިވަނީ ކޮވިޑާ ގުޅިގެން ކުރިމަތިވި ޑިލޭ އާއި ސީ ޕްލޭން ޓާމިނަލް އެހެން ސަރަހައްދަކަށް ބަދަލުކުރުމުގެ ތެރޭގައި އޭރު ޖެހުނު މައްސަލަތަކާ ހެދި ކަމަށް އެމްއޭސީއެލުން ކުރިން ބުނެފައިވެ އެވ.
އާ ރަންވޭ ބޭނުންކުރަން ލަސްވެ އެތައް ބައެއްގެ ފާޑުކިޔުން ސަރުކާރާއި އެމްއޭސީއެލަށް އަމާޒުވެފައިވާއިރު އެމްސީއެލް އިން ބުނީ މި ހަފްތާގެކުރީކޮޅު ރަންވޭގައި އިންސްޓްރޫމެންޓް ލޭންޑިން ސިސްޓަމް (އައިއެލްއެސް) ވެސް ހަރުކޮށްފައި ވާކަމަށާ އަދި އެ ރަންވޭ ބޭނުންކުރުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަކަމަށެވެ.
އައިއެލްއެސް އަކީ މޫސުމީ ހާލަތަށް ބަލައި މަތިންދާބޯޓުތައް ރަންވޭގައި ޖައްސަން ޕައިލެޓުންނަށް އެހީތެރިވެދިނުމަށް ބޭނުންކުރާ ނެވިގޭޝަން ސިސްޓަމެކެވެ.
ވީ.އައި.އޭގެ އައު ރަންވޭއަކީ 3400 މީޓަރު ދިގު، 65 މީޓަރު ފުޅާ ރަންވޭއެކެވެ. ކޯޑް.އެފް ފެންވަރުގެ މި ރަންވޭއަކީ ކޮމާޝަލް ދަތުރުތަކުގައި މިވަގުތު ބޭނުންކުރާ އެންމެ ބޮޑެތި ބޯޓުފަހަރުކަމަށްވާ A380 މަރުކާގެ ބޯޓު ފަހަރަށްވެސް ޖެއްސޭނެހެން ފަރުމާކޮށްފައިވާ ރަންވޭއެކެވެ.