ޓައިވާނުގެ ސިފައިން ވަނީ މީގެ ދެ ދުވަސް ކުރިން ލައިވް ފަޔާ އާރޓިލެރީ ޑްރިލްއެއް ބާއްވާފައެވެ. މި ޑްރިލް ބެއްވުމުގެ މަގްސަދަކީ ޗައިނާއިން އެ ގައުމަށް ހަމަލާއެއް ދީފިނަމަ އެއިން ރައްކާތެރިވާން ދަސްކުރުން ކަމަށް އެ ގައުމުން ބުނެފައިވެއެވެ.
ޓައިވާންގެ އަށްވަނަ އާމީކޯޕްސްގެ ތަރުޖަމާނު ލޫ ވޮއެޖީ ބުނެފައިވާ ގޮތުގައި މި ޑްރިލް ފެށިފައިވަނީ މިދިޔަ އަންގާރަ ދުވަހު މެންދަމުގެ ވަގުތެއްގައެވެ. އަދި އެހާ ގިނަ ވަގުތު މިކަމަށް ހޭދަ ނުކޮށް ގަޑިއެއްގެ އިރު ތެރޭގައި ޑްރިލް ނިންމާފައިވާނެ ކަމަށްވެސް އޭނާ މައުލޫމާތުދެއްވިއެވެ.
މިދުވަސްކޮޅު ޗައިނާއިން ޓައިވާނަށް ހަމަލާއެއް ދީފާނެކަމުގެ ބިރު ބޮޑު ކަމަށް އެ ގައުމުން ދެކެއެވެ. ޓައިވާނަށް މިދިޔަ ހަފްތާގެ ތެރޭގައި އެމެރިކާގެ ހައުސް ސްޕީކާއެއް ކަމަށްވާ ނޭންސީ ޕެލޯސީ ރަސްމީ ދަތުރުފުޅެއް ކުރެއްވުމާ ގުޅިގެން ޗައިނާއިން ވަނީ ނުރުހުން ފާޅުކޮށްފައެވެ. އެއީ ފާއިތުވި ދިހަ އަހަރުގެ ތެރެގައި އެމެރިކާގެ ސިޔާސީ އިސް ލީޑަރެއް ޓައިވާނަށް މިފަދަ ރަސްމީ ދަތުރުފުޅެއް ކޮށްފައި ނުވާތީއެވެ.
ޓައިވާން އާއި ޗައިނާ އަކީ ދާދި ކައިރީގައި އޮންނަ ދެ ގައުމެވެ. ޗައިނާއިން ދެކޭގޮތުގައި ޓައިވާނަކީ ޗައިނާގެ ބިމެކެވެ. ކޮންމެވެސް ދުވަހަކުން ޓައިވާން ހިފާނެކަމުގެ އިންޒާރުވެސް ޗައިނާއިން މީގެ ކުރިން ދީފައިވެއެވެ.
އެހެންކަމުން ޓައިވާން ރައްޔިތުން ތިބެނީ އަބަދުވެސް މިކަމުގެ ބިރުވެރިކަމުގެ ތެރޭގައެވެ. އަދި އެ ގައުމުން މިފަދަ ޑްރިލްތައް ގިނަގިނައިން ހިންގައެވެ. އެއީ ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއް ކަމަށް އެ ގައުމުން ބުނެއެވެ.